އޮޑިޓަރ ޖެނެރަލް
އޮޑިޓަރ ޖެނެރަލް
ދައުލަތުގެ އާމްދަނީގެ ގޮތުގައި މާލެ އަތޮޅު (ކ. އަތޮޅު) ކައުންސިލަށް ލިބުނު 49،800 ރުފިޔާ ދައުލަތުގެ ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާކޮށްފައި ނުވާކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހާމަކޮށްފިއެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރެފައިވާ މާލެ އަތޮޅު ކައުންސިލްގެ 2023 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓު ގައި ފާހަގަކޮށްފައިވާ ގޮތުގައި، ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގެ 13 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން ދައުލަތަށް ލިބޭ އެންމެހައި ފައިސާ ޖަމާކުރަންވާނީ ޕަބްލިކް ބޭންކް އެކައުންޓަށެވެ. އަދި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 5.27 (ހ) ގައިވާ ގޮތުގެ މަތިން، ދައުލަތުގެ އޮފީސްތަކަށް ލިބޭ އެންމެހައި އާމްދަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގައި ހުޅުވާފައިވާ ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާކުރަން ޖެހެއެވެ.

އެހެންނަމަވެސް، 2023 ވަނަ އަހަރުގެ ނިޔަލަށް ކ. އަތޮޅު ކައުންސިލަށް ދައުލަތުގެ އާމްދަނީގެ ގޮތުގައި ލިބިފައިވާ 49،800 ރުފިޔާ، 30 ނޮވެންބަރު 2024 ގެ ނިޔަލަށް ވެސް ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާކޮށްފައި ނުވާ ކަމަށް އޮޑިޓް ރިޕޯޓުގައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ޑްރައިވިންގ ޓެސްޓު ފީގެ ގޮތުގައި ލިބުނު 49،600 ރުފިޔާއާއި ޓެލެކޮމިއުނިކޭޝަން ލައިސަންސް ފީގެ ގޮތުގައި ލިބުނު 200 ރުފިޔާއެވެ. މި ފައިސާ ކައުންސިލަށް ލިބިފައިވާ ކަމަށް ރެކޯޑުތަކުން ދެއްކި ނަމަވެސް، އެ ފައިސާ އެކައުންޓަށް ޖަމާކޮށްފައެއް ނުވެއެވެ.

މިކަމާ ގުޅިގެން އޮޑިޓް އޮފީހުން ވަނީ، މާލިއްޔަތު ގަވާއިދާ އެއްގޮތަށް ދައުލަތުގެ އޮފީސްތަކުން ބަލައިގަންނަ އެންމެހައި އާމްދަނީ އެމްއެމްއޭގައި އޮންނަ ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާކުރުމަށް ކައުންސިލަށް އަންގާފައެވެ.

މީގެ އިތުރުން ވެސް މާލީ ގޮތުން އިތުރު ގިނަ މައްސަލަތަކެއް އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. އެގޮތުން، ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް މާލިއްޔަތު ގަވާއިދުގައި ބަޔާންކޮށްފައިވާ ފިޔަވަޅުތައް އެކަށީގެންވާ ގޮތެއްގައި އަޅާފައި ނުވާކަމާއި، އެކައުންޓަށް ޖަމާވާ ފައިސާ 'ވިޔަ' މޮޑިއުލްގައި ގަވާއިދުން ރެކޯޑުކޮށްފައި ނުވާކަން ވަނީ ފާހަގަކޮށްފައެވެ. އަދި އާމްދަނީ ބަލައިގަތުމުގައި އެކަށީގެން ނުވާ ބަޖެޓް ކޯޑުތައް ބޭނުންކޮށްފައިވާ ކަން ވެސް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

ހަމައެއާއެކު، ދަމަނަހައްޓާ މުދަލުގެ (ފިކްސްޑް އެސެޓް) ރަޖިސްޓްރީ ބެލެހެއްޓުމާއި މުދާ ގެންގުޅުމުގައި ގިނަ މައްސަލަތަކެއް ހުރިކަމަށާއި، ކައުންސިލުން ތައްޔާރުކޮށްފައިވާ މާލީ ބަޔާންތަކުގައިވާ އަދަދުތަކާއި އިދާރީ ރެކޯޑުތަކުގައިވާ އަދަދުތަކާ ދެމެދު ފުށުއެރުންތަކެއް ހުރިކަން ވެސް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ވަނީ ފާހަގަ ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު