ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު   | ފޮޓޯ: ޕީއެންސީ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު | ފޮޓޯ: ޕީއެންސީ
ރާއްޖޭގެ ޤާނޫނުތަކުގައި ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމެއް ކޮށްފިނަމަ، އެމީހެއްގެ މަޤާމަށް ނުވަތަ ނިސްބަތްވާ ސިޔާސީ ފިކުރަކަށް ބެލުމެއްނެތި، ތަފާތުކުރުމެއްނެތި ޤާނޫނު ތަންފީޒުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަހާސިންތާ ނިންމުމުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ޢަދުލުވެރި ވެރިކަމެއް ކުރުމަށްޓަކައި ޝަރުޢީ ދާއިރާގެ މިނިވަންކަން ކަށަވަރުކުރަންޖެހޭ ކަމަށެވެ. އަދި ވެރިކަމަކީ މާތް ﷲ ގެ ޙަޟްރަތުން ޙަވާލުކުރައްވާފައިވާ ބޮޑު އަމާނާތަކާއި މަސްއޫލިއްޔަތެއް ކަމުން، އެ ޒިންމާ އަދާކުރައްވާނީ އިސްލާމީ އުޞޫލުތަކާ އެއްގޮތަށް އިޚްލާޞްތެރިކަމާއެކު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ފާހަގަކުރެއްވި ގޮތުގައި، ޤާނޫނާ ޚިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅު ނޭޅުމަކީ ޢަދުލުވެރިކަމެއް ނޫނެވެ. އެހެންކަމުން، ކުށްކުރާ ކޮންމެ މީހަކަށްމެ އެމީހެއްގެ ޢާއިލީ ނުވަތަ ސިޔާސީ ފަސްމަންޒަރަށް ބެލުމެއްނެތި ޙައްޤު އަދަބު ލިބެންޖެހޭނެ ކަމަށް ވިދާޅުވިއެވެ.

މާޒީގައި ޝަރުޢީ ދާއިރާއަށް ނުފޫޒުފޯރުވައި، ފަނޑިޔާރުން ރަހީނުކުރުމާއި ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނަގައިގެން ފަނޑިޔާރުން ހައްޔަރުކުރި ހިތާމަވެރި ހާދިސާތައް ހަނދުމަކުރައްވަމުން ރައީސް ވިދާޅުވީ، ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމާއި އުއްތަމަ ފަނޑިޔާރު ޖަލުގައި ބަންދުކޮށްފައި ތިއްބެވި މަންޒަރު އެމަނިކުފާނު ލޮލުން ދެކެވަޑައިގެންނެވި ކަމަށެވެ. އަދި 2023 ވަނަ އަހަރު ވެރިކަމާ ޙަވާލުވެވަޑައިގަތުމަށްފަހު، ޝަރުޢީ ދާއިރާއަށް ސަރުކާރުން ނުފޫޒު ފޯރުވުން ހުއްޓުވައި، ކޯޓުތަކަށް ބޭނުންވާ ވަސީލަތްތައް ފަހިކޮށްދިނުމުގެ އިތުރުން ސުޕީރިއާ ކޯޓު ކޮމްޕްލެކްސްގެ މަސައްކަތް ވެސް ފައްޓަވާފައިވާ ކަމަށް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ޤައުމުގައި ހަމަޖެހުން ޤާއިމުކުރެވޭނީ ޢަދުލުއިންޞާފު ޤާއިމުކުރެވިގެން ކަމަށާއި، މި ސަރުކާރުން އެއްވެސް މީހަކަށް އަނިޔާވެރި ނުވާނެ ކަމަށާއި އަދި ސިޔާސީ ސަބަބުތަކަށްޓަކައި މީހުން ޖަލަށްލުމުގެ ސިޔާސަތެއް ނުގެންގުޅޭނެ ކަމަށެވެ.

ރައީސް މިފަދައިން ވިދާޅުވެފައި މިވަނީ، ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށުގެ ދަޢުވާއާ ގުޅިގެން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މި މަހުގެ 29 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ޙާޟިރުވުމަށް ޗިޓު ފޮނުވާފައިވާ ދަނޑިވަޅެއްގައެވެ. މިއީ ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާ ގުޅޭގޮތުން ބާއްވާ އަޑުއެހުމެކެވެ.

ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އިއްވި ޙުކުމް ހައިކޯޓުން ބާޠިލުކޮށް، މައްސަލަ އަލުން ބެލުމަށް ވަނީ އަމުރުކޮށްފައެވެ. އަދި ދަށު ކޯޓުގައި މައްސަލަ އަލުން ކުރިއަށްގެންދާއިރު ދަޢުލަތުން އަލަށް ހުށަހެޅި ހެކިތައް ބަލައިނުގަނެވޭނެ ކަމަށް ސުޕްރީމް ކޯޓުން ވެސް މިދިޔަ ޖުލައި މަހު ވަނީ ކަނޑައަޅާފައެވެ.



ކިޔުންތެރިންގެ ހިޔާލު