ޝަފުރާ ޢަބްދުﷲ އާދަމް
ޝަފުރާ ޢަބްދުﷲ އާދަމް
ސައްހަ ނޫން (ވަގު) ޑޮލަރުތަކެއް ބޭނުންކޮށްގެން ވިޔަފާރިކުރަން އުޅުނު މައްސަލައެއްގައި ގދ. ގައްދޫ، ދިލާވަރުގޭ ޝަފުރާ އަބްދުﷲ އާދަމް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ. އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ އެނގިހުރެ ސައްހަ ނޫން އެއްޗެއްގެ ތެދުކަން ދައްކަން އުޅުމުގެ ކުށުގެ ދައުވާއެވެ.

މި މައްސަލައަކީ 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހު، ސައްހަ ނޫން ޑޮލަރު ބޭނުންކޮށްގެން ވިޔަފާރިކުރާ ކަމުގެ އިންޓެލިޖެންސް މައުލޫމާތު ފުލުހުންނަށް ލިބިގެން ހިންގި އޮޕަރޭޝަނެއްގައި، ޝަފުރާ އާއި ހުސެއިން ޒައިދާން އަލީ އަދި އިތުރު ބަޔަކު ހައްޔަރުކުރި މައްސަލައެކެވެ.

ފުލުހުންގެ ރެކޯޑްތަކުން ދައްކާ ގޮތުގައި، ހުސެއިން ޒައިދާން އަލީއަކީ މީގެ ކުރިންވެސް އެކި ފަހަރު މަތިން ވަގު ޑޮލަރު ބޭނުންކޮށްގެން ވިޔަފާރިކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހެކެވެ.

ކޯޓުގެ ނިންމުމުގެ ރިޕޯޓުގައިވާ ގޮތުން، މި މައްސަލައިގެ ތަހުގީގުގައި ޝަފުރާގެ އަތުން ސައްހަ ނޫން ޑޮލަރުތަކެއް ވަނީ ފެނިފައެވެ. އަދި ޝަރީއަތުގެ މަޖިލީހުގައި އޭނާ ވަނީ ދައުވާއަށް އިއުތިރާފުވެ، ވީހާވެސް ލުއި އަދަބެއް ދިނުމަށް އެދިފައެވެ.

އެއާއެކު، ކޯޓުން އޭނާގެ މައްޗަށް އިއްވީ 3 މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ. ނަމަވެސް، ތަހުގީގު މުއްދަތުގައި ބަންދުގައި ހުރި 43 ދުވަސް އުނިކުރުމުން، އޭނާ ތަންފީޒު ކުރަންޖެހޭނީ 2 މަހާއި 5 ދުވަހުގެ ޖަލު ހުކުމެކެވެ.

މީގެ އިތުރުން، ފުލުހުންގެ ރެކޯޑްތަކުން ދައްކާ ގޮތުގައި ޝަފުރާއަކީ މީގެ ކުރިން ކުޑަކުއްޖަކަށް މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން ހޯދަން ފޮޓޯއާއެކު އިއުލާންކުރި މީހެކެވެ. އަދި އާއިލާއަށް ފިލައިގެން އުޅުނު ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައިވެސް އޭނާ ހޯދަން މީގެ ކުރިން ފުލުހުން އިއުލާންކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު