ދިރިއުޅުމުގެ ކަންކަން ހުންނަ ގޮތުންނާއި، މަސައްކަތުގެ މާހައުލުގައި ދިމާވާ އެކި ގޮންޖެހުންތަކުގެ ސަބަބުން ކޮންމެ މީހަކަށްވެސް ސްޓްރެސް ނުވަތަ ނަފްސާނީ ވާނުވާތަކާ ކުރިމަތިލާން ޖެހެއެވެ. ސްޓްރެސް އަކީ ދިރިއުޅުމުގައި ދިމާވާ އެކި ދަތި އުނދަގޫ ހާލަތްތަކަށް އަހަރެމެންގެ ހަށިގަނޑާއި ސިކުނޑި ދޭ ގުދުރަތީ ރައްދެކެވެ. ނަމަވެސް، ސްޓްރެސް ދިގުލައިގެން ގޮސް، އޭގެ އަސަރު ދިރިއުޅުމަށް ފޯރަން ފަށައިފިނަމަ އެއީ ސިއްހަތަށް އޮތް ބޮޑު ނުރައްކަލެކެވެ. ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ބަޔާންކުރާ ގޮތުގައި، ސްޓްރެސް ވެފައިވާކަން އަންގައިދޭ މުހިންމު 8 އަލާމާތެއް ފާހަގަކުރެވެއެވެ.

ފުރަތަމަ އަލާމާތަކީ ވިސްނުމާއި ސަމާލުކަން ދިނުމަށް ދަތިވުމެވެ. ސްޓްރެސް ބޮޑުވުމުން ސިކުނޑީގެ މަސައްކަތްތަކަށް ބުރޫއަރައި، ކުރަން ހުންނަ ކަންކަމަށް ފުރިހަމައަށް ސަމާލުކަން ދިނުމަށާއި، ކަންކަން ރާވައި ނިންމުންތައް ނިންމުމަށް އުނދަގޫވެއެވެ. މީގެ އިތުރުން ދެވަނަ ކަމަކީ އަބަދު ހާސްވެ ކަންބޮޑުވުމެވެ. ދިމާވާ ކުދިކުދި ކަންކަމާމެދުވެސް މާބޮޑަށް ފިކުރުކޮށް، ކުރިމަތިވެދާނެ ނުރަނގަޅު ހާލަތްތަކާމެދު މެދުކެނޑުމެއްނެތި ވިސްނައި ބިރުގަތުމަކީ ސްޓްރެސްގެ ސަބަބުން ސިކުނޑިއަށް ކުރާ ނޭދެވޭ އަސަރެކެވެ.

ތިންވަނަ އަލާމާތަކީ މާޔޫސްވުމާއި ހިތާމަކުރުމެވެ. ތިމާގެ ހަޔާތުގައި އެއްވެސް އުންމީދެއް ނެތް ކަމަށް އިހުސާސްވުމާއި، ހާލަތު ރަނގަޅު ނުވާނެ ކަމަށް ގަބޫލުކުރެވި، މާޔޫސްކަން އިސްވުމަކީ ސްޓްރެސް ބޮޑުވުމުން ފެންނަ ނަފްސާނީ ބަދަލެކެވެ. މީގެ އިތުރުން ހަތަރުވަނަ ކަމެއްގެ ގޮތުގައި ނިދުމުގެ މައްސަލަތައް ފާހަގަކުރެވެއެވެ. ރޭގަނޑު އަރާމު ނިދި ނުލިބުމާއި، ނިދަން އުނދަގޫވުން ނުވަތަ މާ އަވަހަށް ހޭލެވި އަލުން ނުނިދުމަކީ ސްޓްރެސްގެ ސަބަބުން ސިކުނޑި ހަމައަކަށް ނޭޅި ހުރުމުގެ ނަތީޖާއެވެ.

ފަސްވަނަ އަލާމާތަކީ ބޮލުގައި ރިއްސުމާއި ގައިގައި ރިއްސުން ފަދަ ޖިސްމާނީ ތަދުތަކެވެ. ސްޓްރެސްގެ ސަބަބުން މަސްތަކަށް ވާންވެ، ބޮލުގައި ރިއްސުމާއި، ކަރާއި ކޮނޑު ފަދަ ހަށިގަނޑުގެ އެކި ބައިތަކުގައި ދާއިމީ ރިހުމެއް އުފެދެއެވެ. ހަވަނަ ކަމަކީ ހިތްހަމަނުޖެހުމާއި ރުޅިގަދަވުމެވެ. ކުދިކުދި ކަންކަމާ އަވަހަށް ރުޅިއައުމާއި، ކެތްތެރިކަން ކުޑަވުމަކީ ނަފްސާނީ ގޮތުން މީހާ ހާސްކަމެއްގެ ތެރޭގައި ހުރިކަން ދައްކުވައިދޭ އަލާމާތެކެވެ.

ހަތްވަނަ އަލާމާތަކީ ކާހިތްވުމަށް އަންނަ ބަދަލުތަކެވެ. ސްޓްރެސްގެ ސަބަބުން ބައެއް މީހުން ކެއުމާ ދުރުވެ، ބަނޑުހައިވުން ކެނޑިގެންދެއެވެ. އަދި އަނެއްބައި މީހުން އާދަޔާ ހިލާފަށް ގިނައިން ކާން ފަށައެވެ. މިއީ ހަށިގަނޑުގެ ބަރުދަނަށާއި ޖުމްލަ ސިއްހަތަށް ނޭދެވޭ އަސަރު ފޯރުވާ ކަމެކެވެ. އެންމެ ފަހު އަދި އަށްވަނަ އަލާމާތަކީ ޖަޒުބާތީ ގޮތުން އައްސިވުން ނުވަތަ އެއްވެސް އިހުސާސެއް ނުވުމެވެ. އުފާވެރި ނުވަތަ ހިތާމަވެރި ހާދިސާތަކުގައިވެސް އެކަށީގެންވާ ޖަޒުބާތެއް ފާޅުނުކުރެވި، އެތެރެހަށިން ހުސްކަމެއް އިހުސާސްވުމަކީ ސްޓްރެސް އިންތިހާއަށް ދިއުމުން ކުރިމަތިވާ ކަމެކެވެ.

ސްޓްރެސް އަކީ ހަމައެކަނި ސިކުނޑިއަށް ވާ އުނދަގުލެއް ނޫނެވެ. އެއީ މީހާގެ މުޅި ޖިސްމާނީ، ނަފްސާނީ އަދި އިޖުތިމާއީ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރު ފޯރުވާ ހާލަތެކެވެ. ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ފާހަގަކުރާ މިފަދަ އަލާމާތްތައް ތިމާގެ ކިބައިން ނުވަތަ ގާތް މީހެއްގެ ކިބައިން ފެންނަނަމަ، އެކަމަށް ފަރުވާކުޑަނުކޮށް، ދިރިއުޅުމުގެ ވައްޓަފާޅިއަށް ހެޔޮ ބަދަލުތައް ގެނައުމާއި، ދީނީ އަޅުކަންތަކުން ހިތްހަމަޖެހުން ހޯދުމުގެ އިތުރުން ބޭނުންވާ ހާލަތްތަކުގައި ސިއްހީ މާހިރުންގެ އެހީތެރިކަން ހޯދުމަކީ ވަރަށް މުހިންމު ކަމެކެވެ.



ކިޔުންތެރިންގެ ހިޔާލު