ކްރިމިނަކް ކޯޓު-
ކްރިމިނަކް ކޯޓު-
ޕާކުކޮށްފައި ހުރި ސައިކަލެއްގައި އަޅުވާފައި އޮތް ކުޑަކުއްޖެއްގެ ސްކޫލް ދަބަހެއް ވަގަށް ނެގި މައްސަލައެއްގައި މީހަކު 4 މަހާއި 24 ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.

މި މައްސަލައިގައި ޖަލު ޙުކުމެއް އިއްވާފައިވަނީ ލ. އިސްދޫ، ގުލްފާމުގެ، ނާހިދު ޔޫސުފްގެ މައްޗަށެވެ. ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވަނީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދަޢުވާއެވެ.

ދަޢުވާގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ 23 ޖުލައި 2025 ވީ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. ނާހިދު ވަނީ މާލޭގެ ޗާންދަނީމަގު، ކަޅުވަކަރު މިސްކިތް ކައިރީގައި ހަދާފައިވާ ޕާކިންގ ޒޯނުގައި ޕާކްކޮށްފައި ހުރި ސައިކަލެއްގެ ބިދޭސީގައި އަޅުވާފައި އިން "ސްމިގްލް" ބްރޭންޑްގެ ސްކޫލް ދަބަހެއް، އޭގެ ވެރިފަރާތުގެ ހުއްދައެއް ނެތި ނަގައިގެން ގޮސްފައެވެ. އެ ދަބަހުގެ ތެރޭގައި ކުއްޖާގެ ސްކޫލް ފޮތްތަކާއި، ފެންފުޅިއެއްގެ އިތުރުން ޕެންސިލް ކޭހެއް އޮތް ކަމަށް ދައުލަތުން ކޯޓުގައި ބުނެފައިވެއެވެ.

މި މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައްޔާއި އަވަސްނިޔާގެ އަޑުއެހުމުގައިވެސް ނާހިދު ވަނީ އެއްވެސް މަޖުބޫރުކަމެއް ނެތި، އަމިއްލަ އިޚްތިޔާރުގައި ކުށަށް އިޢުތިރާފުވެފައެވެ. އެހެންކަމުން މައްސަލަ ބެއްލެވި ޤާޟީ ވަނީ ޝައްކެއްނެތް މިންވަރަށް އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅުއްވާފައެވެ.

ޤާނޫނުލްޢުޤޫބާތުގައި މި ކުށަށް ކަނޑައެޅިފައިވާ އަސާސީ އަދަބަކީ 4 މަހާއި 24 ދުވަހުގެ ޖަލު މުއްދަތެކެވެ. ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި މިފަދަ ކުށެއް އޭނާގެ މައްޗަށް ސާބިތުވެފައިވާތީ އަދަބުގެ ދަރަޖަ މަތިކުރަން ޖެހުނު ނަމަވެސް، ޝަރީޢަތުގެ މަޖިލީހުގައި އޭނާ ކުށަށް އިޢުތިރާފުވެފައިވާތީ އަދަބުގެ ދަރަޖަ ވަނީ އަސާސީ މިންވަރަށް ދަށްކޮށްފައެވެ.

ކްރިމިނަލް ކޯޓުގެ ޤާޟީ ޢަލީ އާދަމް ނިންމެވީ، ނާހިދު ޔޫސުފް 4 މަހާއި 24 ދުވަހުގެ މުއްދަތަކަށް ޖަލަށްލުމަށެވެ.



ކިޔުންތެރިންގެ ހިޔާލު