މއ. ހަނީސަކްލް-1، ހުސައިން ޝިފާއު، (37އ)
މއ. ހަނީސަކްލް-1، ހުސައިން ޝިފާއު، (37އ)
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި، 109 އަހަރަށް ޖަލަށް ލައި، ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ހުސެއިން ޝިފާއު ގޭބަންދަށް ބަދަލުކޮށްފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، ޝިފާއު ގޭ ބަންދަށް ދޫކޮށްފައިވަނީ ސިއްހީ ފަރުވާއަށް ކަމަށެވެ. އަދި އޭނާ ގެއަށް ދޫކޮށްލީ 1 މަހަށް ކަމަށާއި ސިއްހީ ހާލަތަށް ބަލާ އިތުރު 2 މަސް ދެވޭ ގޮތަށްކަމަށްވެސް މިނިސްޓަރު އިހުސާން މިއަދު ވިދާޅުވިއެވެ.

ކްރިމިނަލް ކޯޓުން ޝިފާއުގެ މައްޗަށް 109 އަހަރުގެ ޖަލު ހުކުމް އިއްވީ، ސައްހަ ނޫން ޓީޓީތަކެއް ފޮނުވައިގެން 1.9 މިލިއަން ރުފިޔާގެ މުދާ ހޯދި ކަމުގެ ތުހުމަތުގައި ދައުލަތުން އޭނާއަށް ކުރި 23 ދައުވާވެސް ސާބިތުވުމާ ގުޅިގެންނެވެ. ދައުލަތުން ކުރި ދައުވާތަކުގެ ތެރޭގައި ހިމެނެނީ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ނުވަ ދައުވާ އަކާއި، މަކަރާއި ހީލަތް ހެދުމުގެ ހަތް ދައުވާ އަކާއި، މަނީ ލޯންޑްރިންގެ ހަތް ދައުވާ އެކެވެ.

ޝިފާއުއަށް ކޮށްފައިވާ ހުކުމުގެ ތަފްސީލަށް ބަލާއިރު، މަނީ ލޯންޑްރިންގެ ދައުވާތަކުގައި 70 އަހަރުގެ ޖަލު ހުކުމަކާއި، މަކަރާއި ހީލަތް ހެދުމުގެ ދައުވާތަކުގައި 30 އަހަރުގެ ޖަލު ހުކުމަކާއި، ސައްހަ ނޫން ލިޔުން ދިނުމުގެ ދައުވާތަކުގައި ނުވަ އަހަރުގެ ޖަލު ހުކުމެއް ކުމެއް ވަނީ ކޮށްފަ އެވެ. ދައުވާތަކުގެ ހުރިހާ އަދަބެއް ޖުމްލަ ކޮށްލުމުން 109 އަހަރަށް ޖަލަށްލުމަށާއި ހަތް މިލިއަން ރުފިޔާ އިން ޖޫރިމަނާާ ކުރުމަށް ހުކުމް ކޮށްފައި ވެއެވެ.

ޝިފާއުގެ މައްޗަށް ހުކުމް ކުރިއިރު، ލުއި އަދަބެއް ދިނުމަށް ދައުލަތާ ޝިފާއާ ދެމެދު ކުރިން އިއުތިރާފްގެ އެއްބަސްވުމެއް ހެދި އެވެ. ނަމަވެސް، ކްރިމިނަލް ކޯޓުން ވަނީ، ދައުލަތާ ޝިފާއާ ދެމެދު ހެދި އެ އެއްބަސްވުމަކީ، ދައުވާ ކުރެވިފައިވާ ކަންކަން ހިނގި ގޮތަށް ރިއާޔަތްކޮށް ހެދި އެއްބަސްވުމަކަށް ނުވާ ކަމަށް ނިންމައި، އެ އެއްބަސްވުން ބަލައިނުގަތުމަށް ނިންމާފައެވެ.

ޝިފާއު ހައްޔަރުކޮށްފައިވަނީ 2023 ވަނަ އަހަރު، ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން ބޭރު ކުންފުނިތަކަކަށް އޮޅުވާލި ކަމުގެ ތުހުމަތުގަ އެވެ. ނަމަވެސް ހައްޔަރުކޮށްފައި ވަނިކޮށް ކޯޓުން ދޫކޮށްލި ފަހުން ޝިފާއު ރާއްޖެ ދޫކޮށް ފިލައިގެން ދިއުމާ ގުޅިގެން، ދިވެހި ފުލުހުން ވަނީ ޝިފާއު ހޯދައި ހައްޔަރުކުރުމަށް އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައެވެ. ފަހުން ޝިފާއު އެނބުރި ރާާއްޖެ އައުމުން، ފުލުހުން ވަނީ އޭނާ އަލުން ހައްޔަރުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް