ހުކުރު ނަމާދުގެ ޖަމާޢަތް (ފޮޓޯ: ސޯޝަލް މީޑިއާ)
ހުކުރު ނަމާދުގެ ޖަމާޢަތް (ފޮޓޯ: ސޯޝަލް މީޑިއާ)
އިސްލާމް ދީނާއި ކީރިތި ނަބިއްޔާ ދިފާއު ކުރުމަކީ ކޮންމެ މުސްލިމެއްގެ ވާޖިބެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ހުތުބާގައި ބުނެފައިވަނީ، މާތް ނަބިއްޔާ ދެކެ ލޯބި ނުވެ އީމާންކަން ފުރިހަމަ ނުވާނެ ކަމަށާއި މުސްލިމުންގެ ހިތްތައް ދިރިގެން ވަނީ އެކަލޭގެފާނު ދެކެ ލޯބިވުމާއި އެ ކަލޭގެފާނު މަތިވެރި ކުރުމުގައި ކަމަށެވެ. އަދި އެއީ ފަނޑުވުމެއް ނެތް މަތިވެރި ލޯތްބެއް ކަމަށާއި އެއީ މުސްލިމުންގެ ލޭގައި ހިނގާ ތާޒާ މުގައްދަސް ލޯތްބެއް ކަމުން އެކަލޭގެފާނުގެ މަގާމުގެ ކަރާމަތަށް އުނިކަމެއް ލިބޭފަދަ ކޮންމެ އަމަލަކީ، މުސްލިމުންނަށް ބަރުދާސްތު ނުކުރެވޭހާ ފުން އަސަރުތަކެއް ކުރުވާނޭ ކަމެއް ކަމަށްވެސް ހުތުބާގައި ބުނެފައި ވެއެވެ.

މިކަމަށް ދަލީލު ދައްކަމުން ޚުތުބާގައި ބުނެފައިވަނީ، "އެމީހެއްގެ ބައްޕަ އާއި، ދަރި އާއި، އެންމެހައި މީސްތަކުންނަށް ވުރެ ބޮޑަށް، ތިމަން ކަލޭގެފާނަކީ އެމީހެއްގެ ގާތުގައި ލޮބުވެތިކަން އެންމެ ބޮޑުވެގެންވާ ފަރާތްކަމުގައި ވެއްޖައުމަށް ދާންދެން، ތިޔަބައި މީހުންކުރެ އެކަކުވެސް، އީމާންވި ކަމުގައި ނުވާނެ ކަމަށް" ރަސޫލުﷲގެ ފާނުގެ ޙަދީޘެއްގައި ވާރިދުވެފައިވާ ކަމަށެވެ.

މާތް ނަބިއްޔާގެ އަދުލުވެރިކަމާއި، އޯގާވެރިކަމާއި، މާތްކަމާއި، އެކަލޭގެފާނު ގެނެސް ދެއްވި ހަބަރުތަކުގެ ތެދުކަމުގެ މައްޗަށް މިތުރުންނާއި، ހަތުރުން ހެކިވާނެ ކަމަށާއި އެކަލޭގެފާނަށް އީމާންވާ، އެކަލޭގެފާނު ދެކެ ލޯބިވާ މީހުންގެ އަދަދު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުން ކަމަށަވެސް ހުތުބާގައި ވެއެވެ. އަދި ގިޔާމަތާ ޖެހެންދެން އެކަލޭގެފާނުގެ ޒިކުރާ އާވެ، އާލާވޭވެ ހުންނާނެ ކަމަށާއި ﷲ ގެ ރަހްމަތްފުޅުން ކޮންމެ ދުވަހަކު ފަސްފަހަރު މިދީބުގެ މިސްކިތްތަކުގެ ތާޅަފިލިތަކުން ޝަހާދަތުގެ ދެކަލިމައިން މުޅި ދިވެހި ފަޒާ ގުގުމާލެވެމުން ދާނެ ކަމަށްވެސް ހުތުބަގައި ބުނެފައި ވެއެވެ.

މާތް ނަބިއްޔާ އަށް ލޯބިކުރުމުގެ އެންމެ މުހިއްމު އަލާމާތަކީ އެކަލޭގެފާނަށް ފުރިހަމައަށް ތަބާވުން ކަމަށާއި، އެކަލޭގެފާނުގެ މަތިވެރި ސީރަތުން، އިބުރަތް ލިބިގަތުން ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ. އަދި އެކަލޭގެފާނު އުއްމަތަށް ދައްކުވައިދެއްވި ރިވެތި އަހްލާގީ މިންގަނޑުތަކަށް ތަބާވުމާއެކު ތެދުބަސް ބުނުމާއި، ކެތްތެރިވުމާއި، އަދުލުވެރިވުމާއި، އެއްބަޔަކު އަނެއް ބަޔަކަށް އިހްތިރާމް ކުރުމާއި، މަޑުމޮޅިވުމާއި، މިނޫން ވެސް އެކަލޭގެފާނު ގެނެސް ދެއްވި އަހްލާގީ އެންމެހައި ސިފަތަކުން ޒީނަތްތެރިވުން ކަމަށްވެސް ހުތުބާގައި ބުނެފައި ވެއެވެ.

ނަބީބޭކަލުންނަށް ފުރައްސާރަ ކުރުމަކީ އިއްޔެއަކު މިއަދަކު ކުރިމަތިވެގެން އުޅޭ އާ ކަމެއް ނޫން ކަމަށާއި މީސްތަކުންގެ ގާތަށް މާތް ﷲ ފޮނުއްވި ކޮންމެ ރަސޫލަކަށާއި ނަބީ ބޭކަލަކަށް ފުރައްސާރަ ކުރި ބަޔަކު އުޅުނު ކަމަށާއި ނަމަވެސް އިސްލާމް ދީނާއި ކީރިތި ރަސޫލާ ދިފާއު ކުރުމަކީ ކޮންމެ މުސްލިމެއްގެ ވާޖީބެއް ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން