އިބްރާހީމް އިސްމާޢީލް (އިބުރާ)
އިބްރާހީމް އިސްމާޢީލް (އިބުރާ)
ކުރީގެ ފޮރިން މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް ޢަބްދުﷲ ޝާހިދާ ސިޔާސީ ގޮތުން ކިތަންމެ ޚިޔާލު ތަފާތުވުންތަކެއް ހުރި ނަމަވެސް، ޝަރީޢަތަށް ސާބިތުނުވާހައި ހިނދަކު އެމަނިކުފާނުގެ މައްޗަށް ކުރެވޭ ތުހުމަތުތައް ޤަބޫލުނުކުރައްވާނެ ކަމަށް ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ކުރީގެ މެންބަރު އިބްރާހީމް އިސްމާޢީލް (އިބްރާ) ވިދާޅުވެއްޖެއެވެ.

އިބްރާ މިހެން ވިދާޅުވީ، ޢަބްދުﷲ ޝާހިދުގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ސޯޝަލް މީޑިއާގައި ޙިއްޞާކުރެއްވި ޕޯސްޓެއްގައެވެ.

އެ ޕޯސްޓުގައި އިބްރާ ފާހަގަކުރެއްވި ގޮތުގައި، ޢަބްދުﷲ ޝާހިދަކީ ދައުލަތުގެ ވަޒީރުކަމާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމާއި، އެންމެ ބޮޑު ސިޔާސީ ޕާޓީގެ ރައީސްކަމުގެ އިތުރުން އދ. ގެ ޢާންމު މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާފައިވާ، ދައުލަތުގެ ޢިއްޒަތް ލިބިވަޑައިގެންފައިވާ އިސް ބޭފުޅެކެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ޝައުޤުވެރިކަން ފާޅުކުރައްވާފައިވާ ބޭފުޅެއްކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

އިބްރާ ވިދާޅުވީ، އެފަދަ ބޭފުޅަކާ މެދު ތުހުމަތެއް ކުރެވިގެން ތަޙުޤީޤެއް ހިންގި ނަމަވެސް، އެމަނިކުފާނަކީ ކުށްވެރިއެއް ކަމަށް ދެކި، ޢާންމުންގެ މެދުގައި އަބުރު ގެއްލޭ ފަދަ ގޮތަކަށް ފޮޓޯއާއި ވީޑިއޯ ޢާންމުކޮށް ވާހަކަ ފެތުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

މަދުރަސީ ދައުރުން ފެށިގެން ވެސް ޝާހިދު ދަންނަ ކަމަށާއި، ދެބޭފުޅުންގެ ދެމެދުގައި ސިޔާސީ ގޮތުން ޚިޔާލު ތަފާތުވާ ކަންތައްތަކެއް ހުރި ނަމަވެސް، ޝާހިދަކީ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރައްވާފާނެ ބޭފުޅެއް ކަމަށް ޤަބޫލުކުރަން ދަތި ކަމަށް އިބްރާ ވިދާޅުވިއެވެ. އަދި ޝަރީޢަތަކުން އެކަން ސާބިތުނުވާހައި ހިނދަކު އެ ވާހަކަތައް ޤަބޫލުނުކުރައްވާނެ ކަމަށް ވެސް ތަކުރާރުކޮށް ވިދާޅުވިއެވެ.

މީގެއިތުރުން، މި މައްސަލައިގައި ދިވެހި ފުލުހުންގެ ޚިދުމަތަށް އިލްތިމާސްކުރައްވަމުން އިބްރާ ވިދާޅުވީ، އެކި ގޮތްގޮތަށް ވާހަކަތައް ފެތުރުމުގެ ފުރުޞަތު ނުދީ، މި މައްސަލަ ވީ އެންމެ އަވަހަކަށް ތަޙުޤީޤުކޮށް ނިންމައި ޙަޤީޤަތް ސާފުކޮށްދިނުމަށެވެ. އެއީ ޢަބްދުﷲ ޝާހިދާއި، އަނިޔާ ލިބުނު ކަމަށް ބުނާ ކުއްޖާގެ އިތުރުން، ދެފަރާތުގެ ޢާއިލާއާއި މުޅި ޤައުމުގެ މަޞްލަޙަތަށްޓަކައި ވެސް ކޮންމެހެން މުހިންމު ކަމެއް ކަމުގައި އިބްރާހީމް އިސްމާޢީލް ފާހަގަކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް