މަޖުނޫން ގެ ޕޯސްތަރު
މަޖުނޫން ގެ ޕޯސްތަރު
ދިވެހި ސިނަމާގައި ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ ޑައިރެކްޓަރު ފާތިމަތު ނަހުލާ (ނަހޫ) ގެ ކުރިއަށް އޮތް އަސަރުގަދަ ފިލްމު "މަޖުނޫން" އަށް ޕޯސްޓަރު ޑިޒައިން ކުރުމަށް އާންމުކޮށް ހުޅުވާލި ފުރުސަތުގެ މުއްދަތު މާދަމާ ރޭ ދަންވަރު 12:00 އަށް ހަމަވާނެއެވެ.

ކްރިސްޓަލް އެންޓަޓެއިންމަންޓުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މި ޚާއްޞަ މުބާރާތަކީ، ގްރެފިކް ޑިޒައިނަރުންނާއި އުފެއްދުންތެރި ހުނަރުވެރިންގެ ފަންވަރު ދައްކާލުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދާ މުބާރާތެކެވެ. މުބާރާތުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން އެންމެ މޮޅެތި ޑިޒައިންތައް ހޮވައި، އަގުވަޒަންކުރުމުގެ ގޮތުން ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން އެއްވަނަ އަށް ހޮވޭ ޕޯސްޓަރަކަށް 5،000 ރުފިޔާ، ދެވަނަ އަށް 3،000 ރުފިޔާ އަދި ތިންވަނަ އަށް ހޮވޭ ޕޯސްޓަރަކަށް 2،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން ވަނަތަކަށް ހޮވޭ ޕޯސްޓަރުތަކަށް "މަޖުނޫން" ގެ ރަސްމީ ސޯޝަލް މީޑިއާ ޕޭޖުތަކުން ޚާއްޞަ ޖާގައެއް ލިބިގެންދާނެއެވެ.

މި މުބާރާތުގައި ބައިވެރިވުމަށްޓަކައި ކްރިސްޓަލް އެންޓަޓެއިންމަންޓްގެ ޓިކްޓޮކް އެކައުންޓް (@ކްރިސްޓަލްއެންޓަޓެއިންމެންޓްއެމްވީ) އަދި ފޭސްބުކް ޕޭޖު (މަޖުނޫން ދަ މޫވީ) ފޮލޯކުރަންޖެހެއެވެ. އަދި ޓިކްޓޮކް އެކައުންޓަށް އިންބޮކްސް މެދުވެރިކޮށް މުބާރާތުގައި ބައިވެރިވާން އެދި މެސެޖު ކުރުމުން، ޕޯސްޓަރު ހެދުމަށް ބޭނުންވާ ފޮޓޯތަކާއި ތަކެތި ހިމެނޭ ގޫގުލް ޑްރައިވް ލިންކެއް ކްރިސްޓަލް އެންޓަޓެއިންމަންޓުން ފޯރުކޮށްދޭނެއެވެ. މި މުބާރާތުގެ ވަނަތައް އިއުލާނުކުރުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޫބަރު މަހުގެ 5 ވަނަ ދުވަހުއެވެ.

އަސަރުގަދަ ލޯބީގެ ފުން ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ "މަޖުނޫން" ބަލާލުމަށް ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާއިރު، މި ފިލްމުގެ ޓިކެޓު ބުކިން މިހާރު ވަނީ ރަސްމީކޮށް ހުޅުވާލާފައެވެ. ބުދަ ދުވަހުގެ ހެނދުނު 10:00 އިން ފެށިގެން ބުކިން ހުޅުވާލުމާއެކު، ވަރަށް ބާރު ސްޕީޑެއްގައި ޓިކެޓުތައް ބުކްވަމުން އަންނަ ކަމަށް ޕްރޮޑަކްޝަން ޓީމުން މައުލޫމާތު ދެއެވެ. ފިލްމުގެ ސީޓު ކަށަވަރު ކުރުމަށްޓަކައި 7844422 ނަންބަރަށް ގުޅައިގެން ނުވަތަ މެސެޖުކޮށްގެން ޓިކެޓު ބުކް ކުރެވޭނެ އެވެ.

އޮލިމްޕަހަށް މި ފިލްމު ގެނައުމަށް އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނައިރު، ފިލްމު ރިލީޒްކުރުމަށް ތާވަލުކޮށްފައިވަނީ 26 އޮކްޓޯބަރު 2026 ގައެވެ.



ކިޔުންތެރިންގެ ހިޔާލު