ޢަބްދުލްޢަޒީޒް ޖަމާލު އަބޫބަކުރު
ޢަބްދުލްޢަޒީޒް ޖަމާލު އަބޫބަކުރު
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރީގެ މަޖިލީސް މެންބަރު އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރު (އަޒީ) އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

ކޮމިޓީން އަޒީއާ އިންޓަވިއު ކުރުމަށްފަހު އޭނާއަށް 75 އިންސައްތައަށް ވުރެ މަތިން މާކްސް ދީފައިވެއެވެ. އޭނާގެ ނަން މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ފާސްކުރީ ކޮމިޓީގައި ބައިވެރިވި ފަސް މެންބަރުންގެ ވޯޓުންނެވެ. މި ނިންމުމާ ދެކޮޅަށް ވޯޓު ދެއްވީ ހަމައެކަނި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ. މީކާއިލް ވިދާޅުވީ، މި މަގާމަށް ކުރިމަތިލީ ފަރާތްތަކާ ގުޅިގެން ޝަކުވާ ހުށަހެޅުމަށް އާންމުންނަށް ދިނީ އެންމެ ހަ ގަޑިއިރުގެ ކުރު މުއްދަތެއް ކަމަށެވެ.

އައިކޮމް ޤާނޫނު ބުނާގޮތުން ސިޔާސީ މަގާމުތަކުގައި ތިބޭ ފަރާތްތަކަށް އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމު އަދާކުރުމަކީ މަނާކަމެކެވެ. އޭގެ އިތުރުން އަޒީ އަކީ ރާއްޖޭގެ ފުރަތަމަ އިންފޮމޭޝަން ކޮމިޝަނަރެވެ. އެހެންކަމުން އޭނާ އާ ދައުރަކަށް އައްޔަނު ކުރެވިދާނެ ކަމާމެދު ޤާނޫނީ މާހިރުން މީސް މީޑިއާގައި ސުވާލު އުފައްދަވާފައިވެއެވެ. އެބޭފުޅުން ވިދާޅުވަމުން ގެންދަވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގައި ބަޔާންކޮށްފައިވަނީ ހަމައެކަނި މިހާރު ހުރި ދައުރު އިތުރުކުރުމުގެ ވާހަކަ ކަމަށެވެ.

އައު ކޮމިޝަނަރަކު އައްޔަންކުރުމުގެ މަސައްކަތް ކުރިއަށް މިދަނީ، މިހާރުގެ އިންފޮމޭޝަން ކޮމިޝަނަރު އަހުމަދު އާހިދު ރަޝީދާ މެދު ސަރުކާރުގެ ހިތްހަމަނުޖެހުން ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އާހިދަކީ އިދިކޮޅު ފަރާތްތަކަށް ތާޢީދު ކުރަށްވާ ބޭފުޅެއް ކަމަށް ތުހުމަތު ކުރަށްވާފައެވެ. ނަމަވެސް އާހިދު އެކަން ދޮގުކުރަށްވައި ވިދާޅުވެފައިވަނީ އޭނާ މަސައްކަތް ކުރަށްވަނީ ގާނޫނާ އެއްގޮތަށް ކަމަށެވެ.

17 ވަނަ ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރުކަންވެސް ކުރެއްވި އަޒީ، އެންމެ ފުރަތަމަ އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އައްޔަންކުރީ 22 ޖުލައި 2014 ގައެވެ. ދިވެހިބަހުގެ ދާއިރާއިންވެސް ފާހަގަކޮށްލެވޭ އަޒީ ވަނީ މި ސަރުކާރުގެ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަންވެސް ކުރައްވާފައެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ ދައުރަކީ 5 އަހަރު ދުވަހެވެ.



ކިޔުންތެރިންގެ ހިޔާލު