ފޮޓޯ: އިމިގްރޭޝަން
ފޮޓޯ: އިމިގްރޭޝަން
ހުޅުމާލޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް މޯލްޑިވްސް އިމިގްރޭޝަނުން ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަންގައި، 26 ބިދޭސީން ޗެކްކޮށް، 7 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ބުނީ، ޖޮއިންޓް ޓާސްކް ފޯސްއިން އިއްޔެ ހުޅުމާލޭގައި ޚާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސް ހުޅުމާލޭގެ 8 ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އެ އޮޕަރޭޝަންގައި 26 ބިދޭސީން ޗެކް ކޮށްފައިވާއިރު، އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އިމިގްރޭޝަންގެ ގަވާއިދުތަކާ ހިލާފަށް ރާއްޖޭގައި އުޅެމުންދިޔަ ކަމަށް ފާހަގަކުރެވުނު 7 މީހުންނެވެ.

މި އޮޕަރޭޝަނަކީ ގަވާއިދާ ހިލާފަށް ބިދޭސީންލައްވައި މަސައްކަތް ކުރުވާ ފަރާތްތަކާއި، އެފަދަ ފަރާތްތަކަށް ހިޔާވަހިކަން ފޯރުކޮށްދޭ ކަމަށް ތުހުމަތު ކުރެވޭ ވިޔަފާރިތަކަށް އަމާޒުކޮށްގެން ހިންގި ހާއްސަ ރޭޑްތަކެކެވެ. މި މަސައްކަތުގެ ތެރެއިން ބިދޭސީންނާ ސުވާލުކޮށް، އެމީހުންގެ ވިސާ އާއި އެހެނިހެން ލިޔެކިޔުންތައް ސައްހަތޯ ބަލައި ފާސްކޮށްފައިވެއެވެ.

ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އިމިގްރޭޝަނުން ވަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ސިލްސިލާ އޮޕަރޭޝަންތަކެއް މާލެ ސަރަހައްދުގައި ހިންގާފައެވެ. މި އޮޕަރޭޝަންތަކުގެ ސަބަބުން ގިނަ އަދަދެއްގެ ބިދޭސީން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައެވެ.

އޭގެއިތުރުން އިމިގްރޭޝަނުން ބުނީ، މިގޮތަށް ބެލުމުގެ ދަށަށް ގެނެވޭ ބިދޭސީން ޑިޓެންޝަން ސެންޓަރުގައި ބޭތިއްބުމަށްފަހު، އެމީހުން އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކާ ގުޅިގެން ހުއްޓުމެއް ނެތި ކުރަމުންދާ ކަމަށެވެ.

ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ފަށާފައިވާ "ކުރަނގި" އޮޕަރޭޝަންގެ ދަށުން މިހާތަނަށް 294،000 އަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު ވަނީ އެއްކޮށްފައެވެ. އަދި މިހާރު އައިޑެންޓިފައި ނުކުރެވި ތިބީ އެންމެ 1،102 މީހުން ކަމަށްވެސް ސަރުކާރުން ވަނީ ބުނެފައެވެ. އިމިގްރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި، "އޯޕަން ވިޒާ" ގެ ނަމުގައި ގަވާއިދާ ޚިލާފަށް މަސައްކަތްކުރާ ބިދޭސީންގެ އަދަދު ވަނީ އިތުރުވެފައެވެ.

ސަރުކާރުން އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކާއެކު، މިހާތަނަށް ގަވާއިދާ ޚިލާފަށް އުޅުނު 12،552 ބިދޭސީން ވަނީ ރާއްޖެއިން ޑީޕޯޓުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް