އެމެރިކާގެ އެންމެ އުތުރުގައި އޮންނަ އަވަށް ކަމަށްވާ އެލަސްކާގެ އުޓްގިއާގްވިކް
އެމެރިކާގެ އެންމެ އުތުރުގައި އޮންނަ އަވަށް ކަމަށްވާ އެލަސްކާގެ އުޓްގިއާގްވިކް
އެމެރިކާގެ އެންމެ އުތުރު ބިތުގައި އޮންނަ އެލަސްކާގެ އުޓްގިއާގްވިކް އަވަށަށް މިދިޔަ ބުދަ ދުވަހު އިރު އޮއްސުމާއެކު، ކުރިއަށް އޮތް 65 ދުވަހުގެ ދިގު އަނދިރި މުއްދަތު ގުނަން ފަށައިފިއެވެ. ދެން އެ ސަރަޙައްދަށް އިރުގެ އަލިކަން ފެންނާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 23 ވަނަ ދުވަހުއެވެ.

ކުރިން "ބެރޯ" ގެ ނަމުން މަޝްހޫރުވެފައިވާ މި އަވަށަށް ނޮވެންބަރު 18 ވަނަ ދުވަހު އިރު އޮއްސުމާއެކު، ދެ މަހަށްވުރެ ދިގު މުއްދަތަކަށް ދެމިގެންދާ ފިނިގަދަ އަދި އަނދިރި ދުވަސްތައް މިވަނީ ފެށިފައެވެ.

އާކްޓިކް ސަރަޙައްދުގައި ހިމެނޭ މި އަވަށަށް ކޮންމެ އަހަރަކުވެސް މިފަދަ ޤުދުރަތީ ބަދަލެއް އަންނަނީ، ދުނިޔެ އޭގެ އޯބިޓުގައި ދައުރުވަމުންދާއިރު ވާ ފަރާތަށް އަރިވެފައި ހުންނަ މިންވަރުގެ ސަބަބުންނެވެ. އެގޮތުން، ނޮވެންބަރު މަހުގެ ފަހުކޮޅުން ފެށިގެން ޖެނުއަރީ މަހުގެ ނިޔަލަށް، ދުނިޔޭގެ އުތުރު ތަނޑީގެ 60 އާއި 90 ޑިގްރީއާ ދެމެދުގެ ސަރަޙައްދުތަކަށް އިރުގެ ސީދާ ދޯދިތައް ނުފޯރާނެއެވެ. ނަތީޖާއެއްގެ ގޮތުން، މި މުއްދަތުގައި އެ ސަރަޙައްދުތަކުން އިރު އެރުމާއި އިރު އޮއްސުމުގެ މަންޒަރެއް ނުފެންނާނެއެވެ.

"ޕޯލާ ނައިޓް" ގެ ގޮތުގައި ފާހަގަކުރެވޭ މި ދުވަސްވަރު، މުޅި ސަރަޙައްދު އެއްކޮށް ކަނު އަނދިރި ނުވި ނަމަވެސް، ފެންނާނީ ހަވީރުގެ ފަނޑު އަލިކަން ކަހަލަ ފަނޑު އަލިކަމެކެވެ.

ފިނި މޫސުމުގެ މި ދުވަސްވަރު ދުވާލުގެ އަލިކަން ގެއްލިގެން ދިޔަ ކަމުގައި ވިޔަސް، ހޫނު މޫސުމުގެ ޖޫން އަދި ޖުލައި މަހު މި ސަރަޙައްދަށް 24 ގަޑިއިރު އިރުގެ އަލިކަން ލިބެމުންދާނެއެވެ. ނަމަވެސް، ކުރިއަށް އޮތް ދެ މަހެއްހާ ދުވަހު، އުތުރު އެލަސްކާގެ މި ރައްޔިތުން ހޭދަކުރާނީ ދިގު ރޭގަނޑެއްގެ ގޮތުގައެވެ.



ކިޔުންތެރިންގެ ހިޔާލު