އާޖެންޓީނާގެ އަސްކަރިއްޔާ
އާޖެންޓީނާގެ އަސްކަރިއްޔާ
އީރާނާއި އާޖެންޓީނާއާ ދެމެދު އޮތް ޚާރިޖީ ނުތަނަވަސްކަން އިތުރަށް ގޯސްވެ، އާޖެންޓީނާގެ ކަނޑުގެ އަސްކަރިއްޔާއާއި ވައިގެ ސިފައިންނަކީ "ޓެރަރިސްޓް ޖަމާޢަތްތަކެއް" ކަމަށް އީރާނުގެ ޚާރިޖީ ވުޒާރާއިން ރަސްމީކޮށް ކަނޑައަޅައިފިއެވެ.

މި ނިންމުމަކީ މިއަހަރުގެ މާރިޗު މަހު އާޖެންޓީނާގެ ރައީސް ހާވިއޭ މިލޭގެ ސަރުކާރުން، އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) އަކީ ޓެރަރިސްޓް ޖަމާޢަތެއްގެ ގޮތުގައި ކަނޑައެޅުމާ ގުޅިގެން، އޭގެ ރައްދެއްގެ ގޮތުން އެޅި ފިޔަވަޅެކެވެ.

އީރާނުގެ ޚާރިޖީ ވުޒާރާއިން ހާމަކުރި ގޮތުގައި މިއީ މަޖުބޫރުވެގެން އަޅަންޖެހުނު ރައްދު ފިޔަވަޅެކެވެ. އަދި މި ނިންމުމުގެ ސަބަބުން ކުރިމަތިވެދާނެ އެންމެހައި ނަތީޖާތަކަށް ފުރިހަމައަށް ޒިންމާވާންޖެހޭނީ އާޖެންޓީނާގެ ސަރުކާރުން ކަމަށްވެސް އެ ވުޒާރާއިން ބަޔާންކޮށްފައިވެއެވެ.

ނަމަވެސް، އާޖެންޓީނާގެ ޚާރިޖީ ވުޒާރާއިން ވަނީ އީރާނުގެ މި ނިންމުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އަދި މިއީ އެއްވެސް އަސާސެއް ނެތް، ބަލައިގަނެވޭނެ ފަދަ ޙައިޘިއްޔަތެއް ނެތް ނިންމުމެއް ކަމަށް އެ ވުޒާރާއިން ފާހަގަކޮށްފައިވެއެވެ.

ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން ބޮޑުތަނުން ހީނަރުވެގެން ގޮސްފައިވަނީ، 1994 ވަނަ އަހަރު ބުއެނެސް އައިރެސްގައި ހުންނަ ޔަހޫދީ މަރުކަޒަކަށް ދިން ނުރައްކާތެރި ބޮމުގެ ޙަމަލާގެ ފަހަތުގައިވަނީ އީރާނުގެ މަދަދު ލިބޭ ޙިޒްބުﷲ ޖަމާޢަތް ކަމަށް އާޖެންޓީނާއިން ކުރާ ތުހުމަތުތަކާ ގުޅިގެންނެވެ.

ޖުމްލަ 85 މީހުންގެ ފުރާނަ ގެއްލިގެންދިޔަ އެ ޙަމަލާގެ ހަނދާންތައް އާކުރައްވަމުން، ރައީސް މިލޭގެ ސަރުކާރުން މިހާރު ވަނީ ހުޅަނގުގެ ބާރުތަކާ ގުޅިގެން އީރާނާ ދެކޮޅަށް ހަރުކަށި ސިޔާސަތުތަކެއް ތަންފީޛުކުރަން ފަށާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް