މާލިއްޔަތު ކޮމިޓީ ބައްދަލުވުމުގައި އޮޑިޓު އޮފީހުގެ މެމްްބަރުން، ފޮޓޯ: މަޖިލިސް
މާލިއްޔަތު ކޮމިޓީ ބައްދަލުވުމުގައި އޮޑިޓު އޮފީހުގެ މެމްްބަރުން، ފޮޓޯ: މަޖިލިސް
އަންނަ 2027 ވަނަ އަހަރަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން އެދުނު ގޮތަށް 133.5 މިލިއަން ރުފިޔާގެ ބަޖެޓެއް އެ އޮފީހަށް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

އަންނަ އަހަރަށް އޮޑިޓް އޮފީސް ހިންގުމަށް ޖުމްލަ 133،590،265 ރުފިޔާގެ ބަޖެޓެއް ބޭނުންވާ ކަމަށް ވިދާޅުވެ، އޮޑިޓާ ޖެނެރަލް ހުސެއިން ނިޔާޒީ މާލިއްޔަތު ކޮމިޓީއަށް މި ބަޖެޓު ހުށަހެޅުއްވީ އިއްޔެގެ ވަގުތެއްގައެވެ.

މި މައްސަލައިގައި ގޮތެއް ނިންމުމަށް މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި، އޮޑިޓާ ޖެނެރަލް ހުށަހެޅުއްވި އަދަދަށް ބަޖެޓު ފާސްކުރުމަށް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހެވެ. މަމްދޫހުގެ ހުށަހެޅުމުގައި ވަނީ އޮފީހުގެ ރިކަރަންޓް އަދި ކެޕިޓަލް ހަރަދުތަކަށް 90،900،265 ރުފިޔާ އަދި ހުޅުމާލޭގައި ތަރައްގީކުރާ އޮޑިޓާ ޖެނެރަލްގެ އޮފީހުގެ އާ އިމާރާތުގެ މަސައްކަތަށް 43،500،000 ރުފިޔާ ހިމެނުމަށެވެ. މި ހުށަހެޅުމަށް ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފް ތާއީދު ކުރެއްވިއިރު، ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުން ވަނީ އެގޮތަށް ބަޖެޓު ފާސްކުރަން ނިންމަވާފައެވެ.

މި ހިނގާ 2026 ވަނަ އަހަރަށް ވެސް އޮޑިޓް އޮފީހުން 134.2 މިލިއަން ރުފިޔާގެ ބަޖެޓަކަށް އެދިފައިވާއިރު، އެ އަދަދު ކުޑަކުރުމަށް އޭރުގެ ފިނޭންސް މިނިސްޓްރީން މަސައްކަތް ކުރި ނަމަވެސް، ރައްޔިތުންގެ މަޖިލީހުން ނިންމީ އޮޑިޓް އޮފީހުން އެދުނު ފުރިހަމަ އަދަދު ދިނުމަށެވެ.

ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ދައުލަތުގެ އަހަރީ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ ކުރިން އޮޑިޓާ ޖެނެރަލްގެ އޮފީހުގެ ބަޖެޓު މަޖިލީހުން ފާސްކުރަން ޖެހެއެވެ. އެހެންކަމުން، މާލިއްޔަތު ކޮމިޓީން މި ބަޖެޓު ފާސްކުރުމާ ގުޅިގެން، ދެން މި ބަޖެޓު ފާސްކުރުމަށްޓަކައި މަޖިލީހުގެ ތަޅުމަށް ހުށަހަޅާނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް