މައްސަލާގައި ހިމެނޭ ދެމީހުން
މައްސަލާގައި ހިމެނޭ ދެމީހުން
ހުޅުމާލެ ފޭސް ދޭއްގައި މިދިޔަ އަހަރު ހިންގި މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއްގައި ހައްޔަރުކުރި ދެ މީހަކު، 12 އަހަރާއި ހަ މަސް ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު ކޮންމެ މީހަކު ބައި ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައިގައި ހުކުމް އިއްވާފައިވަނީ ހދ. ނޭކުރެންދޫ / ސާޒް، އިބްރާހީމް ރިސްފާން އަދި މ. ވިލާތުކުންނާރުގެއާގެ، މުޙައްމަދު ޒަޢީންގެ މައްޗަށެވެ.

ފުލުހުންގެ ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 19 ވަނަ ދުވަހުއެވެ. މި އޮޕަރޭޝަނުގެ ތެރެއިން ހުޅުމާލެ ފޭސް ދޭއްގެ ތިން ޓަވަރެއްގެ ތިން އެޕާޓްމަންޓެއްގެ އިތުރުން، ދެ ކާރާއި ދެ ސައިކަލު ފުލުހުން ބަލައި ފާސްކޮށްފައިވެއެވެ.

މި ބަލައި ފާސްކުރުމުގެ ތެރޭގައި އެ ތަންތަނުން 968.6 ގުރާމުގެ މަސްތުވާތަކެތި (ޑައިމޯފިން) ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

މި މައްސަލައާ ގުޅިގެން ދައުލަތުން ރިސްފާނާއި ޒަޢީންގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އުފުލީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. ޝަރީއަތުގެ މަރުހަލާގައި މި ދެ މީހުން ވެސް ވަނީ އެ މީހުންގެ މައްޗަށް ކުރި ދައުވާއަށް އިއުތިރާފުވެ، ދައުލަތާއެކު އިއުތިރާފުގެ އެއްބަސްވުމެއް ޤާއިމުކޮށްފައެވެ.

ޤާނޫނުގައި ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށަށް ކަނޑައަޅާފައިވާ އަސާސީ އަދަބަކީ އުމުރަށް (25 އަހަރަށް) ޖަލަށްލުމާއެކު 100،000 ރުފިޔާއިން ޖޫރިމަނާ ކުރުމެވެ. ނަމަވެސް، މި ދެމީހުން ދައުލަތާއެކު ވެފައިވާ އިއުތިރާފު އެއްބަސްވުމުގެ ދަށުން އަދަބު ދެބައިކުޅަ އެއްބަޔަށް ލުއިކޮށް ދިނުމުން، އެ މީހުންގެ އަދަބަކަށް ކަނޑައަޅާފައިވަނީ 12 އަހަރާއި ހަ މަސް ދުވަހުގެ ޖަލު ހުކުމަކާއި، 50،000 ރުފިޔާގެ ޖޫރިމަނާއެކެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް