ހައުސިން މިނިސްޓަރ މުއްތަލިބު
ހައުސިން މިނިސްޓަރ މުއްތަލިބު
ސަރުކާރުން ކުރިއަށްގެންދާ "ހިޔާވެހި" ފައިނޭންސިން ޕްރޮގްރާމުގެ ދަށުން ލޯނު ދިނުމަށް ޝަރުތުހަމަވި 891 މީހުންގެ ތެރެއިން މިހާތަނަށް 244 މީހަކަށް ފައިސާ ދޫކޮށްފައިވާ ކަމަށް ހައުސިން މިނިސްޓްރީން ހާމަކޮށްފިއެވެ.

ދައުލަތުގެ މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ނާޒިމް ވިދާޅުވީ، ސްކީމަށް ހޮވި ފައިސާ ނުލިބި ތިބި 629 މީހުންނަށް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ފައިސާ ހަމަޖައްސައިދިނުމުގެ އެންމެ ފަހުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ. އަދި އަމާޒަކީ މި ހިނގާ އަހަރު ނިމުމުގެ ކުރިން، ޝަރުތުހަމަވި މީހުންނަށް ފައިސާ ދޫކޮށް ނިންމާލުން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މި ޕްރޮގްރާމުގެ ދަށުން ފައިސާ ދޫކުރުމަށް ހަމަޖެހިފައިވަނީ ތިން ގްރޫޕަކަށް ބަހާލައިގެންނެވެ. އެއީ:

- ފަހިމާލެ ސްކީމް: އެޕްލިކަންޓަކަށް 6 މިލިއަނާއި 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް.

- ސަހަރު ސްކީމް: 3 މިލިއަން ރުފިޔާ.



- ރަށްވެހި ސްކީމް: 1 މިލިއަން ރުފިޔާ.

އަހަރަކު ޖުމްލަ 2 ބިލިއަން ރުފިޔާ ދޫކުރުމަށް ނިންމާފައިވާ މި ސްކީމަށް ދައުލަތުގެ ބަޖެޓުން 1 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، ބާކީ ބައި ހަމަޖައްސަނީ ބޭންކުތައް މެދުވެރިކޮށެވެ.

"ހިޔާވެހި" ފައިނޭންސިން ސްކީމަކީ އަމިއްލަ ފުރަތަމަ ގޭގެ އިމާރާތްކުރުމަށާއި، މަރާމާތުކުރުމަށް ނުވަތަ ނުނިމި ހުރި މަސައްކަތްތައް ނިންމުމަށް އިސްލާމީ އުސޫލުތަކާ އެއްގޮތަށް 5 އިންސައްތައިގެ ކުޑަ ފައިދާ ރޭޓެއްގައި ދޫކުރާ ލޯނެކެވެ.

މިއީ 25 އަހަރަށް ބަހާލައިގެން އަނބުރާ ދެއްކޭގޮތަށް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުގެ ދަށުން މިދިޔަ އަހަރުގެ ފަހުކޮޅު ތައާރަފުކުރި ހައުސިން ސްކީމެކެވެ.



ކިޔުންތެރިންގެ ހިޔާލު