ފެން ޕަންޕު ބަހައްޓައިގެން ފެން ހިންދުމުގައި ހަރަކާތްތެރިވަނީ--
ފެން ޕަންޕު ބަހައްޓައިގެން ފެން ހިންދުމުގައި ހަރަކާތްތެރިވަނީ--
މާލެއަށް މިއަދު އިރުއޮއްސުނުފަހުން ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވެ 21 ގެއަކަށް ފެންވަދެގެން ރިޕޯޓްކޮށްފައިވާ ކަމަށް ނެޝެނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

މި ކަމާ ގުޅޭގޮތުން ނެޝެނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ، ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސް، ފުލުހުން، ރެޑް ކްރެސެންޓް، ސިޓީ ކައުންސިލް، އެމްޓީސީސީ އަދި އެޗްޑީސީ ގުޅިގެން ވަރަށް ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ފެނުގެ އަސަރުކޮށްގެން ރިޕޯޓްކުރާ ގޭބީސީތަކަށް އެހީތެރިވުމުގެ ގޮތުން ވެލިބަސްތާ ޖެހުމުގެ މަސައްކަތް ކުރަމުންދާއިރު، އެކަމަށް ބޭނުންވާ 10،000 ގޯނި މިހާތަނަށް މާލެ ސިޓީ ކައުންސިލާ ހަވާލުކޮށްފައިވާނެ ކަމަށް އެ އޮތޯރިޓީން މައުލޫމާތުދެއެވެ.

މާލެއަށް މިއަދު އިރުއޮއްސުނުފަހުން ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން، ފެން ހިންދުމަށްޓަކައި 10 ސަރަޙައްދެއްގައި ޕަންޕު ބަހައްޓައިގެން ހަރަކާތްތެރިވަމުން އަންނަ ކަމަށް އެމްއެންއެޑީއެފް އިން ހާމަކުރެެއެވެ.

ރޭގަނޑު 10:00 އާ ހަމައަށް އެންޑީއެމްއޭއަށް ލިބުނު މައުލޫމާތަށް ބަލާއިރު، ފެންވަދެގެން ވެލިބަސްތާ ޖަހައިދިނުމަށް އެދި 21 ގެއަކުން ވަނީ ރިޕޯޓްކޮށްފައެވެ. މީގެ އިތުރުން، އެއް ގެއަކުން ނަޖިސް ލީކުވުމުގެ މައްސަލައެއް ފާހަގަކުރެވިފައިވާއިރު، 16 ފިހާރައަކަށާއި، 2 ރެސްޓޯރެންޓަށާއި، 2 ކްލިނިކެއްގެ އިތުރުން ސަރުކާރުގެ 4 އިމާރާތަކަށްވެސް ފެނުގެ އަސަރުކޮށްގެން ރިޕޯޓްކޮށްފައިވާ ކަމަށް އެ އޮތޯރިޓީން ބުނެފައިވެއެވެ.

އިރުއޮއްސުނުފަހުން ފެށުނު ވާރޭ ހުއްޓުމެއްނެތި ބޯކޮށް ވެހެމުންދިއުމުގެ ސަބަބުން، މިވަގުތުވެސް މާލޭގެ ބޮޑެތި މަގުތައް އޮތީ މުޅިން ފެނު އަޑީގައެވެ.



ކިޔުންތެރިންގެ ހިޔާލު