ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) މެދުވެރިކޮށް އިޖުތިމާޢީ ރައްކާތެރިކަމުގެ އެހީތެރިކަން ފޯރުކޮށްދެމުންދާ ފަރާތްތަކުގެ ތެރެއިން، މުސްތަޤުބަލުގައިވެސް އެ އެހީ ކުރިއަށް ގެންދަން ބޭނުންވާ ފަރާތްތަކުން އަލުން ރަޖިސްޓަރީވުމަށް (ރީ-ރަޖިސްޓްރޭޝަނަށް) އެ އެޖެންސީން ހުޅުވާލައިފިއެވެ.

އެންސްޕާއިން އާންމުކުރި އިއުލާނެއްގައި ބުނެފައިވަނީ، އިޖްތިމާޢީ ރައްކާތެރިކަމުގެ އާންމު ގަވާއިދުގެ ދަށުން ޝަރުތުހަމަވާ ފަރާތްތަކަށް އެހީ ހަމަޖައްސައިދެވޭނީ ގިނަވެގެން 2 އަހަރު ދުވަހުގެ މުއްދަތަކަށް ކަމަށެވެ.

އެހެންކަމުން، 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް އެހީގެ ދަފްތަރުގައި ހިމެނިގެން އެހީ ލިބެމުންދާ މީހުންގެ ތެރެއިން، މެދުކެނޑުމެއް ނެތި އެހީ ކުރިއަށް ގެންދަން އެދޭ ފަރާތްތަކުން 2026 ނޮވެމްބަރު 30 އަށް ވުރެ ކުރިން 'ވަންގޮވް' (https://one.gov.mv) ޕޯޓަލް މެދުވެރިކޮށް އަލުން ފޯމު ހުށަހަޅަންޖެހޭނެއެވެ.

މި އުސޫލުގެ ދަށުން އަލުން ރަޖިސްޓަރީވާންޖެހޭ އެހީގެ ބާވަތްތަކުގެ ތެރޭގައި ފަގީރު ހާލަތުގައި ދިރިއުޅޭ އެކަނިވެރި މައިންނާއި ބަފައިންނަށް ދެވޭ މާލީ އެހީއާއި، މައިންބަފައިންގެ އެހީތެރިކަމެއް ނެތި ކުދިން ބަލަހައްޓާ ފަރާތްތަކަށާއި އެ ކުދިންނަށް ދެވޭ އެހީގެ އިތުރުން، ފަގީރު ހާލަތުގައިވާ އާއިލާތަކަށް ކާބޯތަކެތި ގަތުމަށް ފޯރުކޮށްދޭ މާލީ އެހީ ހިމެނެއެވެ.

ކަނޑައެޅިފައިވާ މުއްދަތުގެ ކުރިން އަލުން ފޯމު ހުށަނާޅާ ފަރާތްތަކަށް އެހީ ދޫކުރުން ހުއްޓޭނެއެވެ. އަދި އެފަދަ ފަރާތްތަކަށް އަލުން އެހީ ލިބޭނީ އައު ފޯމެއް ހުށަހެޅުމުން، ކަނޑައެޅިފައިވާ އުސޫލުތަކާ މިންގަނޑުތަކަށް އަލުން ރިއާޔަތްކުރުމަށްފަހުގައެވެ. މިކަމާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް ހުކުރު ދުވަސް ހިއްސާ ނުކޮށް، ކޮންމެ ދުވަހަކު ހެނދުނު 8:00 އިން ރޭގަނޑު 10:00 އަށް އެންސްޕާގެ ހޮޓްލައިން 1402 އަށް ގުޅުމަށް އެ އެޖެންސީން އިލްތިމާސްކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު