ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު
ކީރިތި ޤުރްއާން ތިލާވަތުކުރުމާއި އެ ފޮތުގެ މަތިވެރި ޢިލްމު އުނގެނުމުގައި ދެމިތިބުމަށް، ކީރިތި ޤުރްއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތުގެ ބައިވެރީންނަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު އިލްތިމާސްކުރައްވައިފިއެވެ.

އެމަނިކުފާނު މިކަމަށް އިލްތިމާސްކުރެއްވީ، ކީރިތި ޤުރްއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް އިފުތިތާޙުކުރުމަށްޓަކައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، ކީރިތި ޤުރްއާނުގެ ޢިލްމު އުނގަންނައިދީ، ކުދިންގެ ހިތްތަކުގައި ޤުރްއާން ކިޔެވުމުގެ ރިވެތި އާދަ އަށަގަންނުވައި، ބޮޑުވަމުން އަންނަ ޖީލަކީ ކީރިތި ޤުރްއާނާ ނުހަނު ގާތް ބައެއްގެ ގޮތުގައި ތަރުބިއްޔަތު ކުރުމަކީ މުޅި މުޖުތަމަޢު އަދާކުރަންޖެހޭ މުހިންމު ޒިންމާއެއް ކަމަށެވެ. އަދި މި ފެށުނު 38 ވަނަ ޤައުމީ މުބާރާތަކީ މި ޒިންމާ ފުރިހަމަކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ތިމާ އާއި ކީރިތި ޤުރްއާނާ އޮތް ގުޅުމަކީ ވަކި މުބާރާތަކުން ނިމިގެންދާ ކަމެއް ނޫންކަން އަބަދުވެސް ހަނދާނުގައި ބަހައްޓަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން، ޤުރްއާނުގެ ޢިލްމު އުނގެނުމުގައި ދެމިތިބުމަށާއި، ބައިވެރީންގެ ޢަމަލުތަކާއި ސުލޫކަކީ ޤުރްއާނުގެ އަލީގައި ބައްޓަންވެފައިވާ ރިވެތި ސިފަތަކަކަށް ހަދައި، ޤައުމާއި މުޖުތަމަޢަށް ނަމޫނާ، ޚިދުމަތްތެރި ދަރިންތަކަކަށް ވުމަށް އެމަނިކުފާނު ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ. އަދި މުބާރާތުގެ ނަތީޖާއަށްވުރެ ބޮޑަށް، ޤުރްއާނަށް ކުދީންގެ ހިތްތަކުގައި އޮތް ލޯބި ދެމެހެއްޓުމަށް ބާރުއަޅުއްވައިދެއްވުމަށް މުބާރާތުގެ ބައިވެރިންގެ ބެލެނިވެރިންގެ ކިބައިން ނައިބު ރައީސް އެދިވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި، އިސްލާމީ ތަޢުލީމާއި ޤުރްއާނުގެ ޢިލްމު ފުޅާކުރުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ނައިބު ރައީސް ވިދާޅުވީ، ކުރިއަށްއޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޒަމާނީ ފެންވަރުގެ ޤުރްއާނާ ބެހޭ މަރުކަޒުތައް ޤާއިމުކުރުމާއި، މުދައްރިސުން ތަމްރީނުކުރުމުގެ ފުރުޞަތުތައް އިތުރުކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ.

މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުގެ މުބާރާތްވެސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މައިގަނޑު 3 ބުރަކަށް ބަހާލައިގެންނެވެ. އެގޮތުން މާލޭގެ އިތުރުން ރާއްޖޭގެ 20 ސަރަޙައްދެއްގައި މި މުބާރާތުގެ އޮޑިޝަން ބުރު މި އަހަރުގެ ޖޫން އަދި ޖުލައި މަހު ވަނީ ބާއްވާފައެވެ.

މުބާރާތުގެ ޝެޑިއުލް ހަމަޖެހިފައިވާ ގޮތުން، ސެމީ ފައިނަލް ބުރަށް ހޮވުނު 379 ބައިވެރީންގެ ކިޔެވުން ކުރިއަށްދާނީ ސެޕްޓެންބަރު މަހުގެ 11 އިން 14 ގެ ނިޔަލަށެވެ. އަދި އޭގެ ފަހުން ފައިނަލް ބުރަށް ހޮވޭ 150 ބައިވެރީންގެ ކިޔެވުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މި ހިނގާ ސެޕްޓެންބަރު މަހުގެ 16 އިން 17 ގެ ނިޔަލަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް