މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމާއި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު
މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމާއި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު
ދިވެހިރާއްޖެއާއި މެލޭޝިޔާއަކީ ތާރީޚީ ގޮތުންނާއި، ޘަޤާފީ ގޮތުން އަދި ދީނީ ގޮތުން ޒަމާންވީ ވަރުގަދަ އަޚުވަންތަ ގުޅުމެއް ދަމަހައްޓަމުން އަންނަ ދެ ޤައުމެވެ. ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް ޒަމާންވީ އިޖުތިމާޢީ އަދި ތަޢުލީމީ ގުޅުމުގެ އިތުރުން، ފަހުގެ ތާރީޚެއްގައި މި ގުޅުން ސިޔާސީ ގޮތުން އިތުރަށް ބަދަހިވެގެން ގޮސްފައިވަނީ ދެ ޤައުމުގެ ވެރިކަމުގެ ހުންގާނާ ހަވާލުވެވަޑައިގެންނެވި ދެ ލީޑަރުންގެ ސިޔާސީ ފަލްސަފާގައި ހުރި އެއްގޮތްކަންތައްތަކުގެ ސަބަބުންނެވެ. އެގޮތުން މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމާއި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމާއެކު، ދެ ޤައުމުގެ ޚާރިޖީ އަދި ދާޚިލީ ސިޔާސަތުތަކުން ފެންނަން ފެށީ އެއް މިސްރާބަކަށް އަމާޒު ހިފާފައިވާ ހަރުދަނާ އުސޫލުތަކެކެވެ.

ސިޔާސީ މަޝްރަޙު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، މި ދެ ލީޑަރުންގެ ވެރިކަމުގައިވެސް އެންމެ އިސް ވާޖިބެއްގެ ގޮތުގައި ދެކެވަޑައިގަންނަވަނީ އަމިއްލަ ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ބޭރުގެ ނުފޫޒުތަކުން ސަލާމަތްކުރުމެވެ. ހަމައެއާއެކު، ބައިނަލްއަޤްވާމީ ވާދަވެރިކަމުގެ ތެރޭގައި ވަކި ފަރާތަކަށް ނުޖެހި، ޤައުމީ މަސްލަހަތު އިސްކުރުމާއެކު، އިސްލާމީ އުއްމަތުގެ ޙައްޤުތައް ހިމާޔަތްކުރުމުގައި ފަސްޖެހުމެއްނެތި ވަކާލާތު ކުރެއްވުމަކީ ދެ ބޭފުޅުންގެ ސިޔާސަތުގެ މައިގަނޑު އަސާސެވެ. މީގެއިތުރުން، ދާޚިލީ ގޮތުން ރައްޔިތުންނަށް ދިމާވެފައިވާ އިޤްތިޞާދީ އަދި އިޖުތިމާޢީ ގޮންޖެހުންތަކަށް އައު ހައްލުތަކެއް ހޯއްދަވައިދެއްވައި، އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ފުދުންތެރި ޤައުމެއް ބިނާކުރުމަށް ދެ ބޭފުޅުން ގެންގުޅުއްވާ އެއްގޮތް ތަޞައްވުރަކީ ދެ ޤައުމުގެ ގުޅުން އައު އުސްމިންތަކަކަށް ގެންގޮސްދިން މައިގަނޑު ސަބަބެވެ.

އިސްލާމީ އުއްމަތުގެ ޙައްޤުތަކާއި ފަލަސްޠީނުގެ މައްސަލަ

ދެ ބޭފުޅުންގެ ސިޔާސަތުން އެންމެ ބޮޑަށް ފާހަގަކުރެވެނީ ބައިނަލްއަޤްވާމީ މައިދާނުގައި އިސްލާމީ އުއްމަތުގެ ޙައްޤުގައި ނަންގަވާ ސާބިތު އަދި ކެރޭ ސްޓޭންޑެވެ. ޚާއްޞަކޮށް، ޔަހޫދީ އިސްރާއީލުން ފަލަސްޠީނުގެ ކުށެއްނެތް ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައި، ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުކުރުމަށް ދެ ބޭފުޅުންވެސް ދަނީ ވަރުގަދައަށް ވަކާލާތު ކުރައްވަމުންނެވެ. މީގެއިތުރުން، އިސްލާމީ އަގުތައް ހިމާޔަތްކުރުމަށާއި، އިސްލާމީ ތަޢުލީމު ކުރިއެރުވުމަށްޓަކައި ދެ ޤައުމުގެ ދެމެދުގައި ވަނީ މުހިންމު އެއްބަސްވުންތަކެއް އެކުލަވާލެވިފައެވެ.

