ސުނީތާ އަލީ (ސުނީ)
ސުނީތާ އަލީ (ސުނީ)
މަޝްހޫރު ފަންނާނު އަދި ވިޔަފާރިވެރިޔާ ސުނީތާ އަލީ (ސުނީ) ދުއްވާ ސައިކަލަށް ތަކުރާރުކޮށް ގަސްތުގައި ގެއްލުންދެމުންދާތީ އޭނާ ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ސޯޝަލް މީޑިއާގައި ކަންބޮޑުވުން ހިއްސާކުރަމުން ސުނީ ބުނީ، މިއީ އޭނާއަށް އަމާޒުކޮށް ހަސަދަވެރިކަމުގެ ތެރެއިން ބަޔަކު ރާވައިގެން ހިންގާ އަމަލުތަކެއް ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

އަދި އެއްވެސް މީހަކަށް އުނދަގުލެއް ނުފޯރުވައި، އަމިއްލަ މަސައްކަތުން ސުލްހަވެރިކަމާއެކު ދިރިއުޅެމުންދާއިރު، އޭނާއާ މެދު އަދާވާތްތެރިކަމެއް ގެންގުޅެންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.

މި ސިލްސިލާ ހާދިސާތައް ފެށިގެން އައީ މީގެ ދެ އަހަރު ކުރިން ސިނަމާލެ ބްރިޖު މަތިން އެހެން މީހެއްގެ ސައިކަލެއްގައި ދަތުރުކުރި ހިސާބުންނެވެ.

އެ ދުވަހު ބަޔަކު އެ ސައިކަލުގެ ފޮޓޯއެއް ނަގައި، ނަންބޯޑު ފޮހެލުމަށްފަހު ސޯޝަލް މީޑިއާގައި އާންމުކުރި ކަމަށާއި، އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން އެ ސައިކަލުގެ ނަންބޯޑު ބިންދާލައި އަދި ވަގަށް ނަގާފައިވާ ކަމަށް ސުނީ ބުންޏެވެ.

މީގެއިތުރުން، 2024 ވަނަ އަހަރު އޭނާގެ އަމިއްލަ ސައިކަލުގެ ނަންބޯޑު އެކި ފަހަރު މަތިން ހަލާކުކޮށް، އޭނާގެ ފިހާރަވެސް ފަޅާލާފައިވާތީ، މިއީ އިއްތިފާގަކަށްވުރެ ބޮޑަށް އޭނާއަށް އަމާޒުކޮށް ގަސްތުގައި ދެމުންދާ ހަމަލާތަކެއް ކަމަށް ބެލެވޭ ކަމަށް އޭނާ ހާމަކުރިއެވެ.

ސުނީ ބުނި ގޮތުގައި އެންމެ ތިން މަސްވީ އާ ސައިކަލެއް މިހާރު ބޭނުންކުރަމުންދާއިރު، މި ކުރު މުއްދަތުގެ ތެރޭގައިވެސް ދެ ފަހަރަށް ނަންބޯޑު ހަދަންޖެހުނު ކަމަށާއި، އަދި މިދިޔަ ބުދަ ދުވަހުގެރޭ އަނެއްކާވެސް އެ ސައިކަލުގެ ނަންބޯޑު ގެއްލިފައިވާތީ މިހާރު ވަރަށް ބޮޑަށް ކަންބޮޑުވެއެވެ.

އޭނާއާ މެދު ނަފުރަތެއް އޮތްނަމަވެސް، ފިލައިތިބެ މިފަދަ ކަންކަން ކުރުމުގެ ބަދަލުގައި ސީދާ ކުރިމައްޗަށް އައިސް ވާހަކަދައްކައިގެން މައްސަލަ ހައްލުކުރުމަށް ސުނީ ވަނީ އެދިފައެވެ.

ސުނީތާ އަލީއަކީ ނެށުމާއި، ލަވަކިޔުން އަދި އެކްޓިންގެ ދާއިރާއިން ދިވެހިންގެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ހުނަރުވެރި ފަންނާނެކެވެ. "ސުނީސް ކިޗަން"ގެ ނަމުގައި ކާމިޔާބު ކާބޯތަކެތީގެ ވިޔަފާރިއެއްވެސް ހިންގަމުން އަންނަ ސުނީއަކީ "އޭޝިއާސް އައުޓްސްޓޭންޑިން ވުމެން އެޗީވާ އެވޯޑު" ވެސް ހާސިލުކޮށްފައިވާ، ގިނަ ބައެއްގެ ސަމާލުކަމާއި ލޯބި ލިބިފައިވާ ކަނބަލެކެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް