އީސީގެ މެންބަރުން މަޖިލީހުގައި
އީސީގެ މެންބަރުން މަޖިލީހުގައި
އަންނަ އަހަރަށް ލަފާކުރާ އީސީގެ ބަޖެޓު ކަނޑައަޅާފައިވަނީ އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ބޭނުންތަކަށް ބަލައިގެން ނޫން ކަމަށާއި، މިހާރު ކަނޑައަޅާފައިވާ ބަޖެޓަށް 40 މިލިއަން ރުފިޔާ އިތުރުކޮށް ދިނުމަށް އެ ކޮމިޝަނުން ރައްޔިތުންގެ މަޖިލީހުގައި އެދިއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީގައި ވާހަކަދައްކަވަމުން އީސީގެ ރައީސް މުހައްމަދު ޝަކީލް މިއަދު ވިދާޅުވީ، އަންނަ އަހަރަށް ކަނޑައަޅާފައިވާ ބަޖެޓުން އޮފީސް "ހުޅުވައި ލެއްޕުން" ފިޔަވައި އިތުރު އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށެވެ. އަދި 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށްޓަކައި ބަޖެޓުގައި ހިމެނި އަދަދުތައް ވެސް އުނިކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝަކީލް ވިދާޅުވީ، އަންނަ އަހަރަށް އީސީއަށް ކަނޑައަޅާފައިވަނީ 67 މިލިއަން ރުފިޔާ ކަމަށެވެ. ނަމަވެސް އޭގެ ތެރެއިން 35 މިލިއަން ރުފިޔާއަކީ ސިޔާސީ ޕާޓީތަކަށް ދޫކުރަންޖެހޭ ފައިސާ ކަމަށްވުމުން، ކޮމިޝަނުގެ އިދާރީ ކަންކަން ހަމަޖެއްސުމަށް ލިބެނީ އެންމެ 29.7 މިލިއަން ރުފިޔާއެވެ.

"ކުރު ގޮތަކަށް ދަންނަވާ ކަމަށް ވަންޏާ މިހާރު އަޅުގަނޑުމެންނަށް ދެއްވައިފައި މި އޮތް ބަޖެޓުން އޮފީސް ހުޅުވައި ލެއްޕުން ފިޔަވައި އަޅުގަނޑުމެންނަށް ހަމަ ކުރެވޭނެ އިތުރު އެއްވެސް ކަމެއް ނެތޭ އަޅުގަނޑު ދަންނަވައިލާނީ." އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ހިނގަމުންދާ އަހަރުގެ ބަޖެޓުން ވެސް އެ ކޮމިޝަނަށް އެންގުމަކާ ނުލައި ގާތްގަނޑަކަށް ނުވަ ލައްކަ ރުފިޔާ އުނިކޮށްފައިވާ ކަމަށާއި، އޭގެ ތެރޭގައި މަރާމާތަށާއި ސާވާ ސެކިއުރިޓީއަށް ބޭނުންވާ ބަޖެޓު ހިމެނޭ ކަމަށް އީސީގެ މެންބަރު ހަސަން ޒަކަރިއްޔާ ވިދާޅުވިއެވެ. އަދި 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ބޭނުންވާ ބޮޑެތި ޕްރޮކިއުމެންޓްތަކާއި ޑިޖިޓަލް ސިސްޓަމްތައް ހަރުދަނާކުރުމަށް ބަޖެޓުގައި އެއްވެސް އަދަދެއް ހިމަނާފައި ނުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޒަކަރިއްޔާ ވިދާޅުވީ، މިހާރު އޮތް ގޮތުން ހުރިހާ ތައްޔާރީތަކެއް ވާން ޖެހޭނީ 2028 ވަނަ އަހަރު ކަމަށާއި، ސެޕްޓެމްބަރު މަހު އޮންނަ އިންތިހާބަކަށް ޖެނުއަރީ މަހު މަސައްކަތް ފަށައިގެން ޕްރޮކިއުމެންޓް ނިންމަން ލިބޭނީ އެންމެ ހައެއްކަ މަސްކަމުން އިންތިހާބުގެ ކަންކަން އެދެވޭ ގޮތުގައި ކުރިއަށް ގެންދިއުމަށް ބޮޑެތި ގޮންޖެހުންތަކާއި ހުރަސްތައް ކުރިމަތިވާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި އީސީގެ ނައިބު ރައީސް ސޮލާހް ރަޝީދު ވިދާޅުވީ، އެ ކޮމިޝަނުން ފިނޭންސް މިނިސްޓްރީއަށް ހުށަހެޅި ބަޖެޓުން ދެ މިލިއަން ރުފިޔާ އުނިކޮށްފައިވާއިރު، އޭގެ ބޮޑު ބައެއް އުނިކޮށްފައިވަނީ މުވައްޒަފުންގެ މުސާރައިގެ ބައިން ކަމަށެވެ. އަދި އީސީން އަދިވެސް ޕޭ ހާމަނައިޒޭޝަން އޮނިގަނޑަށް ފައްތާފައި ނުވާއިރު، އަންނަ އަހަރު އެފަދަ ބަދަލެއް އައިސްފިނަމަ މުސާރައަށް އަންނާނެ އިތުރުވުންތައް ވެސް ބަޖެޓުގައި ހިމަނާފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، އީސީ މިހާރު ހިންގަމުންދާ އިމާރާތް ހުސްކުރުމަށް ލިޔުމުން ނޯޓިސް ދީފައިވާއިރު، އޮފީސް ހިންގާނެ އެހެން ޖާގައެއް އަދިވެސް ހަމަޖެހިފައި ނުވާތީ، އޮފީހުގެ ކުއްޔަށް އިތުރަށް ހިނގާނެ ހަރަދު ވެސް ކަށަވަރު ނުވާކަމަށް ކޮމިޝަނުން ވަނީ ބަޖެޓު ކޮމިޓީގައި ފާހަގަކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު