ދާރިއާ ޝިޕިލޯވާ: އޭނާ މަރުވީ އިރްކުތުސްކް ރިސާޗް އެންޓި-ޕްލޭގް އިންސްޓިޓިއުޓް ގައި މަސައްކަތްކުރަމުން ދަނިކޮށް ދެނެގަނެވިފައިނުވާ އިންފެކްޝަނަކަށް ފަރުވާ ހޯދަމުން ދަނިކޮށް ކުއްލި ގޮތަކަށް
ދާރިއާ ޝިޕިލޯވާ: އޭނާ މަރުވީ އިރްކުތުސްކް ރިސާޗް އެންޓި-ޕްލޭގް އިންސްޓިޓިއުޓް ގައި މަސައްކަތްކުރަމުން ދަނިކޮށް ދެނެގަނެވިފައިނުވާ އިންފެކްޝަނަކަށް ފަރުވާ ހޯދަމުން ދަނިކޮށް ކުއްލި ގޮތަކަށް
ރަޝިޔާގެ ސައިބީރިއާ ސަރަހައްދުގައި ހުންނަ، ނުރައްކާތެރި ބަލިތައް ދިރާސާކުރާ މަރުކަޒެއްގެ ލެބޯޓްރީ މުވައްޒަފަކު، ދެނެގަނެވިފައިނުވާ އިންފެކްޝަނެއްގައި ކުއްލި ގޮތަކަށް މަރުވުމާ ގުޅިގެން، އެ ސަރަހައްދުގެ ގިނަ ބަޔަކު ކަރަންޓީނުކޮށް ހާއްސަ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އަޅަން ފަށައިފިއެވެ.

މަރުވެފައިވަނީ "އިރްކުތުސްކް ރިސާޗް އެންޓި-ޕްލޭގް އިންސްޓިޓިއުޓް" ގައި މަސައްކަތްކުރަމުންދިޔަ އުމުރުން 28 އަހަރުގެ ދާރިއާ ޝިޕިލޯވާއެވެ. ރަޝިޔާގެ ހެލްތު އޮތޯރިޓީ (ރޮސްޕޮޓްރެބްނަޑްޒޯ) އިން ކަށަވަރުކޮށްދީފައިވާ ގޮތުގައި، އޭނާ މަރުވީ ނިއުމޯނިއާގެ އަލާމާތްތަކަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ.

ރަޝިޔާގެ ކަމާބެހޭ އިދާރާތަކުން ހާމަކުރި ގޮތުގައި، މަރުވި މުވައްޒަފުގެ ހަށިގަނޑުން ނެގި ސާމްޕަލްތަކުން، އެ ލެބޯޓްރީގައި ދިރާސާކުރާ ބާވަތުގެ އެއްވެސް ނުރައްކާތެރި މައިކްރޯ-އޯގަނިޒަމެއް ފެނިފައެއް ނުވެއެވެ. އަދި އާންމު ސިއްހީ ހާލަތު ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ބުނި ނަމަވެސް، ރޮސްޕޮޓްރެބްނަޑްޒޯގެ އިސްވެރިޔާ އަންނާ ޕޮޕޯވާ ވަނީ ކުއްލި ގޮތަކަށް އިރްކުތުސްކަށް ވަޑައިގެން، ސަރަހައްދީ އެންޓި-އެޕިޑެމިކް ކޮމިޝަނާއެކު ކުއްލި ބައްދަލުވުމެއް ބާއްވަވާފައެވެ. ސަރަހައްދީ ގަވަރުނަރު އިގޯރ ކޮބްޒެވް ވިދާޅުވީ، މިއީ ނުރައްކާތެރި ބައްޔެއް ފެތުރިދާނެކަމުގެ ބިރު އޮތުމުން ބޭއްވި ބައްދަލުވުމެއް ކަމަށެވެ.

ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، އެ މުވައްޒަފަށް ފަރުވާދިން ހޮސްޕިޓަލް މިހާރު ވަނީ ފުރިހަމައަށް ކަރަންޓީނުކޮށްފައެވެ. އަދި އެހެން ބައެއް ހޮސްޕިޓަލްތަކަށް ބަލިމީހުން އެޑްމިޓްކުރުމާއި ދޫކުރުން ވަގުތީ ގޮތުން މެދުކަނޑާލާފައިވާއިރު، ގާތްގަނޑަކަށް 200 އެއްހާ މީހުން މިހާރު ވަނީ ސިއްހީ އޮފިޝަލުންގެ ހާއްސަ މޮނިޓަރިންގގެ ދަށަށް ގެންގޮސްފައެވެ. މީގެ އިތުރުން، އެ ސަރަހައްދުގައި އެއްވުންތައް ބޭއްވުން ވަނީ މަޑުޖައްސާލާފައެވެ. ކްރެމްލިންގެ ތަރުޖަމާނު ވަނީ ނުރަސްމީ އަދި ދޮގު މައުލޫމާތުތަކަށް ސަމާލުނުވެ، ހަމައެކަނި ސަރުކާރުގެ ރަސްމީ އިދާރާތަކުގެ މައުލޫމާތަށް އިތުބާރު ކުރުމަށް އާންމުންނަށް އިލްތިމާސް ކުރައްވާފައެވެ.

މި މައްސަލައާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނީ، ރަޝިޔާގެ އިދާރާތަކާއެކު ގާތުން މަސައްކަތް ކުރަމުންދާ ކަމަށާއި މިހާތަނަށް ފެންނަ ފެނުމުގައި އާންމު ސިއްހަތަށް އޮތް ނުރައްކާ ކުޑަކަމަށެވެ. އެމެރިކާގެ އިސް ވެރިންވެސް މި ހާލަތު ބައްލަވަމުން ގެންދަވާކަން ހާމަކުރައްވާފައިވާއިރު، ރަޝިޔާއާ އަވައްޓެރި ކަޒަކިސްތާން، އުޒްބެކިސްތާން އަދި ކިރްގިޒްސްތާނުން ވަނީ އެ ގައުމުތަކުގެ ބޯޑަރުތަކުގައި ކަރަންޓީނު ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ.

ސިއްހީ މާހިރުން ބަޔާންކުރާ ގޮތުގައި، ނިއުމޯނިކް ޕްލޭގް ފަދަ ބަލިތަކަކީ ނުރައްކާތެރި ބަލިތަކެއް ނަމަވެސް، ކޮވިޑް-19 ފަދަ ވައިރަސްތަކާ އަޅާބަލާއިރު މީހުންގެ މެދުގައި ފެތުރުމުގެ ފުރުސަތު ކުޑަ، އަދި ކުރީކޮޅު ދެނެގަނެވިއްޖެނަމަ އެންޓިބަޔޮޓިކް ބޭނުންކޮށްގެން ފަސޭހައިން ފަރުވާދެވޭ ބަލިތަކެކެވެ. މީގެ އިތުރުން ކުރިއަށް އޮތް ފިނި މޫސުމާއެކު ބަލި ފެތުރުމުގެ ފުރުސަތު އިތުރަށް ކުޑަވެގެންދާނެ ކަމަށް މާހިރުން ލަފާކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު