ޒުވާން ޚަތީބުންގެ މަހާސިންތާގެ ބައިވެރިން އިސްލާމީ މަރުކަޒަށް ވަޑައިގެންނެވުން، ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ޒުވާން ޚަތީބުންގެ މަހާސިންތާގެ ބައިވެރިން އިސްލާމީ މަރުކަޒަށް ވަޑައިގެންނެވުން، ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން، ޒުވާން ޚަޠީބުންނަށް ހާއްސަކޮށްގެން ބާއްވާ ޤައުމީ މަހާސިންތާ މިއަދު ފަށައިފިއެވެ.

އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާގެ އިސްނެގުމުގެ މަތިން އެއް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި މަހާސިންތާގެ މައިގަނޑު މަޤްޞަދަކީ، އިސްލާމީ ދަޢުވަތު ފެތުރުމާއި ޝިޢާރުތައް ދިރުވުމުގައި ޢަމަލީގޮތުން ބައިވެރިވާ ޒުވާނުންނަށް ހިތްވަރުދީ، އެ ފަރާތްތަކުގެ ޤާބިލުކަން އިތުރުކުރުމެވެ. މި ބައްދަލުވުމުގައި 300 އަށް ވުރެ ގިނަ ޒުވާން ޚަޠީބުންނާއި އިމާމުން ވަނީ ބައިވެރިވެފައެވެ.

މި މަހާސިންތާގައި ފުރުޞަތު ދީފައިވަނީ ސަރުކާރުން ހިންގި ޒުވާން ޚަޠީބުންގެ ޕްރޮގްރާމް ފުރިހަމަކޮށް ސަނަދު ހާސިލުކޮށްފައިވާ ފަރާތްތަކަށާއި، ރަމަޟާން މަހު ޙާފިޡުންގެ ގޮތުގައި ތަރާވީޙް ނަމާދު އިމާމުވެ ކުރި ޒުވާނުންނަށެވެ. މީގެއިތުރުން، މިހާރުވެސް މިސްކިތްތަކުގައި އިމާމުވެ ނަމާދުކުރުމާއި ހުކުރު ކުރަމުންދާ އުމުރުން 30 އަހަރުން ދަށުގެ ޒުވާނުންވެސް މި މަހާސިންތާގައި ބައިވެރިވެއެވެ.

ރާއްޖޭގެ ރަށްރަށުގައި އިމާމުންނާއި ޚަޠީބުން ލިބުމަށް ދިމާވެފައިވާ ދަތިކަމަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން ފެށި "ޒުވާން ޚަޠީބު" ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެންމެ ބޮޑު ކާމިޔާބީއެއް ހޯދާފައިވާ އެއް މަޝްރޫޢެވެ. ގްރޭޑް 10، 11، އަދި 12 ގެ ދަރިވަރުންނާއި، ސްކޫލް ނިމިފައިވާ 18 އަހަރުން ދަށުގެ ކުދިންނަށް އަމާޒުކޮށްގެން ހިންގާ މި ޕްރޮގްރާމްގެ 5 ބުރު މިހާތަނަށް ވަނީ ބާއްވާފައެވެ. އަދި މި ޕްރޮގްރާމްގެ ދަށުން ޖުމްލަ 700 އަށް ވުރެ ގިނަ ޒުވާނުން ވަނީ ޚަޠީބުކަމުގެ ދާއިރާއިން ތަމްރީނުކޮށްފައެވެ.

ސަރުކާރުގެ އަމާޒަކީ މިފަދަ ތަމްރީނުތަކާއި މަހާސިންތާތަކުގެ ޒަރީއާއިން، ދީނަށް ލޯބިކުރާ ހަރުދަނާ ޒުވާން ޖީލެއް ޤައުމުގައި ބިނާކުރުމެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް