ފެނަކަ ކޯޕަރޭޝަން
ފެނަކަ ކޯޕަރޭޝަން
ސަރުކާރުގެ ކުންފުނިތައް "ރައިޓް ސައިޒް" ކުރުމަށް ސަރުކާރުން ފަށާފައިވާ ސިޔާސަތުގެ ދަށުން، ޚާއްޞަ މާލީ އިނާޔަތްތަކަކާ އެކު ފެނަކަ ކޯޕަރޭޝަންގެ 107 މުވައްޒަފަކު އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވެއްޖެއެވެ.

ދައުލަތުގެ ވިޔަފާރި ކުންފުނިތަކުގެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން، ކުންފުނިތަކުގެ މުވައްޒަފުންގެ ތެރެއިން 33 އިންސައްތަ މަދުކުރުމަށް މިނިސްޓްރީ އޮފް ފިނޭންސުންނާއި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވަނީ އަންގާފައެވެ. މި ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި ޖުލައި 13 ވަނަ ދުވަހުން ފެށިގެން ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި މުވައްޒަފުން މަދުކުރުމުގެ މަސައްކަތް ނިންމުމަށް ސަރުކާރު ހިއްސާވާ ހުރިހާ ކުންފުނިތަކަކަށް މިހާރު ވަނީ އަންގާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މީގެކުރިން ވިދާޅުވެފައިވަނީ، ސަރުކާރު ކުންފުނިތައް ރައިޓް ސައިޒު ކުރުމުގެ މަސައްކަތް ނިމޭއިރު، މި ސަރުކާރުން ވެރިކަމާ ހަވާލުވުމުގެ ކުރިން އެސްއޯއީތަކުގައި ތިބި އަދަދަށްވުރެ 6،000 މުވައްޒަފުން މަދުވެގެންދާނެ ކަމަށެވެ. އަދި ދައުލަތުގެ މާލީ ބުރަ ލުއިކުރުމަށްޓަކައި މި ސިޔާސަތުގެ ދަށުން ވަޒީފާއިން ދޫކޮށްލާ ފަރާތްތަކަށް މާލީ އެހީތެރިކަމެއްގެ ގޮތުން ތިން މަސްދުވަހުގެ އުޖޫރަ ދިނުމުގެ އިތުރުން، އަމިއްލަ މަސައްކަތެއް ފެށުމަށްޓަކައި ލޯނުގެ ފުރުސަތުތައް ވެސް ސަރުކާރުން ވަނީ ފަހިކޮށްދީފައެވެ.

ފެނަކައިން ބުނީ، ހަތަރު މަސްދުވަހުގެ މުސާރަ ލިބޭ ގޮތަށް އަމިއްލައަށް ވަޒީފާ ދޫކޮށްލުމަށް އެ ކުންފުނިން ހުޅުވާލި ފުރުޞަތުގެ މުއްދަތު މިހާރު ވަނީ ހަމަވެފައި ކަމަށެވެ. އަދި މި ސްކީމްގެ ދަށުން ވަކިވި ހުރިހާ މުވައްޒަފުންނަށް، އެއްބަސްވުމުގައިވާ ގޮތުގެ މަތިން އެއްވެސް އުނިއިތުރެއް ނެތި ކުންފުނީގެ ބަޖެޓުގެ ތެރެއިން ފައިސާ ދޫކޮށްފައިވާނެ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ. މީގެ އިތުރުން، އެ ފައިސާ ނުލިބޭކަމަށް ބުނެ ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަކީ ޙަޤީޤަތާ ޚިލާފު ދޮގު ވާހަކަތަކެއްކަމަށްވެސް ފެނަކައިން ހާމަކޮށްފައިވެއެވެ.

މިވަގުތު 8،000 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރަމުންދާ ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޢަފީފް ޙުސައިން މީގެ ކުރިން ވިދާޅުވީ، ކުންފުނިން މުވައްޒަފުން މަދުކުރަން ޖެހުނީ ލިބޭ އާމްދަނީއާ އަޅާބަލާއިރު މުސާރައަށް ކުރަންޖެހޭ ހޭދަ އިންތިހާއަށް ބޮޑުވުމުން ކަމަށެވެ. އަދި ބޭނުންވާ ވަސީލަތްތައް ނެތުމުގެ ސަބަބުން މަސައްކަތް ހުއްޓިފައިވާ ރަށްރަށުގައި، އެއްވެސް މަސައްކަތެއް ނުކޮށް މުވައްޒަފުން ތިބެންޖެހުމަކީ ކުންފުންޏަށް އުފުލަންޖެހޭ ވަރަށް ބޮޑު މާލީ ބުރައެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ވަޒީފާ ދޫކޮށްލި މުވައްޒަފުންނަށް ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް ދޫކުރާ ލޯނުތަކުގެ އެހީގައި އަމިއްލަ ވިޔަފާރިތައް ފެށުމުގެ ފުރުޞަތު ފަހިވެގެންދާނެކަމަށް ވެސް އެމްޑީ ވަނީ ވިދާޅުވެފައެވެ.

ސަރުކާރު ކުންފުނިތައް "ރައިޓް ސައިޒް" ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، ކުންފުނިތަކުން ވަކިކުރާ މުވައްޒަފުން ކައުންސިލްތަކުގެ ވަޒީފާތަކަށް ނަގަމުންދާ ކަމުގެ އަޑުތަކެއް ވެސް ވަނީ ފެތުރިފައެވެ. އަދި މުވައްޒަފުން ވަކިކުރުމުގައި ސަރުކާރުން ގެންގުޅޭ ސިޔާސަތާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ބުނެފައިވަނީ، މިއީ ކުންފުނިތަކުގެ ޚަރަދު ކުޑަކުރުމުގެ ނަމުގައި، ސިޔާސީ ގޮތުން ތަފާތު ވިސްނުމުގެ މީހުން ވަޒީފާތަކުން ވަކިކުރުމަށްޓަކައި ހިންގާ ސިޔާސީ މަސައްކަތެއް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު