އެމްޕީބީގެ ޗެއަރޕާސަން ނޫރައިން ޖަނާހު
އެމްޕީބީގެ ޗެއަރޕާސަން ނޫރައިން ޖަނާހު
ދިވެހިރާއްޖޭގައި އިންވެސްޓްމަންޓަށް ޚާއްޞަކޮށްގެން އުފެއްދި ފުރަތަމަ ބޭންކު، މޯލްޑިވްސް ޕްރިމިއާ ބޭންކް (އެމްޕީބީ) އިން، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ފަތުރުވެރިކަމާ ގުޅުންހުރި އިންވެސްޓްމަންޓްތައް އިތުރަށް ފުޅާކުރުމަށްޓަކައި، އައު އިންވެސްޓްމަންޓް ފްރޭމްވޯކެއް އެކުލަވާލުމުގެ ފުރުޞަތުތައް ދިރާސާކުރުމަށް ހުށަހަޅައިފިއެވެ.

މި ޚިޔާލު ހުށަހެޅުއްވީ ރާއްޖޭގައި ބޭއްވުނު "ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމް 2026" އަދި "އައިލެންޑް އިންވެސްޓްމަންޓް ފޯރަމް" ގެ ޕެނަލް ޑިސްކަޝަނެއްގައި ވާހަކަދައްކަވަމުން އެމްޕީބީގެ ޗެއަރޕާސަން ނޫރައިން ޖަނާހެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުޅުއްވައިދެއްވި މި ފޯރަމްގެ މަޝްވަރާތަކުގައި ވާހަކަދައްކަވަމުން ނޫރައިން ވިދާޅުވީ، ސިޑްސްގެ ޤައުމުތަކުގެ މާލީ އިދާރާތަކާއި، އިންވެސްޓަރުންނާއި، ސަރުކާރުތަކުގެ އިތުރުން ތަރައްޤީގެ ބައިވެރިންނާ ގުޅިގެން މިފަދަ ފްރޭމްވޯކެއް އެކުލަވާލުމަށް އެހީތެރިވެ ދިނުމަށާއި އިސް ދައުރެއް އަދާކުރުމަށް އެމްޕީބީ އޮތީ ތައްޔާރަށް ކަމަށެވެ. މި ރަސްމިއްޔާތުގައި އދ. ގެ އަންޑަރ ސެކްރެޓަރީ ޖެނެރަލް ރަބާބް ފާޠިމާގެ އިތުރުން، ޚާރިޖީ ވަޒީރު ޢިރުތިޝާމް އާދަމް އަދި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވެސް ބައިވެރިވެވަޑައިގެން ވާހަކަފުޅު ދެއްކެވިއެވެ.

ފޯރަމްގެ ހަވާސާގައި ވާހަކަދައްކަވަމުން ނޫރައިން ވިދާޅުވީ ފަތުރުވެރިކަމަށް މާބޮޑަށް ބަރޯސާވުމަކީ އިޤްތިޞާދީ ނާޒުކުކަން އިތުރުކުރުވާ ކަމެއް ކަމަށާއި، ވޭތުވެދިޔަ 54 އަހަރުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތް ހޯދާފައިވާ ތަޖުރިބާއަކީ އިތުރު އެހެން ދާއިރާތައް ސިންދަފާތުކޮށް ވަރުގަދަ ކުރުމަށް އެޅިފައިވާ ބިންގަލެއް ކަމަށެވެ. އެގޮތުން 2025 ވަނަ އަހަރު ރާއްޖޭގެ ފަތުރުވެރިކަމުން 5.4 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، ޤައުމުގައި ބޭނުންވާ މާލީ އޮނިގަނޑު ޤާއިމު ކުރުމުގެ ޤާބިލުކަން ހުރިއިރު، އިންވެސްޓަރުން ހަމައެކަނި ބޭރުގެ ބޭންކުތަކަށް ބަރޯސާވާން ނުޖެހޭނެ ކަމަށެވެ.

ބާބަޑޯސް އިން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މެތިއު ވިލްސަން މޮޑަރޭޓްކުރެއްވި މި ޕެނަލްގައި ބަހާމާސް ޓްރޭޑް ކޮމިޝަންގެ ޗެއާމަން ގްރިފިން ބެރީ އާއި، ޕެސިފިކް ޓޫރިޒަމް އޮގަނައިޒޭޝަންގެ ސީއީއޯ ކްރިސް ކޮކަރ އަދި ޓީޔޫއައި ކެއަރ ފައުންޑޭޝަންގެ ބްރަނީސްލާވް މިޒެންކޯ ވެސް ބައިވެރިވެވަޑައިގެން، ސިޑްސް ޤައުމުތަކުގެ އިޤްތިޞާދީ މަންފާއާއި ގުދުރަތީ ވެށީގެ މުހިންމުކަމާ ގުޅޭގޮތުން ޚިޔާލު ބަދަލުކުރެއްވިއެވެ.

މިދިޔަ އޮގަސްޓް 17 ގައި ރަސްމީކޮށް އިފްތިތާޙުކުރެވުނު މޯލްޑިވްސް ޕްރިމިއާ ބޭންކަކީ ރާއްޖޭގައި ލައިސަންސް ލިބިފައިވާ 9 ވަނަ ޓިއަރ-1 ކޮމާޝަލް ބޭންކެވެ. މި ބޭންކަކީ ފަތުރުވެރިކަމަށް ބަރޯސާވެފައިވާ އިޤްތިޞާދު ސިންދަފާތުކޮށް، މާލީ ޚިދުމަތްތައް ފަދަ ދާއިރާތަކަށް ފުޅާކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތުގައި ލިބުނު މުހިންމު ކުރިއެރުމެކެވެ.



ކިޔުންތެރިންގެ ހިޔާލު