ބޯހިޔާވަހިކަން އެންމެނަށް ޕޯޓަލް
ބޯހިޔާވަހިކަން އެންމެނަށް ޕޯޓަލް
ގްރޭޓަރ މާލެ ސަރަހައްދުން ގޯއްޗާއި ފުލެޓްއަށް އެދި ހުށަހަޅާފައިވާ އެޕްލިކޭޝަންތަކުގެ ވެރިފިކޭޝަން ތެރެއިން މަޢުލޫމާތު ޞައްޙަ ނޫންކަމުގައިވާނަމަ އެކަމުގެ ތަފްޞީލާއި ކަމާގުޅުންހުރި ލިޔެކިޔުންތައް ހުށަހެޅުމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ މިނިސްޓްރީން އެޕްލިކަންޓަށް ދޭ މުއްދަތު އިތުރުކޮށްފިއެވެ.

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ގްރޭޓަރ މާލެ ސަރަހައްދުން ގޯއްޗާއި ފުލެޓަށް އެދި އެޕްލިކޭޝަން ހުށަހަޅާފައިވާ ފަރާތްތަކުގެ ފޯމުތަކުގެ ވެރިފިކޭޝަން މަސައްކަތް ކުރަމުންދާއިރު، ކުރިން ލިޔެކިޔުންތައް ހުށަހެޅުމަށް ދީފައިވަނީ 7 ދުވަހުގެ މުއްދަތެކެވެ. ނަމަވެސް އެޕްލިކަންޓުންނަށް ލުއިފަސޭހަކޮށް ދިނުމުގެ ގޮތުން މި މުއްދަތު މިނިސްޓްރީން ވަނީ 21 ދުވަހަށް އިތުރުކޮށްފައެވެ.

މިނިސްޓްރީން ދީފައިވާ 21 ދުވަހުގެ މުއްދަތުގެ ތެރޭގައި ފާހަގަކޮށްފައިވާ މައްސަލައަށް ޖަވާބެއް ހުށަނާޅާނަމަ، އެ އެޕްލިކޭޝަން ޝަރުތު ހަމަނުވާ ނުވަތަ ހުށަހެޅި ލިޔެކިޔުން ފުރިހަމަނުވާ އެޕްލިކޭޝަނެއްގެ ގޮތުގައި ބަލައިގަންނާނެކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.

މީގެ އިތުރުން ބޯހިޔާވަހިކަން އެންމެންނަށް ސިޔާސަތުގެ ދަށުން ހިންގާ ޕްރޮގްރާމްތަކާ ގުޅޭ މަޢުލޫމާތު ދިނުމަށް މިނިސްޓްރީގައި ހެލްޕް ޑެސްކެއް އަދި ކޯލު ސެންޓަރެއް ވަނީ ޤާއިމްކޮށްފައެވެ. ކޯލު ސެންޓަރަށް ގުޅޭނެ ނަންބަރަކީ 900-4004 އެވެ. ކޯލު ސެންޓަރު އަދި ހެލްޕެ ޑެސްކުގެ ހިދުމަތް ސަރުކާރު ބަންދުނޫން ކޮންމެ ދުވަަހަކު ހެނދުނު 9:00 އިން 15:00 އަށް ލިބޭނެކަމަށްވެސް އެ މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ޕްރޮގްރާމްތަކުގެ ދަށުން ފްލެޓާއި ގޯއްޗަށް އެދި ޖުމްލަ 58،505 އެޕްލިކޭޝަން ވަނީ ހުށަހަޅާފައެވެ. އެއީ ފްލެޓަށް އެދި 35،930 އެޕްލިކޭޝަން އަދި ބިމަށް އެދި 22،575 އެޕްލިކޭޝަންއެވެ.



ކިޔުންތެރިންގެ ހިޔާލު