އުމުރުން 10 އަހަރުގެ އެޑުއާޑޯގެ ކާމިޔާބީގެ އުގަލުގައި އުފާވެރިކަމުގެ ކަރުނާއެކު އެކުވެރިޔާ އޭނާގެ ފގައިގައި ބައްދާލައިގެން
އުމުރުން 10 އަހަރުގެ އެޑުއާޑޯގެ ކާމިޔާބީގެ އުގަލުގައި އުފާވެރިކަމުގެ ކަރުނާއެކު އެކުވެރިޔާ އޭނާގެ ފގައިގައި ބައްދާލައިގެން
ތަޢުލީމީ ދާއިރާގައި މަސައްކަތްކުރާ ކޮންމެ މުދައްރިސަކާއި ބެލެނިވެރިއެއްގެ ހިތަށް އަސަރުކުރުވާފަދަ ވީޑިއޯއެއް ދާދިފަހުން ވަނީ މީސްމީޑިއާގައި އާންމުވެފައެވެ. ބްރެޒިލްގެ ސްކޫލެއްގެ ފަސްވަނަ ގްރޭޑްގައި ކިޔަވާ އުމުރުން 10 އަހަރުގެ އެޑުއާޑޯ ނަމަކަށް ކިޔާ ދަރިވަރަކު، އޭނާގެ ކިޔެވުމަށް އައި ބޮޑު ކުރިއެރުމުގެ ޚަބަރު އިވުމުން އުފަލުން ރޮއިގަނެވުނު އިރު ކުލާހުގެ އެންމެ ގާތް އެކުވެރިޔާގެ ފަރާތުން އެ ފެނިގެންދިޔަ އޯގާތެރިކަމުންފުރިގެންވާ މަންޒަރަކީ، އުނގެނުމުގެ މާހައުލެއްގައި އޮންނަންޖެހޭނެ އެންމެ ފުރިހަމަ ގުޅުންތައް ރަމްޒުކޮށްދިން މަންޒަރެކެވެ. މި ހާދިސާއަކީ އަޅުގަނޑުމެންގެ ރާއްޖޭގެ ތަޢުލީމީ ނިޒާމުގެ ތެރޭގައިވެސް ފުންކޮށް ވިސްނާލަންޖެހޭ މުހިންމު ފިލާވަޅުތަކެއް އެކުލެވިގެންވާ ކަމެކެވެ.

މި ވީޑިއޯއިން ބުނެދޭ އެންމެ މުހިންމު އެއް ފިލާވަޅަކީ، ދަރިވަރަކު ކުރާ މަސައްކަތުން ލިބޭ ކުރިއެރުން، އެއީ ކިތަންމެ ކުޑަ މިންވަރެއް ނަމަވެސް ނުވަތަ ވަކި މާއްދާއަކުން ލިބޭ ކުރިއެރުމެއް ކަމުގައި ވިޔަސް، އެހެން ކުދިންގެ ކުރިމަތީގައި އެކަން ފާހަގަކުރުމުގެ މުހިންމުކަމެވެ. މިފަދަ ކަންކަން ފާހަގަކުރުމަކީ ހަމައެކަނި އެ ކާމިޔާބީ ހޯދި ދަރިވަރަށް ލިބޭ ހިތްވަރެއް ނޫނެވެ. އޭގެ ބަދަލުގައި، އެ މަންޒަރު ބަލަން ތިބޭ އެހެން ދަރިވަރުންނަށްވެސް، ގަދައަޅައި މަސައްކަތްކޮށްފިނަމަ ކުރިއަށް ދެވިދާނެކަމުގެ ޔަގީންކަން ލިބި، ކިޔެވުމަށް އޮންނަ ޝައުގުވެރިކަން އިތުރުވެގެންދާނެ ކަމެކެވެ.