ވަކި ފަރާތަކަށް ނުޖެހޭ ޚާރިޖީ ސިޔާސަތާއި މިނިވަންކަން

ޚާރިޖީ ދާއިރާގައި ދެ ބޭފުޅުންވެސް ގެންގުޅުއްވަނީ ވަކި ބާރެއްގެ ދަށުނުވެ، ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލު އިސްކުރާ ވަކިފަރާތަކަށް ނުޖެހޭ (ނޮން-އެލައިންޑް) ސިޔާސަތެކެވެ. ބޮޑެތި ބާރުތަކުގެ ވާދަވެރިކަމުގެ ތެރެއަށް ނުވަދެ، ޤައުމީ މަސްލަހަތު އިސްކޮށް، ޗައިނާ އަދި އެހެނިހެން ބައިނަލްއަޤްވާމީ ބައިވެރިންނާއެކު އުމްރާނީ އަދި އިޤްތިޞާދީ އެއްބާރުލުން ދެމެހެއްޓުމުގައި ދެ ލީޑަރުންގެ ވިސްނުންފުޅު ވަރަށް ބޮޑަށް އެއްގޮތެވެ. މިއީ ބޭރުގެ ނުފޫޒުތަކުން ޤައުމު ދިފާޢުކުރުމަށް ގެންގުޅުއްވާ ހަރުދަނާ އުސޫލެކެވެ.

ދާޚިލީ އިޞްލާޙާއި ތަރައްޤީގެ ތަޞައްވުރު

ޤައުމީ ފެންވަރުގައި ދެ ލީޑަރުންވެސް އިސްކަންދެއްވަނީ ކޮރަޕްޝަނާ ދެކޮޅަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށާއި، ދެފުށް ފެންނަ ހިންގުމުގެ ނިޒާމެއް ޤާއިމުކުރުމަށެވެ. އަދި ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދައިދިނުމުގެ ގޮތުން ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫޢުތައް ކުރިއަށް ގެންދިއުމާއި، ޒުވާނުން ބާރުވެރިކުރުވައި، ޒަމާނީ ޑިޖިޓަލް އިޤްތިޞާދެއް ބިނާކުރުމަށް ދެ ސަރުކާރުންވެސް ޚާއްޞަ އަހައްމިއްޔަތުކަމެއް ދެއެވެ.



މެލޭޝިޔާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން


މި އެއްގޮތް ސިޔާސީ ފަލްސަފާއާއި ވިސްނުންފުޅުގެ ސަބަބުން ދިވެހިރާއްޖެއާއި މެލޭޝިޔާގެ ގުޅުން މިހާރު ވަނީ އައު އުސްމިންތަކަކަށް ވާސިލުވެފައެވެ. ދެ ޤައުމުގެ އެންމެ މަތީ ވެރިންގެ ފެންވަރުގައި ބަދަލުކުރެވުނު ރަސްމީ ޒިޔާރަތްތަކުގެ ނަތީޖާއެއްގެ ގޮތުން ދިފާޢީ، ތަޢުލީމީ، ވިޔަފާރި އަދި އިސްލާމީ ދާއިރާއިން އޮތް ގުޅުން ވަނީ ކުރިއަށްވުރެ ހަރުދަނާވެފައެވެ. ޚާރިޖީ މިނިވަންކަމާއި އިސްލާމީ ވަޙްދަތުގެ މައްޗަށް ބިނާވެފައިވާ މި އެއްބައިވަންތަކަމަކީ، ކުރިއަށް އޮތް ތަނުގައި ދެ ޤައުމުގެ ރައްޔިތުންނަށް އިޤްތިޞާދީ އަދި އިޖުތިމާޢީ ގޮތުން ބޮޑެތި މަންފާތަކެއް ޙާޞިލުވެގެންދާނެ ކަމުގެ ފުރިހަމަ ޔަޤީންކަމެކެވެ.



ކިޔުންތެރިންގެ ހިޔާލު