އައިޖީއެމްއެޗް-
އައިޖީއެމްއެޗް-
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މި ދުވަސްވަރު އަރިދަފުސް ރޯގާއާއި ބޭރަށްހިންގުން ފަދަ ބަލިތައް ފެތުރޭ މިންވަރު ކަންބޮޑުވާ ދަރަޖައަކަށް އިތުރުވަމުންދާތީ، އެކަމަށް އާންމުން ޚާއްޞަ ސަމާލުކަމެއް ދިނުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އިލްތިމާސްކޮށްފިއެވެ.

މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ހޮޑުލުމާއި ބޭރަށްހިންގުން އާންމުވަމުންދާ ކަމަށް ވިދާޅުވެ، އެޗްޕީއޭއިން މިދިޔަ ހަފްތާގައި ވެސް ވަނީ އާންމު ސާފުތާހިރުކަމަށް އިސްކަންދިނުމަށް ނަސޭހަތްތެރިވެފައެވެ. ނަމަވެސް، ފާއިތުވި ދުވަސްތަކުގައި މި ބަލިތައް ޖެހިގެން ރިޕޯޓްކުރާ މިންވަރު އިތުރަށް މައްޗަށް ގޮސްފައިވާތީ، ބަލިތަކުން ރައްކާތެރިވުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް އެ އިދާރާއިން މިހާރު ވަނީ އިރުޝާދު ދީފައެވެ.

އެގޮތުން، ރޯގާއާއި ބޭރަށްހިންގުމުން ރައްކާތެރިވުމަށްޓަކައި ސައިބޯނި ލައިގެން ގަވާއިދުން ރަނގަޅަށް އަތްދޮވުމުގެ އާދަ އަށަގެންނެވުމަށާއި، ޚާއްޞަކޮށް ފާޚާނާ ކުރުމަށްފަހު އަދި ކާބޯތަކެތި ތައްޔާރުކުރުމުގެ ކުރިން އަތް ސާފުކުރުމަށް ވަނީ އަންގާފައެވެ. މީގެއިތުރުން، ބޭރަށްހިންގާ މީހުން ހަށިގަނޑުން ފެން މަދުވިޔަ ނުދިނުމަށްޓަކައި ލޮނުޕެކެޓާއި، ސޫޕް އަދި ސާފު ފެން ފަދަ ދިޔާތަކެތި ގިނައިން ބޭނުންކުރުމަށާއި، ފާޚާނާ ބޭނުންކުރުމަށްފަހު ރަނގަޅަށް ސެނިޓައިޒް ކުރުމަށް ވަނީ އިރުޝާދު ދީފައެވެ. އަދި ރޯގާގެ އެއްވެސް އަލާމާތެއް ފެންނަނަމަ މާސްކު އެޅުމަށާއި، ބަލިވެ އުޅޭ ދުވަސްވަރު ބޭރަށް ނުނިކުމެ ގޭގައި މަޑުކުރުމަށް ވެސް އެދިފައިވެއެވެ.

އެޗްޕީއޭއިން އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި، ބަލިޖެހިފައިވާ ކުދިންގެ ކިބައިން އަލާމާތްތައް ފިލައިގެންދާތާ މަދުވެގެން އެއް ދުވަސް ވަންދެން ސްކޫލަށް ނުފޮނުވުމަށާއި، ބޮޑެތި މީހުން ވެސް ބަލިން ފަސޭހަވަންދެން މަސައްކަތަށް ނުނިކުމެ ގޭގައި އަރާމުކުރުމަކީ ބަލި ފެތުރުން ހުއްޓުވުމަށް މުހިންމު ކަމެކެވެ.

ހަމައެއާއެކު، ބަލީގެ ސަބަބުން މާބޮޑަށް ވަރުދެރަވުމާއި، ދިޔާތަކެތި އެތެރެނުކުރެވުމާއި، އާދަޔާ ޚިލާފަށް ކަރުހިއްކައި ބޮލަށް އެނބުރުން އެރުން ފަދަ ނުރައްކާތެރި އަލާމާތްތައް ފެންނަނަމަ، އެއްވެސް ވަރަކަށް ލަސްނުކޮށް ވީ އެންމެ އަވަހަކަށް ޑޮކްޓަރެއްގެ އެހީތެރިކަން ހޯދުމަށް ސިއްހީ މާހިރުން އިލްތިމާސްކުރައްވައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް