ވަޠަނީ ހިދުމަތުގެ ޕްރޮގްރާމެއްގެ ތެރެއިން
ވަޠަނީ ހިދުމަތުގެ ޕްރޮގްރާމެއްގެ ތެރެއިން
ދިވެހި ޒުވާނުންގެ ހިތްތަކުގައި ޤައުމީ ލޯތްބާއި އިސްލާމީ ރިވެތި ސިފަތައް އަށަގެންނެވުމަށް ސަރުކާރުން ކުރިއަށްގެންދާ "ދިވެހި ވަޠަނީ ޚިދުމަތް" (ނޭޝަނަލް ސަރވިސް) ޕްރޮގްރާމުގެ ތިންވަނަ ބެޗުގެ އަސާސީ ތަމްރީނުތައް ފުރިހަމަކޮށް، 341 ދަރިވަރަކު ކާމިޔާބުކަމާއެކު ދަސްވެނިވެއްޖެއެވެ.

ޅ. މާފިލާފުށީގައި ހުންނަ އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރެއިނިންގ ސެންޓަރުގައި މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދެވެ. މި ރަސްމިއްޔާތުގައި ތަމްރީނު ފުރިހަމަކުރި ބައިވެރިންނަށް އަޒުމް ލައިދިނުމުގެ އިތުރުން، އެ ފަރާތްތަކުގެ އަސްކަރީ ހުނަރުތައް ދައްކުވައިދޭ ޝަރަފުގެ ހިނގާލުމެއްވެސް ވަނީ ބާއްވާފައެވެ.

މިދިޔަ މެއި މަހުގެ 17 ވަނަ ދުވަހު ފެށި 15 ހަފުތާގެ މި ތަމްރީނު ޕްރޮގްރާމުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން، ޖުމްލަ 112 ރަށަކުން 352 ޒުވާނުން ބައިވެރިވިއެވެ. އޭގެ ތެރެއިން ތަމްރީނުގެ ހުރިހާ މަރުޙަލާއެއް ފުރިހަމަކޮށް ދަސްވެނިވީ 279 ފިރިހެން ކުދިންނާއި 62 އަންހެން ކުދިންނެވެ.

މި ތަމްރީނު ފުރިހަމަކުރި ދަރިވަރުންނަށް އެކަމުގެ ރަސްމީ ސަނަދުގެ އިތުރުން، ސިވިލް އެޑިއުކޭޝަން އެންޑް ލީޑަރޝިޕް ލެވެލް 3 ގެ ސެޓްފިކެޓާއި، ކޮމިއުނިޓީ ވޮލަންޓިއަރ ފަޔަރ ފައިޓިންގ، ބޭސިކް ފަސްޓް އެއިޑް އަދި ޕިއަރ އެޑިއުކޭޝަން ޕްރޮގްރާމް ފުރިހަމަކުރިކަމުގެ ސެޓްފިކެޓްތައް ވަނީ ދީފައެވެ.

މި ބެޗުން ދަސްވެނިވި ޒުވާނުންގެ ތެރެއިން ހޮވާލެވޭ ފަރާތްތަކަށް، ބ. ކިހާދޫގައި ހުންނަ ޓެކްނިކަލް އެންޑް ވޮކޭޝަނަލް ސެންޓަރުން ފަންނީ ތަމްރީނުތައް ހާސިލުކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހަމައެއާއެކު، މި ޕްރޮގްރާމުގެ ހަތަރުވަނަ ބުރުގެ ކުދިން ހޮވުމުގެ މަރުހަލާތައް ނިންމައި، ވަރަށް އަވަހަށް ތަމްރީނުތައް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.

ދިވެހި ވަޠަނީ ޚިދުމަތަކީ ދިވެހި ޒުވާނުންގެ ވިސްނުމާއި ފިކުރު ޤައުމީ އަދި އިސްލާމީ ހަމަތަކުގެ މަތިން ބައްޓަންކޮށް، ޤައުމަށް ވަފާތެރި، ޚިދުމަތްތެރި ޖީލެއް ބިނާކުރުމުގެ މަޤްޞަދުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ފައްޓަވާފައިވާ މުހިންމު ޕްރޮގްރާމެކެވެ. މީގެ ކުރިން ބޭއްވި ދެ ބެޗުންވެސް ކޮންމެ ބެޗަކުން 344 ދަރިވަރުން ވަނީ މި ތަމްރީނުތައް ފުރިހަމަކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު