ބްރެޒިލްގެ ރައްޔިތެއް ކަމަށްވާ އެޑިމާ ރޯޝާ މާޓިންސް
ބްރެޒިލްގެ ރައްޔިތެއް ކަމަށްވާ އެޑިމާ ރޯޝާ މާޓިންސް
ޓިކްޓޮކް މެދުވެރިކޮށް އާންމުކުރި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޑީޕްފޭކް އަންހެނެއްގެ ދަލުގައި ޖެހި، ބްރެޒިލްގެ ރައްޔިތަކަށް ބޮޑު މަކަރާއި ހީލަތެއް ކުރިމަތިވެއްޖެއެވެ. މި ހާދިސާ ދިމާވެފައިވަނީ އެޑިމާ ރޯޝާ މާޓިންސް ކިޔާ މީހަކަށެވެ.

އެ އަންހެން މީހާއާ ބައްދަލުކުރުމަށްޓަކައި މާޓިންސް ވަނީ އޭނާގެ މިލްކިއްޔާތުގައި ހުރި ހުރިހާ މުދަލެއް ވިއްކާލުމަށްފަހު، 1,200 މޭލު (ގާތްގަނޑަކަށް 1,930 ކިލޯމީޓަރު) ދުރުގައިވާ ސަރަހައްދަކަށް ދަތުރުކޮށްފައެވެ.

"ޖެސިކާ އޮލިވޭރާ" ގެ ނަމުގައި ހިންގަމުންދިޔަ މި ޓިކްޓޮކް އެކައުންޓަކީ 300,000 އަށްވުރެ ގިނަ ފޮލޯވަރުން ތިބި އެކައުންޓެކެވެ. އެ އެކައުންޓުން ޝާއިޢުކުރި ވީޑިއޯތަކުގައި ބުނެފައިވަނީ، އޭނާގެ ދަނޑުވެރިކަންކުރާ ފާމަށް ބަދަލުވާން އެއްބަސްވާ ފިރިހެނަކަށް މާލީގޮތުން ފުރިހަމައަށް އެހީތެރިކަން ދޭނެ ކަމަށާއި، އަދި މުޅި އުމުރުގައި ދެން އިތުރަށް މަސައްކަތްކުރަން ނުޖެހޭނެ ކަމަށެވެ. ނަމަވެސް، މިއީ ހަގީގަތެއް ނެތް، އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފައްދާފައިވާ ފޭކް ކެރެކްޓަރެއްކަން އޭނާއަށް ވަނީ ނޭނގިފައެވެ.

މި ވީޑިއޯތަކަށް ހެއްލި، މާޓިންސް ވަނީ އޭނާ އަދާކުރަމުންދިޔަ ވަޒީފާ ދޫކޮށްލައި، ހުރިހާ ތަކެއްޗެއް ވިއްކާލުމަށްފަހު އޭނާގެ "ލޯބިވެރިޔާ" ހޯދުމަށް ދިގު ދަތުރެއް ކޮށްފައެވެ. އެހެންނަމަވެސް، އެ ސަރަހައްދަށް ގޮސް އެ އަންހެން މީހާ ހޯދުމަށް ކުރި މަސައްކަތް ކާމިޔާބުވާގޮތް ނުވުމުން، އެހީތެރިކަމަށް އެދި އޭނާ ދިޔައީ އެ ސަރަހައްދުގެ ލޯކަލް ރޭޑިއޯ ސްޓޭޝަނަކަށެވެ. މިއީ މަކަރުވެރި އޮޅުވައިލުމެއްކަން އޭނާއަށް ޔަގީންވީ އެ ހިސާބުންނެވެ. ފަހުން، އެކި ފަރާތްތަކުގެ އެހީތެރިކަމާއެކު މާޓިންސް ވަނީ އަނބުރާ އޭނާގެ ޢާއިލާގެ ގާތަށް ފޮނުވާލެވިފައެވެ.

ސައިބަރނިއުސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިފަދަ ފޭކް އެކައުންޓްތައް ހަދަނީ ޓިކްޓޮކް މެދުވެރިކޮށް ފައިސާ ހޯދުމަށާއި، "ޓިކްޓޮކް ޝޮޕް" މެދުވެރިކޮށް ތަފާތު މުދާ ވިއްކައިގެން ނާޖާއިޒު ފައިދާ ނެގުމުގެ ބޭނުމުގައެވެ.



ކިޔުންތެރިންގެ ހިޔާލު