ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް
ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް
އދ. ގެ އެހީތެރިކަމަށް އެދުމުންނާއި އިސްރާއީލުގެ އިސްތިއުމާރީ ވެރިކަން ނިމުމަކަށް ގެންނަން ގޮވާލުމާ ގުޅިގެން، ފަލަސްތީނުގެ އާންމު ރައްޔިތުންނާއި އެ ގައުމުގެ ލީޑަރުންނަށް އަދަބުދީގެން ނުވާނެ ކަމަށް ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް ވިދާޅުވެއްޖެއެވެ. ރައީސް އައްބާސް މިހެން ވިދާޅުވީ އދ. ގެ އާންމު މަޖިލީހުގައި ވީޑިއޯ މެދުވެރިކޮށް ދެއްވި ހާއްސަ ތަގުރީރެއްގައެވެ.

އައްބާސްގެ ތަގުރީރުގައި ފާހަގަކުރެއްވި ގޮތުގައި، ފަލަސްތީނުގެ މިނިވަންކަމާއި ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރުމަށްޓަކައި ބައިނަލްއަގުވާމީ މުޖުތަމައުގެ އެހީތެރިކަން ހޯދުމަކީ އެ ގައުމަށް ލިބިގެންވާ ގާނޫނީ ހައްގެކެވެ.

އެހެންކަމުން، އެ ހައްގުގެ ބޭނުން ހިފުމުން ފަލަސްތީނާ ދެކޮޅަށް އެއްވެސް ބަޔަކު ފިޔަވަޅުތައް އެޅުމަކީ އެއްވެސް ހާލެއްގައި ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން، އިސްރާއީލުން ފަލަސްތީނުގެ ބިންތަކަށް އަތްގަދަކޮށްގެން ތިބި ތިބުން ނިމުމަކަށް ގެނައުމަށްޓަކައި އދ. އިން މިހާރަށްވުރެ އަމަލީ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް އައްބާސް ވިދާޅުވިއެވެ.

އަދި ފަލަސްތީނުގެ ރައްޔިތުން ތަހައްމަލުކުރަމުންދާ ދަތިތަކަށް އަލިއަޅުވާލައްވައި، ބައިނަލްއަގުވާމީ ގާނޫނުތަކާ އެއްގޮތަށް މައްސަލައަށް ހައްލެއް ހޯދުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ފަލަސްތީނަށް އދ. ގެ ފުރިހަމަ މެންބަރުކަން ދިނުމަށާއި، އިސްރާއީލުން ހިންގާ ލާއިންސާނީ އަމަލުތަކަށް އެ ގައުމު ޖަވާބުދާރީކުރުވުމަށްވެސް ރައީސް އައްބާސް ވަނީ ގޮވާލައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު