ރައީސް ޑރ މުޢިއްޒު (ކ) އެމްޑީ ފަހުމީ (ވ) އަށް އެމްޑަބްލިޔުއެސްސީގެ އެވޯޑް ޙަވާލު ކޮށްދެއްވަނީ
ރައީސް ޑރ މުޢިއްޒު (ކ) އެމްޑީ ފަހުމީ (ވ) އަށް އެމްޑަބްލިޔުއެސްސީގެ އެވޯޑް ޙަވާލު ކޮށްދެއްވަނީ
މާލެ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އާއި އެ ކުންފުނީގެ ޑރ. ފުރްޤާން އިބްރާހީމަށް މިއަހަރުގެ އިންޖިނިއަރިން އެވޯޑްސްގައި ޤައުމީ ފެންވަރުގެ ޝަރަފުވެރި 4 އެވޯޑެއް ލިބިއްޖެއެވެ.

މި ކާމިޔާބީއާ ގުޅިގެން، އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ކުންފުނީގެ ޓީމަށާއި ޑރ. ފުރްޤާން އިބްރާހީމަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. ފަހުމީ ވިދާޅުވީ މިއީ އެ ކުންފުންޏަށާއި މުޅި ޤައުމަށް ލިބުނު ފަޚުރުވެރި ކާމިޔާބީއެއް ކަމަށެވެ.

އިންޖިނިއަރިން އެވޯޑްސްގައި އެމްޑަބްލިޔުއެސްސީން ހާސިލުކުރި ޝަރަފުވެރި އެވޯޑުތަކަކީ ސަސްޓެއިނަބިލިޓީ ޗެމްޕިއަން އެވޯޑް، ކޮމިއުނިޓީ އިމްޕެކްޓް އެވޯޑް، އިންޖިނިއަރ އޮފް ދަ އިޔަރ އެވޯޑް (ޑރ. ފުރްޤާން އިބްރާހީމް)، އިންޖިނިއަރިންގ އިނޮވޭޝަން، ޓެކް، އެޑިއުކޭޝަން އެންޑް ރިސާޗް އެވޯޑް (ޑރ. ފުރްޤާން އިބްރާހީމް) އެވެ.

މި ކާމިޔާބީ ފާހަގަކުރައްވަމުން ފަހުމީ ވަނީ، އާ އީޖާދުތަކާއެކު މުޖުތަމަޢަށް އަގުހުރި ޚިދުމަތްތަކެއް ފޯރުކޮށްދިނުމުގައި ކެނޑިނޭޅި މަސައްކަތްކުރަމުންދާ އެމްޑަބްލިޔުއެސްސީގެ ހީވާގި މުވައްޒަފުންނަށް ޝުކުރު އަދާކުރަށްވާފައެވެ.



'ސަސްޓެއިނަބިލިޓީ ޗެމްޕިއަން އެވޯޑް' އެމްޑަބްލިޔުއެސްސީ އަށް ލިބުނީ ހދ. ކުޅުދުއްފުށީގައި ޤާއިމުކޮށްފައިވާ، ސައްތައިން ސައްތަ އަވިން ހަކަތަ އުފައްދައިގެން ހިންގާ، ތިމާވެއްޓަށް ގެއްލުންދޭ ވިހަ ގޭސްތައް ބޭރުނުކުރާ (ޒީރޯ އެމިޝަން) ފެން އުފައްދާ ނިޒާމަށެވެ. އަދި 'ކޮމިއުނިޓީ އިމްޕެކްޓް އެވޯޑް' އެމްޑަބްލިޔުއެސްސީން ކާމިޔާބުކުރީ ރ. ދުވާފަރުގައި އެ ކުންފުނިން ހިންގަމުން އަންނަ އިންޓެގްރޭޓަޑް ޔުޓިލިޓީ ސަރވިސް މޮޑެލްއަށެވެ. މި މޮޑެލްގެ ދަށުން ބޯފެން ފޯރުކޮށްދިނުމާއި، ނަރުދަމާ އާއި، ކުނި މެނޭޖުކުރުމާއި، ކަރަންޓުގެ ޚިދުމަތުގެ އިތުރުން ވާރޭފެން ރައްކާކުރުމާއި އިއާދަކުރަނިވި ހަކަތައިގެ ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދެމުން ގެންދެއެވެ.

ކުންފުންޏަށް ލިބުނު ކާމިޔާބީތަކުގެ އިތުރުން، އިންޑިވިޖުއަލް ކެޓަގަރީން އެމްޑަބްލިޔުއެސްސީގެ ރިސްކް އެންޑް ކޮމްޕްލަޔަންސް ޑިވިޝަންގެ ޖެނެރަލް މެނޭޖަރ ޑރ. ފުރުޤާން އިބްރާހީމް ވަނީ ދެ އެވޯޑެއް ހާސިލުކުރައްވާފައެވެ. އެއީ މުޅި ޙަފުލާގެ އެންމެ ޝަރަފުވެރި އެއް އެވޯޑު ކަމަށްވާ "އިންޖިނިއަރ އޮފް ދަ އިޔަރ އެވޯޑު" އަދި "އިންޖިނިއަރިންގ އިނޮވޭޝަން، ޓެކްނޮލޮޖީ، އެޑިއުކޭޝަން އެންޑް ރިސާރޗް އެވޯޑު" އެވެ.

މި އެވޯޑުތަކަކީ ދެމެހެއްޓެނިވި ތަރައްޤީއަށާއި، މުޖުތަމަޢުގެ ލާބަޔާއި މަންފާއަށް އަދި އިންޖިނިއަރިންގ ދާއިރާއިން އައު އީޖާދުތަކާއި ދިރާސާތައް ކުރިއެރުވުމަށް އިންޖިނިއަރުން ކުރަމުންދާ އިޚްލާޞްތެރި މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ސަރުކާރުން މިއަހަރު މުޅިން އަލަށް ދޭންފެށި އެވޯޑުތަކެކެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް