ގއ. ދާންދޫގެ އިރުން 16 މޭލު ބޭރުގައި މިއަދު އެޅި އައު ދޮށީ ކަނދުފަތި
ގއ. ދާންދޫގެ އިރުން 16 މޭލު ބޭރުގައި މިއަދު އެޅި އައު ދޮށީ ކަނދުފަތި
ގއ. ދާންދޫގެ އިރުން 16 މޭލު ބޭރުގައި މިއަދު އައު ދޮށީ ކަނދުފައްޗެއް އަޅައިފި ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.

އެ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، މި އެޅި ދޮށީ ކަނދުފަތީގެ ނަންބަރަކީ O10D02-01 އެވެ. އަދި މި ކަނދުފަތި އަޅާފައިވާ ލޮކޭޝަނަކީ 0°37.300’N އަދި 73°44.100’E އެވެ.

މި ސަރަޙައްދުގައި ދޮށީ ކަނދުފައްޗެއް ޤާއިމްކުރުމުގެ ސަބަބުން އެ ސަރަޙައްދުގެ މަސްވެރިކަން އިތުރަށް ކުރިއަރައިގެންދާނެ ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. ޚާއްޞަކޮށް އެ ސަރަޙައްދުގައި ހަރަކާތްތެރިވާ ޒުވާން މަސްވެރިންނަށާއި، ސްޕޯޓްސް ފިޝިންގްގައި ޝާމިލްވާ ފަރާތްތަކަށް މަސްވެރިކަން ކުރުމުގައި މިކަމުގެ ސަބަބުން ވަރަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކަނދުފަތި ޤާއިމްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މަސްވެރިކަމުގެ ދާއިރާ ތަރައްޤީކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ މުހިންމު މަސައްކަތެކެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، ރާއްޖޭގެ މަސްވެރިންނަށް ފަސޭހައިން މަސްވެރިކަން ކުރެވޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން، ކުރިއަށް އޮތް ތަނުގައިވެސް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އިތުރު ކަނދުފަތިތައް ޤާއިމްކުރުމުގެ މަސައްކަތް ސިލްސިލާކޮށް ކުރިއަށް ގެންދަވާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު