، ސީ. ޖޯސެފް ވިޖޭ
، ސީ. ޖޯސެފް ވިޖޭ
އިންޑިއާގެ ތަމިލްނާޑޫ ސްޓޭޓް ސަރުކާރުގެ ކޯޓާގެ ދަށުން ކޮލެޖުތަކުން ފުރުސަތު ހޯދާ މުސްލިމް އަންހެން ދަރިވަރުންގެ އަންޑަގްރެޖުއޭޓް ކޯސްތަކުގެ މުޅި ޓިއުޝަން ފީ ސަރުކާރުން ހަމަޖައްސައިދިނުމަށް ނިންމައިފިއެވެ.

މިކަން އިއުލާންކުރެއްވީ ތަމިލްނާޑޫގެ މިނިސްޓަރ ފޯ މައިނޯރިޓީސް ވެލްފެއާ އޭ އެމް ޝާހްޖަހާން، އެ ސްޓޭޓްގެ މަޖިލީހުގައި ކުރިއަށްދިޔަ ބަހުސްގެ ތެރޭގައެވެ.

މިއީ އެ ސްޓޭޓްގެ ކުޑަކުޑަ އާބާދީތަކުގެ (މައިނޯރިޓީ) އަންހެނުންގެ ތައުލީމީ ފެންވަރު މަތިކުރުމަށާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ފެށި ހާއްސަ މަޝްރޫއުތަކުގެ ތެރެއިން ނިންމި ނިންމުމެކެވެ.

މި ސްކީމްގެ ދަށުން ސަރުކާރުގެ ކޯޓާއިން ސަރުކާރުގެ އަދި އަމިއްލަ ކޮލެޖުތަކާއި ޔުނިވަސިޓީތަކުން އާޓްސް، ސައިންސް، އިންޖިނިއަރިން، މެޑިސިން، އެގްރިކަލްޗާ އަދި ލޯ ފަދަ ދާއިރާތަކުން އަންޑަގްރެޖުއޭޓް ކޯސްތައް ފަށާ މުސްލިމް އަންހެން ދަރިވަރުންގެ ފީ ސަރުކާރުން ދައްކައިދޭނެއެވެ.

މި ކަމަށްޓަކައި ފުރަތަމަ މަރުހަލާގައި 20 ކުރޯޑު ރުޕީސްގެ ބަޖެޓެއް ވަނީ ކަނޑައަޅައިފައެވެ. މީގެ އިތުރުން، ކުރިން 1 ވަނަ ގްރޭޑުން 8 ވަނަ ގްރޭޑާ ހަމައަށް މުސްލިމް އަންހެން ކުދިންނަށް ދެމުން އައި ވަގުފް ބޯޑުގެ ސްކޮލަޝިޕް، 9 އަދި 10 ވަނަ ގްރޭޑުގެ ދަރިވަރުންނަށް ވެސް ލިބޭނެހެން ވަނީ ފުޅާކޮށްފައެވެ.

އަހަރަކު 2،000 ރުޕީސްގެ އެހީ ލިބޭ މި ސްކީމްގެ ފައިދާ 41،384 އަންހެން ދަރިވަރުންނަށް ކުރާނެ ކަމަށް ސަރުކާރުން ބުނެއެވެ.

އަންހެނުންނަށް މަތީ ތައުލީމުގެ ފުރުސަތުތައް އިތުރަށް ފުޅާކުރުމުގެ ގޮތުން، ތަމިލްނާޑޫ ވަގުފް ބޯޑުގެ ފަރާތުން ޗެންނާއީގައި މުސްލިމް އަދި އެހެނިހެން މައިނޯރިޓީ އަންހެނުންނަށް ހާއްސަ އާ އާޓްސް އެންޑް ސައިންސް ކޮލެޖެއް ގާއިމުކުރުމަށް ވަނީ ނިންމައިފައެވެ.

އަދި މުސްލިމް ވަގުފް އަދި ކްރިސްޓިއަން ދީނީ ތަންތަނުގެ ބިމުގައި ވިޔަފާރި އުސޫލުން އާމްދަނީ ލިބޭނެ ފަދަ މާކެޓްތަކާއި މާލަންތައް ބިނާކުރުމަށްޓަކައި، ރިބާ ނުހިމެނޭ (އިންޓްރެސްޓް-ފްރީ) ލޯނު ދޫކުރުމަށް 100 ކުރޯޑު ރުޕީސްގެ ހާއްސަ ފަންޑެއް ވެސް ވަނީ ގާއިމުކޮށްފައެވެ.

މީގެ އިތުރުން، ކުރިއަށް އޮތް 4 އަހަރު ދުވަހުގެ ތެރޭގައި މައިނޯރިޓީ އާބާދީގެ 10،000 ޒުވާނުންނަށް އަމާޒުކޮށްގެން ޒަމާނީ މަސައްކަތްތެރިކަމުގެ ތަމްރީނުތައް ދިނުމަށް ވަނީ ރޭވިފައެވެ.

ތަމިލްނާޑޫ ސްކިލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން މެދުވެރިކޮށް ހިންގާ މި ތަމްރީނުތަކުގައި އައިޓީ، އޮޓޯމޮބައިލް، ފެޝަން ޑިޒައިނިން، ބިއުޓީ އެންޑް ވެލްނެސް، އަދި ދަނޑުވެރިކަން ފަދަ ދާއިރާތަކުން ހުނަރުވެރިކަން ދަސްކޮށްދެވޭނެއެވެ.

މިއީ މައިނޯރިޓީ ޒުވާނުންނަށް އަމިއްލަ މަސައްކަތް ކުރެވޭނެ މަގު ތަނަވަސްކޮށްދީ، އާއިލާތަކުގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ ހާއްސަ ހަރަކާތްތަކެކެވެ.

https://www.indiatoday.in/india/tamil-nadu/story/tamil-nadu-offers-full-college-fee-support-muslim-women-girls-under-quota-minority-schemes-rs-100-crore-fund-2981100-2026-08-27



ކިޔުންތެރިންގެ ހިޔާލު