ރައްޔިތުންގެ މަޖިލީސް-
ރައްޔިތުންގެ މަޖިލީސް-
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާ ބެހޭ ބައިނަލްއަޤުވާމީ މުޢާހަދާގެ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ދިވެހިރާއްޖެއިން ބައިވެރިވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވި މައްސަލަ، ދިރާސާކުރުމަށްޓަކައި މަޖިލީހުގެ ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީއަށް ފޮނުވައިފިއެވެ.

ރައީސް މުޢިއްޒު ފޮނުއްވި ސިޓީފުޅު އިއްވާފައިވަނީ މަޖިލީހުގެ މިއަދުގެ ޖަލްސާގައެވެ. މި މުޢާހަދާގެ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހުއެވެ.

ދިވެހިރާއްޖެއިން 2010 ވަނަ އަހަރުގެ އެޕްރީލް މަހުގެ 5 ވަނަ ދުވަހު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތަކާ ބެހޭ މައި މުޢާހަދާ ތަޞްދީޤުކޮށްފައިވީ ނަމަވެސް، އެ މުޢާހަދާގެ އޮޕްޝަނަލް ޕްރޮޓޮކޯލްގައި މީގެ ކުރިން ބައިވެރިވެފައެއް ނުވެއެވެ.

އިންސާނީ ޙައްޤުތަކާ ގުޅޭ ބައިނަލްއަޤުވާމީ ނިޒާމުތަކުގެ ތެރެއިން ރާއްޖޭގެ ހާލަތު ރިވިއު ކުރެވުނު އެކި ފަހަރުމަތިން، މި ޕްރޮޓޮކޯލް ވީ އެންމެ އަވަހަކަށް ތަޞްދީޤުކުރުމަށް ރާއްޖެއަށް ގިނަ ހުށަހެޅުންތަކެއް (ރިކޮމެންޑޭޝަން) ލިބިފައިވެއެވެ.

މި ޕްރޮޓޮކޯލްގައި ބައިވެރިވުމުން މައިގަނޑު ދެ ނިޒާމެއް ޤާއިމުވެގެންދާނެއެވެ. އެއީ ޤައުމެއްގެ ދާޚިލީ ޤާނޫނީ މަރުޙަލާތައް ފުރިހަމަކުރުމަށްފަހު، ޙައްޤެއް ގެއްލިފައިވާ ކަމަށް ބެލެވޭ ހާލަތްތަކުގައި ވަކިވަކި ފަރުދުންނަށް ނުވަތަ ގްރޫޕްތަކަށް އދ. ގެ ކޮމިޓީއަށް ސީދާ ޝަކުވާ ހުށަހެޅޭނެ ނިޒާމާއި، އިންކުއަރީ ނިޒާމެވެ.

އިންކުއަރީ ނިޒާމުގެ ދަށުން މެންބަރު ޤައުމަކުން ނިޒާމީ ސިފައެއްގައި ޙައްޤުތަކަށް އަރައިގަންނަ ކަމަށް އިތުބާރުހުރި ގޮތެއްގައި ތުހުމަތު ކުރެވިއްޖެނަމަ، އެކަމެއް ތަޙުޤީޤުކުރުމުގެ ބާރު އދ. ގެ ކޮމިޓީއަށް ލިބިގެންދެއެވެ.

މި ޕްރޮޓޮކޯލްގެ މައިގަނޑު މަޤުޞަދަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކުރާ މުޢާހަދާ ފުރިހަމައަށް ތަންފީޒުކުރުން ހަރުދަނާކޮށް، ބައިނަލްއަޤުވާމީ ފެންވަރުގައި މެންބަރު ޤައުމުތައް ޒިންމާދާރުކުރެވޭނެ ނިޒާމެއް އެކަށައެޅުމެވެ.



ކިޔުންތެރިންގެ ހިޔާލު