ބްރެޒިލްގެ ސްކޫލެއްގައި ދަރިވަރެއްގެ ކިޔެވުމަށް އައި ކުރިއެރުން ފާހަގަކުރުމުގެ ތެރެއިން


މި ވީޑިއޯއިން ފެނުނު އެންމެ އުންމީދީ އެއް މަންޒަރަކީ އެޑުއާޑޯގެ ގާތް އެކުވެރިޔާގެ ފަރާތުން ފެނުނު އިޚްލާޞްތެރިކަމެވެ. އެކުވެރިޔާގެ ކާމިޔާބީގައި ހަސަދަވެރިވުމުގެ ބަދަލުގައި، އުފަލާއެކު ބައްދާލައި ހިތްވަރުދިން މަންޒަރަކީ މިއަދުގެ މުޖުތަމަޢަށް ވަރަށް ބޭނުންތެރި ނަމޫނާއެކެވެ. ސްކޫލްތަކަކީ ވާދަވެރިކަމުގެ މައިދާނަކަށްވުމުގެ ބަދަލުގައި، އެކަކު އަނެކަކަށް އެހީތެރިވެ، އެކަކު އަނެކެއްގެ ކާމިޔާބީގައި އުފާކުރާނެ މާހައުލަކަށް ހެދުމަށް މިއީ ދެވުނު ބާރެކެވެ.

ރާއްޖޭގެ ތަޢުލީމީ ނިޒާމަށް ބަލާއިރު، އަޅުގަނޑުމެންގެ ތެރޭގައި ތަޖުރިބާކާރު، ހުނަރުވެރި އަދި ދަރިވަރުންދެކެ ލޯބިވާ އެތައް މުދައްރިސުންނެއް އެބަތިއްބެވިއެވެ. ނަމަވެސް، ހިތާމައަކީ މިއަދު އަޅުގަނޑުމެންގެ ތަޢުލީމީ ނިޒާމު ބައްޓަންވެފައި އޮތް ގޮތުން، މުދައްރިސުން އެދޭ ފުރިހަމަ މިނިވަންކަމާއެކު ދަރިވަރުންނަށް އެކަށީގެންވާ އަޅާލުން ދިނުމަށް ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމެވެ. އިދާރީ މަސައްކަތްތަކުގެ ބުރަކަމާއި، މުޤައްރަރު ނިންމަން ޖެހޭ ތާވަލުތަކުގެ ސަބަބުން، ދަރިވަރުންގެ ނަފްސާނީ އަދި ޖަޒުބާތީ ބޭނުންތަކަށް ވަގުތު ދިނުމަށް މުދައްރިސުންނަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ. މިއީ ދެބަސްވެވެން ނެތް ހަގީގަތެކެވެ.



ސްކޫލް މާހައުލަކީ ހަމައެކަނި ފޮތްތަކާއި އިމްތިޙާނުތަކެއް ނޫނެވެ. އެއީ އެޑުއާޑޯގެ ވީޑިއޯއިން ފެނިގެންދިޔަ ފަދަ، އެކަކު އަނެކަކަށް ހިތްހެޔޮކަމާއި އޯގާތެރިކަން އިސްކުރާ މާހައުލަކަށް ވާންޖެހެއެވެ. އެކުވެރިޔާގެ ކާމިޔާބީގައި އުފަލުން ބައްދާލާ، މުދައްރިސުންގެ ލޯބިވެތި ހިތްވަރުގެ ބަސްތަކުން ކުއްޖާގެ ދިރިއުޅުން އުޖާލާކޮށްދޭ ތަނަކަށް ވާންޖެހެއެވެ. ރާއްޖޭގެ ތަޢުލީމީ ނިޒާމުގައި ހުރި ނުރަނގަޅު އާދަތައް އިސްލާހުކޮށް، މާކްސްތަކަށްވުރެ ބޮޑަށް ކުއްޖާގެ ޝަޚުޞިއްޔަތު ބިނާކުރުމަށާއި، ކުދިންގެ ކުރިއެރުންތައް ފާހަގަކޮށް ހިތްވަރުދޭ ސަގާފަތެއް އާލާކުރުން މިއަދު ވަނީ މަޖުބޫރުވެފައެވެ.

އެޑުއާޑޯގެ ކަރުނުން ބުނެދެނީ ތައުލީމަކީ ހަމައެކަނި ސިކުނޑިއަށް ބަރުކުރާ މަޢުލޫމާތުތަކެއް ނޫންކަމެވެ. އެއީ ހިތާއި ހިތުގެ ގުޅުމެވެ. އަޅުގަނޑުމެންގެ ސްކޫލްތަކަކީވެސް ކޮންމެ ދަރިވަރަކަށް އެކުއްޖާގެ އަގު ވަޒަންކުރެވޭ، އޯގާތެރިކަމުން ފުރިގެންވާ މާހައުލަކަށް ހެދުމަށް އެންމެން އަތްގުޅާލަމާ ހިނގާށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް