ރާއްޖޭގެ އިލާން، ލަނޑު ޖެހުމަށް ފަހު އުފާފާޅު ކުރަނީ --- ފޮޓޯ: އޭއެފްސީ
ރާއްޖޭގެ އިލާން، ލަނޑު ޖެހުމަށް ފަހު އުފާފާޅު ކުރަނީ --- ފޮޓޯ: އޭއެފްސީ
އޭއެފްސީ 20 އަހަރުންދަށުގެ އޭޝިއަން ކަޕް ކޮލިފައިންގައި ވާދަވެރި ސްރީލަންކާގެ މައްޗަށް 4-0 ގެ ފުރިހަމަ ކާމިޔާބީއެއް ހޯދައި، ދިވެހިރާއްޖޭގެ ޓީމުން ގްރޫޕުގެ ގަދަ ދެ ޓީމުގެ ތެރޭގައި ހިމެނިގެން މުބާރާތުގެ އަނެއް މަރުހަލާއިން ޖާގަ ކަށަވަރުކޮށްފިއެވެ.

ރާއްޖެއާއި ސްރީލަންކާގެ އިތުރުން މިޔަންމާ އަދި ބުރުނާއީ ހިމެނޭ މި ގްރޫޕް "ކޭ" އިން އަނެއް ބުރަށް ދަތުރުކުރި އަނެއް ޓީމަކީ، މެޗުތައް މިހާރު ކުރިއަށްދާ މިޔަންމާއެވެ.

މިޔަންމާގެ ޔަންގޮންގައި ހުންނަ ތުވުންނާ ސްޓޭޑިއަމްގައި މިއަދު ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ރާއްޖޭގެ ޓީމުން ވަނީ މޮޅު ކުޅުމެއް ދައްކައި، ލަންކާގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. އެގޮތުން ރާއްޖޭގެ މުހައްމަދު ޝަމްހާން، އަހުޒަމް ރަޝީދު، ކެޕްޓަން މުހައްމަދު އިލާން އިމްރާން އަދި ނައްސާހު އިބްރާހީމް ނާސިރު ފޮނުވާލި ހަމަލާތައް ލަންކާގެ ކީޕަރު ޝާތިން ކަތާފީ ޝަހީދު ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

ނަމަވެސް، ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތިންވަނަ މިނެޓުގައި ރާއްޖެއިން ވަނީ މެޗުގެ ލީޑު ނަގާފައެވެ. ނައްސާހު ފޮނުވާލި ބޯޅަ ކީޕަރުގެ އަތުގައި ޖެހިފައި ނުކުތް ވަގުތު، ލިބުނު ރީބައުންސް ވޮލީއަކުން ގޯލުގެ ތެރެއަށް ވައްދާލައިގެން މި ލަނޑު ކާމިޔާބުކޮށްދިނީ ކެޕްޓަން އިލާނެވެ.

ދެވަނަ ހާފު ފަށައިގެން މެޗުގެ 60 ވަނަ މިނެޓުގައި ރާއްޖޭގެ ލީޑު ފުޅާކޮށްދިނީ މުހައްމަދު ޝަމްހާނެވެ. އޭނާ މި ލަނޑު ޖެހީ ޕެނަލްޓީ އޭރިއާ ބޭރުން ތިރިތިރިން ގޯލުގެ ކަނަށް ބޯޅަ ވައްދާލައިގެންނެވެ.

މެޗުގެ 63 ވަނަ މިނެޓުގައި ލަންކާގެ މުހައްމަދު ފާރިގު ފާރޫން (މުހައްމަދު ފުއާދު) އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލުމުން، އެ ޓީމަށް އިތުރު ދަތިތަކަކާ ކުރިމަތިލާން ޖެހުނެވެ. މި ފުރުސަތުގެ ފައިދާ ނަގައި ރާއްޖޭގެ ނައްސާހު ވަނީ ކުރު މުއްދަތެއްގެ ތެރޭގައި އިތުރު ދެ ލަނޑު ޖަހާފައެވެ. އެގޮތުން 78 ވަނަ މިނެޓުގައި އަހުޒަމް ނަގައިދިން ކޯނަރަކުން ބޮލުން ގޯލަށް ބޯޅަ ފޮނުވާލައިގެން ލަނޑެއް ކާމިޔާބުކުރިއިރު، އޭގެ ދެ މިނެޓު ފަހުން (80 ވަނަ މިނެޓުގައި) އިލާން ތަނަވަސްކޮށްދިން ފުރުސަތަކުން އޭނާ ވަނީ ރާއްޖޭގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްފައެވެ.

މި ގްރޫޕުގައި މިއަދު ކުޅުނު އަނެއް މެޗުން ބުރުނާއީގެ މައްޗަށް 7-0 އިން މިޔަންމާ ވަނީ ކުރިހޯދާފައެވެ. ފައިދާ ގޯލުގެ ތަފާތުން ގްރޫޕުގެ އެއްވަނައިގައި މިވަގުތު މިޔަންމާ އޮތްއިރު، ގްރޫޕުގެ އެއްވަނަ ޓީމު ކަށަވަރުވާނީ އަންނަ އާދީއްތަ ދުވަހު ރާއްޖެއާއި މިޔަންމާ ބައްދަލުކުރާ ފޯރިގަދަ މެޗަށް ފަހުގައެވެ.

އޭއެފްސީގެ އާ އުސޫލުގެ ދަށުން ކޮލިފައިން ވަނީ "ކޮލިފިކޭޝަން ފޭސް" އަދި "ޑިވެލޮޕްމަންޓް ފޭސް" އަށް ބަހާލެވިފައެވެ. ރޭންކިންގެ ގޮތުން ދަށް ގައުމުތައް ވާދަކުރާ ޑިވެލޮޕްމެންޓް ފޭސްގެ ގަދަ ދެ ޓީމުގެ ތެރޭގައި ހިމެނުމާއެކު، ރާއްޖެ މިވަނީ ކޮލިފިކޭޝަން ފޭސްއަށް ޕްރޮމޯޓްވެފައެވެ. މިއާއެކު، 2029 ވަނަ އަހަރުގެ އޭއެފްސީ 20 އަހަރުންދަށުގެ މުބާރާތަށް ކޮލިފައިވުމަށް 2028 ގައި ކުޅޭ ކޮލިފިކޭޝަން ފޭސްގެ މެޗުތަކުން ރާއްޖެއަށް ޖާގަ ލިބިގެންދާނެއެވެ.

މިހާރު ކުރިއަށްދާ މައި ކޮލިފިކޭޝަން ފޭސްގެ ގްރޫޕްތަކުގެ އެއްވަނަ އަދި ދެވަނަ ޓީމުތައް ދަތުރުކުރާނީ އަންނަ އަހަރު ޗައިނާގައި ބޭއްވުމަށް ހަމަޖެހިފައިވާ 20 އަހަރުންދަށުގެ އޭޝިއަން ކަޕް މުބާރާތަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް