އިރާގުގެ ކުރީގެ ވެރިޔާ ސައްދާމް ހުސައިން ބޭނުންކުރެއްވި އިރާގު ސަރުކާރުގެ މަތިންދާބޯޓު
އިރާގުގެ ކުރީގެ ވެރިޔާ ސައްދާމް ހުސައިން ބޭނުންކުރެއްވި އިރާގު ސަރުކާރުގެ މަތިންދާބޯޓު
އިރާގުގެ ކުރީގެ ރައީސް ސައްދާމް ހުސައިންގެ ވެރިކަމުގައި ބޭނުންކުރެއްވި ރިޔާސީ މަތިންދާބޯޓެއް، 900،000 އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް 13.8 މިލިއަން ރުފިޔާ) ގެ ފެށޭ އަގަކާއެކު ނީލަމުގައި ވިއްކާލުމަށް އިރާގު ސަރުކާރުން އިއުލާނުކޮށްފިއެވެ.

ބޮއިންގ 747-200 މަރުކާގެ "ޖަމްބޯ ޖެޓް" ގެ ގޮތުގައި މަޝްހޫރު މި މަތިންދާބޯޓަކީ، 1991 ވަނަ އަހަރު އިރާގުން ކުވޭތަށް އަރައިގަތުމާ ގުޅިގެން ފެށުނު ގަލްފު ހަނގުރާމައިގެ ތެރޭގައި، ބައިނަލްއަގުވާމީ ދަތިކުރުމުގެ ފިޔަވަޅުތަކާއި ހަމަލާތަކުން ސަލާމަތްކުރުމަށްޓަކައި ޓިއުނީޝިއާއަށް ފޮނުވާލި ބޯޓެކެވެ. އެ ދުވަސްވަރުން ފެށިގެން މިހާތަނަށް ގާތްގަނޑަކަށް ތިން ދަހަރަށްވުރެ ގިނަ ދުވަސް ވަންދެން މި ބޯޓު އޮތީ ޓިއުނީޝިއާގެ ތައުޒަރު-ނަފްތާ އެއާޕޯޓުގައި ޕާކުކޮށްފައެވެ.

އިރާގުގެ ގައުމީ އެއާލައިން ކަމަށްވާ 'އިރާގީ އެއާވޭސް' އިން މައުލޫމާތު ދޭ ގޮތުގައި، މި ބޯޓަކީ އެ ގައުމުގެ މިލްކިއްޔާތުގައި ހުރެ މިހާރު ބޭނުންނުކުރާ ބޯޓުތައް ނައްތާލުމަށް ނުވަތަ ވިއްކާލުމަށް ފަށާފައިވާ ހާއްސަ ޕްރޮގްރާމުގެ ދަށުން ވިއްކާލާ ދެ ބޯޓުގެ ތެރެއިން އެއް ބޯޓެވެ. ނަމަވެސް، އެތައް އަހަރެއް ވަންދެން އެއްވެސް ބެލެހެއްޓުމެއް ނެތި އޮތުމުގެ ސަބަބުން، މި ބޯޓުގެ ފަންނީ ހާލަތާއި، އަލުން ދުއްވޭ ފެންވަރުގައި އޮތްކަމާ މެދު އެ އެއާލައިނުން އެއްވެސް ގެރެންޓީއެއް ނުދެއެވެ. އެހެންކަމުން ބެލެވޭ ގޮތުގައި މި ބޯޓު ގަންނަ ފަރާތަކުން މިއީ ތާރީހީ ހަނދާނެއްގެ ގޮތުގައި ބެހެއްޓުމަށް، ނުވަތަ އޭގެ ބައިތައް (ސްޕެއާ ޕާޓްސް) ވަކިވަކިން ވިއްކުމަށް ބޭނުންކުރުން އެކަށީގެންވެއެވެ.

އެމެރިކާގެ ބޮއިންގ ކުންފުނިން 1982 ވަނަ އަހަރު ބިނާކުރި މި މަތިންދާބޯޓަކީ، އޭރު ހިނގަމުންދިޔަ އީރާން-އިރާގު ހަނގުރާމައިގެ ތެރޭގައި އެމެރިކާއާއި އިރާގާ ދެމެދު އޮތް ގާތް ގުޅުމުގެ ތެރެއިން ސައްދާމްގެ ސަރުކާރަށް ލިބުނު ބޯޓެކެވެ. އޭރު ސައްދާމް ހުސައިން ވަނީ ރިޔާސީ ބޭނުންފުޅުތަކަށްޓަކައި، އެންމެ ޒަމާނީ ފެންވަރަށް މި ބޯޓުގެ އެތެރެ ޒީނަތްތެރިކުރައްވައި، ހާއްސަ ކޮޓަރިކޮޅުތަކާއި އޮފީސް ބައިތައް ހިމެނޭ ގޮތަށް ބަދަލުތައް ގެންނަވާފައެވެ.

މި މަތިންދާބޯޓު ވިއްކާލުމަށް ހުޅުވާލާފައިވާ ނީލަމުގައި ބައިވެރިވުމުގެ ފުރުސަތު ޝައުގުވެރިވާ ފަރާތްތަކަށް މިހާރު ވަނީ ހުޅުވާލެވިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް