ޔޫތް މިނިސްޓަރު އަހުމަދު މަޚުލޫފް
ޔޫތް މިނިސްޓަރު އަހުމަދު މަޚުލޫފް
ކުޅިވަރުގެ ގާނޫނަށް އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފު ހުށައެޅުއްވި އިސްލާހުތަކުގެ ސަބަބުން ކުޅިވަރުތަކުން ރާއްޖެ ސަސްޕެންޑްކުރާނެ ކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަޚުލޫފް މިރޭ ވިދާޅުވެއްޖެއެވެ.

ކުޅިވަރުގެ ޤާނޫނަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް އިސްލާހު ހުށައެޅުއްވި ސަބަބެއް ކަމަށް ވިދާޅުވެފައިވަނީ ކުޅުންތެރިންނާއި ކުޅިވަރު ހިންގެވުމުގެ ތަޖުރިބާކާރުންގެ ދުވަސްވީ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވުމަށްކަމަށެވެ. ކުޅިވަރުގެ ގާނޫނަށް އެމްޑީޕީން ހުށައެޅި އިސްލާހުތަކާއި ގުޅިގެން ޔޫތް މިނިސްޓަރު އަހުމަދު މަޚުލޫފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކުޅިވަރުގެ ކަންތައްތައް ސިޔާސީ ނުކޮށް ކުރިއަށް ގެންދަނީ ރައީސް އިބްރާހިމް މުހަންމަދު ސޯލިހްގެ މެނިފެސްޓޯ އާއި އެއްގޮތަށް ކަމަށެވެ.

ރާއްޖޭގައި ކުޅިވަރުގެ އެސޯސިއޭޝަން ތަކުގެ އިންތިޚާބު ކުރިއަށް ގެންދަނީ އިންޓަނޭޝަަނަލް ފެޑެރޭޝަންތަކުގެ ގަވާއިދާއި ޑިމޮކްރަޓިކް އުސޫލުން ކަމަށް މަހުލޫފް ވިދާޅުވިއެވެ.

"ހަސަން ލަތީފުގެ ބައެއް އިސްލާހުން ގިނަ ކުޅިވަރުތަކުން ރާއްޖެ ސަސްޕެންޑްކުރާނެ." މަޚުލޫފް ވިދާޅުވިއެވެ.

މަހުލޫފް މިހެން ވިދާޅުވެފައިވާއިރު ކުޅިވަރުގެ ކަންތައްތައް ސިޔާސީ ކުރާނަމަ ރާއްޖެ ސަސްޕެންޑް ކުރާނެ ކަމުގެ އިންޒާރު ފީފާ އިންވެސް ވަނީ ދީފައެވެ.

ހަސަން ލަތީފް ހުށަހެޅުއްވި އިސްލާހުތަކުގެ ތެރޭގައި ކުޅިވަރާ ބެހޭ ގައުމީ މަޖިލީހާއި، ސްޕޯޓްސް ކޮމިޝަނާއި، ސްޕޯޓްސް ކޯޕަރޭޝަނާއި، ސްޕޯޓްސް އިނިސްޓިއުޓް އަދި ކުޅިވަރު އެސޯސިއޭޝަންތަކާއި ގުޅޭ ގިނަ ކަންކަން ހިމެނެއެވެ. އަދި ކުޅިވަރާ ބެހޭ ވަޒީރުގެ މަސްއޫލިއްޔަތުތަކާއި، ބާރުތަކާ ގުޅޭ ގޮތުންވެސް އިސްލާހުތަކެއް ވަނީ ހުށަހަޅުއްވާފައެވެ. އަދި ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުގެ އިންތިޚާބާއި، ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިޚާބުތައް ދެން ބާއްވާނީ އިލެކްޝަން ކޮމިޝަނުން ކަމަށްވެސް މި އިސްލާހުގައި ވަނީ ކަނޑައަޅާފައެވެ.

މިކަމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ވިދާޅުވީ ކުޅިވަރު މުއައްސަސާތައް ޑެމޮކްރަޓައިޒްކޮށް، ދެފުށް ފެންނަ ގޮތަށް ހިންގުމަކީ އެމްޑީޕީގެ ވިސްނުން ކަމަށެވެ. އަދި ކުޅިވަރާއި، ކުޅިވަރުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތަކަށް ބެލެހެއްޓޭނެ ނިޒާމެއް އޮތުން ބޭނުންތެރި ކަމަށާއި، ހަސަން ލަތީފް ހުށަހެޅުއްވި ބިލުން އެކަަންކަން ހާސިލުވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ހަސަން ލަތީފް ހުށަހަޅުއްވާފައިވާ ބިލުގެ މަޤްޞަދުތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ކުޅިވަރާ ބެހޭ އެކިއެކި މުއައްސަސާތަކުގެ ފުށު އެރުންތައް ނައްތާލައި، އެ މުއައްސަސާތައް ޑިމޮކްރެޓިކްކޮށް، ދެ ފުށް ފެންނަ ނިޒާމެއްގެ ތެރެއިން ހިންގުން ހިމެނެއެވެ. މީގެއިތުުރުން ކުޅިވަރުގެ އެކިއެކި މުއައްސަސާތަކުގެ އިންތިޚާބުތަކަކީ ދެ ފުށް ފެންނަ، އިތުބާރުކުރެވޭ ނިޒާމެއްގެ ތެރެއިން ކުރިއަށްދާ އިންތިޚާބުތަކަކަށް ހެދުމަކީވެސް މިބިލުގެ މަޤްޞަދެއް ކަމަށް އެމްޑީޕީން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން