ނޮވެމްބަރު 3ގައި ޤައުމު ހިފަން އައި މީހުންނާއި މަޖިލީހުގައި މިއަދު ތިއްބެވި ބައެއް މެމްބަރުންނާ ދެމެދު މާބޮޑު ތަފާތެއް ނެތްކަމަށް ވިދާޅުވެ، އެމްއެންޑީއެފްގެ ކުރީގެ ކެޕްޓަން އަލީ އިހުސާން ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ބައެއް މެމްބަރުންނަށް ފާޑު ވިދާޅުވެ، އިހުސާން ވާހަކަ ދައްކާފައި މިވަނީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނޮވެމްބަރު 3ގެ އުދުވާނީ ހަމަލާއާއި ގުޅޭގޮތުން ބައެއް މެމްބަރުން ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ. އެގޮތުން މަޖިލީހުގައި ވާހަކަދައްކަވަމުން ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް ވިދާޅުވީ ނޮވެމްބަރު 3 ގައި ތަމަޅައިން އެރުމުން ސިފައިންގެ އިސްވެރިން ދުވީ ފިލަންކަމަށެވެ. އަދި ރާއްޖެ ސަލާމަތްކޮށްދިނީ އިންޑިއާއިންކަމަށް އޭނާ ވިދާޅުވިއެވެ.

"ސިފައިންގެ ތެރޭގައި އެންމެ ގިނައިން ފައިސާ ނަގައިގެން ޖެނެރަލުންނަށްވެފައި ތިބި މީހުން ތިބި ސައިފަތް ފޮށިގަނޑު ތެރެއަށް އެރި. ދޮންނަ މެޝިނުގެ ފޮށިގަނޑު ތެރެއަށް އެރި ތިބި މީހުންވެސް. އޭރު ތިންފަށް ޖަހާފައި ތިބި މީހުން ފަށް ވެސް ނައްޓާލައިގެން ތިބި، އެއީ ފަހަރެއްގައިވެސް ފެނިއްޖެއްޔާ އޭނާ ބޮޑު މީހެއް ކަމަށްވީމާ އަނިޔާކޮށްފާނެތީ. އެވަރުގެ ސިފައިންވެސް ތިބި އިނގޭތޯ." ދިވެހީންގެ ބަޔަކު ކުލީ ސިފައިން ގޮވައިގެން ރާއްޖެ އަރައި 19 ދިވެހިން ޝަހީދުކޮށްލި ޢުދުވާނުގައި ސިފައިންކަން ކުރި ގޮތް ކަމަށް ބުނެ ވާހަކަ ދައްކަވަމުން އެމްޑީޕީގެ މެންބަރު ދޮންބިލެއް ހަލީމް ވިދާޅުވިއެވެ.

ޤައުމުގެ ދިފާއުގައި ޖިހާދުކުރެއްވި ސިފައިންނާ ގުޅޭގޮތުން ދޮންބިލެއް ދެއްކެވި ވާހަކައާއި ގުޅިގެން ގިނަ ބަޔަކު ދަނީ އޭނާއަށް ފާޑުކިޔަމުންނެވެ.

އެމްއެންޑީއެފްގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރެއްވި، ކެޕްޓަން އަލީ އިހުސާން ވަނީ، ނޮވެމްބަރު 3ގައި ޤައުމު ހިފަން އައި މީހުންނެކޭ މިފަދަ މީހުންނެކޭ އެއްވެސް ތަފާތެއް އޮތްތޯ ވިދާޅުވެ ސުވާލު އުފައްދާފައެވެ.

އިހުސާން ވިދާޅުވީ ސިފައިން އެދުވަހު ފިލިނަމަ މިނިވަންކަމާއެކު ވާހަކަދައްކަން ހުރުމުގެ ފުރުޞަތުވެސް ދޮންބިލެތަކަށް ނުލިބޭނެކަމަށެވެ.



އިހުސާން ވިދާޅުވީ ނޮވެމްބަރު 3ގައި ދިވެހި ފަސްގަނޑަށްޓަކައި ފުރާނަ ދޫކޮށްލި ދިވެހިންގެ ހައްޤުގައި އަދި ދިވެހި ސިފައިންގެ ހައްޤުގައި އެ ހާދިސާ ހިނގައިދިޔަ ގޮތް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ މަޖިލީހަށް ސާފުކޮށްދެއްވަން ޖެހޭކަމަށެވެ.



މަޖިލީހުގައި ދޮންބިލެއް އަހުމަދު ހަލީމް ދެއްކެވި ވާހަކައާ ގުޅިގެން ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި އޭނާއަށް ފާޑުކިޔަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު