ޓީއެމްއޭ އެކްސިޑެންޓް-
ޓީއެމްއޭ އެކްސިޑެންޓް-
ޓްރާންސް މޯލްޑިވިއަން އެއަރވޭސް (ޓީއެމްއޭ) ގެ ސީޕްލޭނެއް ޑޮކްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓް، މޯލްޑިވްސް ޓްރާންސްޕޯޓު ސޭފްޓީ ބޯޑު (އެމްޓީއެސްބީ) އިން ތަހުގީގު ކުރަން ފަށައިފިއެވެ.

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ދަށުން ހިންގަމުން އަންނަ އެމްޓީއެސްބީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިއްޔެ ހިނގި މި ހާދިސާ އެ ބޯޑުން މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އަދި މި ހާދިސާއާ ގުޅޭގޮތުން މައުލޫމާތު ކަށަވަރުވަމުންދާ މިންވަރަކުން އިތުރު ތަފްސީލު ހާމަކުރަމުން ގެންދާނެ ކަމަށް ވެސް އެ ބޯޑުން ވަނީ ބުނެފައެވެ.

އެމްޓީއެސްބީގެ ބަޔާނުގައި ވާގޮތުން، ސީޕްލޭން ޑޮކްގައި ޖެހި ހިނގި މި ހާދިސާގައި ބޯޓުގެ ކެބިން އެޓެންޑެންޓަކަށް ވަނީ އަނިޔާވެފައެވެ. އަދި އޭނާއަށް މިހާރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށާއި، މި ހާދިސާގައި އިތުރު އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް އެ ބޯޑުން ކަށަވަރުކޮށްދެއެވެ. ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، އަނިޔާވި ކްރޫ މެންބަރަށް ފަރުވާ ދެމުން އަންނަނީ ޓްރީޓޮޕް ހޮސްޕިޓަލުގައެވެ. އަދި އޭނާގެ ހާލު ސީރިއަސް ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

ޓީއެމްއޭ އިން މައުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާ ހިނގުމާއެކު ބޯޓުން ދަތުރުކުރި އެންމެހައި ފަސިންޖަރުންނާއި ފަޅުވެރިން ވަނީ ވަގުތުން ރައްކާތެރިކަމާއެކު ބޯޓުން ބާލުވާފައެވެ. މި އެކްސިޑެންޓްގެ ވީޑިއޯތަކާއި ފޮޓޯތައް ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުން އަންނައިރު، އޭގެއިން ފެންނަ ގޮތުގައި ބޯޓުގެ ކަނދު ވަނީ ބިންދައިގެން ގޮސްފައެވެ. އަދި ބޯޓު އޮތީ އެއްފަރާތަކަށް ވަރަށް ބޮޑަށް އަރިއަޅާލާފައެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ޓްރާންސްޕޯޓު ސޭފްޓީ ބޯޑުން ކުރަމުންދާ ތަހުގީގު ނިމުމުން، ހާދިސާ ހިނގި ސަބަބު ސާފުވެގެންދާނެ ކަމަށް ބެލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް