މަރްޔަމް ނަހްދާ ވަޙީދު   10 ނޮވެމްބަރު 2026 - 13:59
ޕްލާސްޓިކް ވްރެޕުން ކާބޯތަކެތި ބަންދުކުރަނީ
ޕްލާސްޓިކް ވްރެޕުން ކާބޯތަކެތި ބަންދުކުރަނީ
ކާބޯތަކެތި ރައްކާތެރިކަމާއެކު ބަންދުކުރުމަށް އާންމުކޮށް ބޭނުންކުރާ ކްލިންގް ފިލްމާއި ފުޑް ރެޕިން ފަދަ ތަކެތިން އިމްޕޯޓް ޑިއުޓީ ނުނަގާ ގޮތަށް ސަރުކާރުން ހަމަޖައްސައިފިއެވެ.

މި ބަދަލު ގެނެސްފައިވަނީ މުދާ އެކްސްޕޯޓް ކުރުމާއި އިމްޕޯޓް ކުރުމާއި އަދި ރީއެކްސްޕޯޓް ކުރުމުގެ ގަވާއިދަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން ގެނައި އިސްލާހެއްގެ ދަށުންނެވެ. މި އިސްލާހު އިއްޔެ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރުމާއެކު، އެ އުސޫލަށް މިހާރު ވަނީ ވަގުތުން އަމަލުކުރަން ފަށައިފައެވެ.

ގެޒެޓުކޮށްފައިވާ އިސްލާހުގައިވާ ގޮތުން، ބަދަލު ގެނެސްފައިވަނީ މަތީގައި ބަޔާންކުރެވުނު ގަވާއިދުގެ 30 ވަނަ މާއްދާގެ (ޅ) ގެ ދެވަނަ ނަންބަރަށެވެ. މި މާއްދާއަކީ ދިވެހިރާއްޖޭގެ އިމްޕޯޓު އެކްސްޕޯޓު ގާނޫނުގެ 39 ވަނަ ބާބުގެ (ޏ) ގައި ބަޔާންކޮށްފައިވާ، ކާބޯތަކެތި ބަންދުކުރުމަށް އެތެރެކުރާ ތަކެތީގެ ތެރެއިން ޑިއުޓީ އިސްތިސްނާވާ ބާވަތްތައް ބަޔާންކުރާ މާއްދާއެވެ.

މީގެ ކުރިން މި ގަވާއިދު އޮތް ގޮތުން ނަމަ، ޑިއުޓީ މައާފުވަނީ ހަމައެކަނި ކާބޯތަކެތި ބަންދުކުރުމަށް ބޭނުންކުރާ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ފިލްމާއި، ޝީޓު އަދި ޓިއުބް ރޯލުން އެކަންޏެވެ. އަދި ވަގުތީ ގޮތުން ކާބޯތަކެތި ބަންދުކުރުމަށް ނުވަތަ ރައްކާކުރުމަށް ގޭބިސީތަކުގައްޔާއި ކެފޭ/ރެސްޓޯރެންޓުތަކުގައި ފުޅާދާއިރާއެއްގައި ބޭނުންކުރާ ކްލިންގް ފިލްމާއި ފުޑް ރެޕިން ފަދަ ތަކެތި އޮތީ އެ އިނާޔަތުން އިސްތިސްނާކޮށްފައެވެ. ނަމަވެސް، އިއްޔެ ގެނެވުނު އިސްލާހާއެކު އެ ހުރަސް ނެތިގޮސް، ރާއްޖެއަށް އެތެރެކުރާ އެ

ފަދަ ހުރިހާ ބާވަތެއްގެ ކްލިންގް ފިލްމުން ޑިއުޓީ ދައްކާކަށް ދެން ނުޖެހޭނެއެވެ.

އިކޮނޮމިކް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި މި އިސްލާހު ގެނައުމުގެ މައިގަނޑު ބޭނުމަކީ، ކާބޯތަކެތީގެ ހިދުމަތް ދޭ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި، ރެސްޓޯރެންޓް ފަދަ ތަންތަން ހިންގާ ފަރާތްތަކުގެ ހަރަދުތައް ކުޑަކޮށްދީ، ވިޔަފާރިތަކަށް އިތުރު ލުއިފަސޭހަތަކެއް ފަހިކޮށްދިނުމެވެ. މީގެ އިތުރުން މިއީ ކާބޯތަކެތީގެ ސާފުތާހިރުކަމާއި ރައްކާތެރިކަން ދެމެހެއްޓުމަށް ބާރުއެޅުމުގެ ގޮތުންވެސް އެޅުނު މުހިންމު ފިޔަވަޅެކެވެ.



ކިޔުންތެރިންގެ ހިޔާލު