އެމްއެމްއޭ
އެމްއެމްއޭ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ ތިންވަނަ ރިސާޗް ކޮންފަރެންސަށް ހުށަހަޅާ ދިރާސީ ކަރުދާސްތައް އިވެލުއޭޓްކޮށް، ފެންވަރު ބެލުމަށް އެކުލަވާލާ "ޕިއާ ރިވިއު ޕޫލް" ގައި ބައިވެރިވުމުގެ ފުރުސަތު މިއަދު އާންމުކޮށް ހުޅުވާލައިފިއެވެ.

އެމްއެމްއޭ އިން ހާމަކުރި ގޮތުގައި މި ޕޫލަކީ ތައުލީމީ ދާއިރާގެ އިސް ބޭފުޅުންނާއި، ދާރިސުންގެ އިތުރުން އެކި ދާއިރާތަކުގެ ފަންނީ މާހިރުންގެ މައްޗަށް އެކުލެވިގެންވާ ގޮތަށް އެކުލަވާލެވޭ ޕޫލެކެވެ. މި ޕޫލަށް ހޮވޭ ފަރާތްތަކުގެ މައިގަނޑު ޒިންމާއަކީ ކޮންފަރެންސަށް ހުށަހެޅޭ ކަރުދާސްތަކުގެ ފަންނީ ފެންވަރާއި، މައުލޫމާތުގެ ސައްހަކަން އަދި އެ ދިރާސާއެއްގެ މުހިންމުކަން ވަޒަންކޮށް، މިނިވަން އަދި އިލްމީ ޚިޔާލު ފޯރުކޮށްދިނުމެވެ.

މި ފުރުސަތު ހުޅުވާލާފައިވަނީ މެކްރޯ އިކޮނޮމިކްސް، މަނިޓަރީ އިކޮނޮމިކްސް، އިސްލާމިކް ފައިނޭންސް، ޕަބްލިކް ފައިނޭންސް، ފަތުރުވެރިކަމުގެ ދާއިރާ، ބައިނަލްއަގްވާމީ ވިޔަފާރި، ޑިޖިޓަލް ފައިނޭންސް އަދި މި ނޫންވެސް ކޮންފަރެންސާ ގުޅުންހުރި މުހިންމު ދާއިރާތަކުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށެވެ.

މި ކޮންފަރެންސަށް ހުށަހެޅޭ ކަރުދާސްތައް ދިރާސާކުރުމުގައި އަމަލުކުރުމަށް ހަމަޖެހިފައިވަނީ "ޑަބަލް ބްލައިންޑް ޕިއާ ރިވިއު" އުސޫލުންނެވެ. މި އުސޫލުގެ ދަށުން، ކަރުދާސް ރިވިއުކުރާ ފަރާތަށާއި ދިރާސާ ހުށަހެޅި ފަރާތަށް ވެސް އެކަކު އަނެކަކީ ކާކުކަން ސިއްރުކުރެވޭނެއެވެ. މިއީ ދިރާސާތަކުގެ އިންސާފުވެރިކަމާއި އިލްމީ މިންގަނޑު ހިފެހެއްޓުމަށް އަޅާ މުހިންމު ފިޔަވަޅެކެވެ.

އެމްއެމްއޭ އިން ބުނި ގޮތުގައި، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ޕިއާ ރިވިއު ކުރުމުގެ މަސައްކަތް ފުރިހަމަކުރާ ފަރާތްތަކަށް ހާއްސަ ސެޓްފިކެޓަކާއި، މަސައްކަތުގެ އުޖޫރައިގެ އިތުރުން އިލްމީ އެހެނިހެން ފުރުސަތުތައް ވެސް ލިބިގެންދާނެއެވެ.

މި ޕޫލްގައި ބައިވެރިވާން އެދޭ ފަރާތްތަކުން އެމްއެމްއޭގެ ރިސާޗް ކޮންފަރެންސް ވެބްސައިޓްގައިވާ "ޕިއާ ރިވިއުއާ ފޯމު" މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެޕްލިކޭޝަން ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 27 ސެޕްޓެންބަރެވެ.

ތިންވަނަ އެމްއެމްއޭ ރިސާޗް ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ ޑިސެންބަރު މަހުގެ 5 އިން 7 އަށެވެ.



ކިޔުންތެރިންގެ ހިޔާލު