ގެފުޅު
ގެފުޅު
އީރާނުން ތާއީދުކުރާ ޔަމަނުގެ ހޫތީ ޖަމާޢަތުގެ ހަނގުރާމަވެރިން، އެމެރިކާގެ މަޝްހޫރު ވިޔަފާރިވެރިއެއް އަދި ކުޑަކުދިންނަށް ޖިންސީ ގޯނާކުރި ކަމުގެ ކުށް ސާބިތުވެފައިވާ ޖެފްރީ އެޕްސްޓީންގެ މައްސަލައާ ގުޅުންހުރި ލިޔެކިޔުންތައް ބޭނުންކޮށްގެން، ސައުދީ ޢަރަބިއްޔާގެ އިސްލާމީ ޝަރަފާއި ސިޔާސީ ނުފޫޒަށް ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފިއެވެ.

ހޫތީން ދަނީ ސައުދީ ޝާހީ ޚާންދާނާއި އެޕްސްޓީންއާ ދެމެދު ގުޅުންތަކެއް އޮތްކަމަށް ދަޢުވާކޮށް، ރަސްމީ ބަޔާންތަކާއި، ވީޑިއޯތަކާއި، ސޯޝަލް މީޑިއާގެ އިތުރުން ލަވަތައް މެދުވެރިކޮށް، ފުޅާ ދާއިރާއެއްގައި ޕްރޮޕެގަންޑާ ފަތުރަމުންނެވެ.

މި ކެމްޕޭނުގެ މައިގަނޑު މަޤްޞަދަކީ، އިސްލާމްދީނުގެ އެންމެ މުޤައްދަސް ބިންތައް ހިމެނޭ ސައުދީ ޢަރަބިއްޔާއަކީ އިސްލާމީ އުންމަތުގެ ދިފާޢީ ބާރެއްގެ ގޮތުގައި އޮތް އިތުބާރު ކެނޑުވުމެވެ.

އެގޮތުން، ސައުދީން ހޫތީންގެ މައްޗަށް މައްކާއަށް ޑްރޯން ހަމަލާއެއް ދޭން އުޅުނުކަމުގެ ތުހުމަތު ކުރުމުން، ހޫތީންގެ ވެރިޔާ މަހްދީ އަލް-މަޝާތު ވަނީ އެކަން ދޮގުކުރައްވައި، "ގެފުޅުގެ ކިސްވާ އެޕްސްޓީންއަށް ދިން ބަޔަކީ މައްކާއަށް ނުރައްކާކުރާ ބަޔަކު" ކަމަށް ބުނެ، ސައުދީ ސަރުކާރަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައެވެ.

އޭގެ އިތުރުން، ހޫތީންގެ މައި ލީޑަރު އަބްދުލްމަލިކް އަލް-ހޫތީ ވެސް ވަނީ އެޕްސްޓީންގެ ފައިލްތަކުން ހުޅަނގާއި އިޒްރޭލުގެ ނުފޫޒުގެ ދަށުގައިވާ ލީޑަރުންގެ އަސްލު ސޫރަ ފަޅައި އަރާކަމަށް ބުނެ، ސައުދީއަށް ފާޑުކިޔާފައެވެ. ޔަމަނު ހަނގުރާމައިގެ ސަބަބުން ސައުދީއާ މެދު އުފެދިފައިވާ ނުރުހުން ބޭނުންކޮށްގެން ހޫތީން ސިފަކުރަނީ ސައުދީ ޢަރަބިއްޔާއަކީ އިސްލާމީ އުންމަތާ ދެކޮޅަށް ކަންކަން ކުރާ ޤައުމެއްގެ ގޮތުގައެވެ.

ނަމަވެސް، ހޫތީން ކުރަމުންދާ މި ތުހުމަތުތަކާ ގުޅިގެން ސައުދީ ޢަރަބިއްޔާއިން މިހާތަނަށް ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު