މަސްޖިދުއްނަބަވީ
މަސްޖިދުއްނަބަވީ
މަސްޖިދުއްނަބަވީގައި ހިލޭސާބަހަށް ޚިދުމަތްކުރުމުގެ (ވޮލަންޓިއަރ ކުރުމުގެ) ހަތަރު ފުރުޞަތެއް ސަޢޫދީ ޢަރަބިއްޔާގެ ނޭޝަނަލް ވޮލަންޓިއަރ ޕްލެޓްފޯމް މެދުވެރިކޮށް ހުޅުވާލައިފިއެވެ.

މި ފުރުޞަތުތަކުގެ ތެރޭގައި ހިމެނެނީ މިސްކިތަށް ޒިޔާރަތްކުރާ މީހުންނަށް މަގުދައްކައިދިނުމާއި، މީހުން ގިނަވާ ވަގުތުތަކުގައި ތޮއްޖެހުން ކުޑަކުރުމަށް ސަރަޙައްދުތައް ބެލެހެއްޓުމާއި، މީރުވަސްދުވާ ސުގަންދީ ބެހުމުގެ އިތުރުން ހުކުރު ނަމާދުގެ އިންތިޒާމުތައް ހަމަޖެއްސުމެވެ.

މި ވޮލަންޓިއަރ ޕްރޮގްރާމް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ 2026 ވަނަ އަހަރުގެ ނޮވެމްބަރު 11 އިން ޑިސެމްބަރު 9 ގެ ނިޔަލަށެވެ. އެގޮތުން މަގުދެއްކުމާއި ތޮއްޖެހުން ކޮންޓްރޯލްކުރުމުގެ މަސައްކަތް ކޮންމެ ދުވަހަކު ހަވީރު 4:00 އިން ރޭގަނޑު 8:00 އަށް ކުރިއަށްދާއިރު، ސުގަންދީ ބެހުމުގެ ޚިދުމަތް ކުރިއަށްދާނީ ހެނދުނު 10:00 އިން މެންދުރު 2:00 އަށް އަދި ހަވީރު 4:00 އިން ރޭގަނޑު 8:00 އަށެވެ. މީގެއިތުރުން ހުކުރު ނަމާދުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށްދާނީ ނޮވެމްބަރު 13، 20، 27 އަދި ޑިސެމްބަރު 4 ވަނަ ދުވަހުގެ ހެނދުނު 9:00 އިން މެންދުރު 2:00 އަށެވެ. މި ފުރުޞަތުތަކަށް އެދި ހުށަހަޅާ ފަރާތްތަކުގެ މެދުގައި އިންޓަވިއުއެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ޢުމުރުން 15 އަހަރާއި 90 އަހަރާ ދެމެދުގެ ފިރިހެނުންނަށް ޚާއްޞަކޮށްފައިވާ މި ފުރުޞަތުތަކަށް ސަޢޫދީގެ ރައްޔިތުންނާއި، އެ ޤައުމުގައި ދިރިއުޅޭ ބިދޭސީންގެ އިތުރުން އެކި ބޭނުންތަކުގައި ޒިޔާރަތްކޮށްފައިވާ ފަރާތްތަކަށްވެސް ކުރިމަތިލެވޭނެއެވެ. ނަމަވެސް ބޭރު ޤައުމުތަކުން ކުރިމަތިލާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހެޅުމުގެ ކުރިން އެ ޕްލެޓްފޯމްގައި ރަޖިސްޓްރީ ކުރެވޭނެކަން ކަށަވަރުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

މި ޕްރޮގްރާމަށް އެދި ހުށަހެޅުމަށްޓަކައި، ކަމާބެހޭ ވެބްސައިޓަށް ވަޑައިގެން 'މަސްޖިދުއްނަބަވީ' ޚިޔާރުކުރެއްވުމަށްފަހު، އެދިވަޑައިގަންނަވާ ޚިދުމަތެއް ފާހަގަކުރައްވައި ފޯމު ހުށަހެޅުއްވޭނެއެވެ. މިއީ މަސްޖިދުއްނަބަވީއަށް ޒިޔާރަތްކުރާ އަޅުވެރިންނާއި މެހެމާނުންނަށް ޚިދުމަތްކުރުމަށް ލިބިގެންދާ ނުހަނު މަތިވެރި އަދި އަގުހުރި ފުރުޞަތެކެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް