ހިސާން ހުސެއިން
ހިސާން ހުސެއިން
އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ނައިބު ރައީސްގެ މަގާމުން، ނަވާރަވަނަ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރުކަން ކުރެއްވި ހިސާން ހުސައިން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

ޖުލައި 24، 2024 ގައި އެ މަގާމަށް އޭނާ އައްޔަނުކުރެއްވީ، އޭރު ޕާޓީގެ ރައީސަކަށް ހުންނެވި އަބްދުالله ޝާހިދުގެ އިސްނެންގެވުމުގެ މަތިންނެވެ.

އިސްތިއުފާ ސިޓީގައި ހިސާން ވިދާޅުވެފައިވަނީ، ޑިމޮކްރަސީގެ ރިވެތި އުސޫލުތަކާއި ހަމަތަކަށް ބަލާއިރު، އައު މެންޑޭޓެއް ނެތި ނައިބު ރައީސްގެ މަގާމުގައި ދެމިހުރުމަކީ ޑިމޮކްރަސީގެ އަސާސްތަކާ އެކަށީގެންވާ ކަމެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމުގެ ގޮތުން ޝާހިދު މީގެކުރިން ޕާޓީގެ ރައީސްކަމުން އިސްތިއުފާ ދެއްވާފައިވާއިރު، ކުރިއަށްއޮތް ޕްރައިމަރީގައި ހިސާން ތާއިދުކުރައްވަނީ ޝާހިދު އަށެވެ.

ހިސާންއަކީ އެމްޑީޕީގެ ގާނޫނީ އަދި ސިޔާސީ ކަންކަމުގައި ގިނަ ދުވަސްތަކެއް ވަންދެން އިސްކޮށް މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.

އެގޮތުން 2007 ވަނަ އަހަރު އެމްޑީޕީން އުފެއްދި ޝެޑޯ ކެބިނެޓުގެ ލޯ އެންޑް ޖަސްޓިސް މިނިސްޓަރުކަމާއި، އެ ޕާޓީގެ ފުރަތަމަ ވެރިކަމުގައި ލީގަލް އެފެއާޒް ސެކްރެޓަރީކަމުގެ އިތުރުން ޕާޓީގެ ލީގަލް ޑިރެކްޓަރުގެ މަގާމު ވެސް އޭނާ ވަނީ އަދާކުރައްވާފައެވެ.

އަދި 19 ވަނަ މަޖިލީހުގެ ދައުރުގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި މަޖިލިސް ތަމްސީލުކުރައްވާ މެންބަރުގެ ގޮތުގައި ފަސް އަހަރު ދުވަހު އޭނާ ހިދުމަތް ކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް