މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމަށް ދިވެހި ސަރުކާރުގެ ފަރާތުން މިއަދު ރަސްމީކޮށް މަރުހަބާ ދެންނެވުން
މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމަށް ދިވެހި ސަރުކާރުގެ ފަރާތުން މިއަދު ރަސްމީކޮށް މަރުހަބާ ދެންނެވުން
ރާއްޖެއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމަށް ދިވެހި ސަރުކާރުގެ ފަރާތުން މިއަދު ރަސްމީކޮށް މަރުހަބާ ދަންނަވައިފިއެވެ.

ރޭގެ ވަގުތެއްގައި ރާއްޖެ ވަޑައިގެންނެވި ބޮޑުވަޒީރު އަންވަރަށް ޖުމްހޫރީ މައިދާނުގެ ރަސްމީ ފާލަމުން އިއްޒަތުގައި މަރުހަބާ ދެންނެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.



ބޮޑުވަޒީރު އަންވަރަށް ރަސްމީކޮށް މަރުހަބާ ދެންނެވުމުގެ ތެރެއިން


މިއަދު ހެނދުނު ބޭއްވި މި ރަސްމިއްޔާތުގައި، މެލޭޝިއާގެ ބޮޑުވަޒީރަށް މަރުހަބާ ދެންނެވުމުގެ ގޮތުން 21 ބަޑީގެ ސަލާމެއް އަރުވައި، އެމްއެންޑީއެފްގެ ބޭންޑުން ވަނީ ދެ ޤައުމުގެ ޤައުމީ ސަލާމް ކުޅެފައެވެ.

އަދި ސްކޫލް ދަރިވަރުންގެ ސަގާފީ ނެށުމުގެ ހުށަހެޅުމެއް ވެސް ކުރިއަށް ގެންގޮސްފައިވެއެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓު ވަޒީރުންނާއި، ދައުލަތުގެ އިސް ވެރިންގެ އިތުރުން ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ރަސްމީ މަރުހަބާއަށްފަހު، ހަތްކޮޅުގައި ބޮޑުވަޒީރު އަންވަރު ރައީސް އޮފީހަށް ވަޑައިގެން، އިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި ވަނީ ސޮއިކުރައްވާފައެވެ.

މި ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ދޭދޭ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ރަސްމީ މަޝްވަރާތައް ބޭއްވުމަށް ހަމަޖެހިފައިވެއެވެ.

މީގެއިތުރުން، ދެ ޤައުމުގެ ދެމެދުގައި ބައެއް ފަހުމުނާމާތަކުގައި ސޮއިކުރުމާއި، މަޝްވަރާތަކުގެ ނަތީޖާއާ ގުޅޭގޮތުން ދެ ލީޑަރުން ނޫސްވެރިންނަށް ބަޔާނެއް ދެއްވުން ވެސް ކުރިއަށްދާނެއެވެ.

މިއީ 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހު މެލޭޝިއާގެ ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، އަންވަރު އިބްރާހީމް ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. މި ދަތުރުފުޅަކީ ވޭތުވެދިޔަ އަހަރުގެ އޭޕްރީލް މަހު ރައީސް ޑރ. މުޢިއްޒު މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން އެރުވި ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.



ކިޔުންތެރިންގެ ހިޔާލު