ތ. ވިލުފުށި، މޫނިމާގެ، އާދަމް ޢަދްލާން ލަޠީފް
ތ. ވިލުފުށި، މޫނިމާގެ، އާދަމް ޢަދްލާން ލަޠީފް
ކުޑަކުދިންގެ އޮރިޔާން ކާޑު ގެންގުޅުނު ކަމަށް ތުހުމަތުކުރެވުނު ތ. ވިލުފުށި، މޫނިމާގެ، އާދަމް ޢަދްލާން ލަޠީފްގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދަޢުވާ އުފުލުމަށްފަހު، އެ މައްސަލަ އިތުރަށް ކުރިއަށް ނުގެންގޮސް އަނބުރާ ގެނެސްފައިވާ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) ގެ އޮފީހުން ހާމަކޮށްފިއެވެ.

ޕީޖީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި މައްސަލައިގެ ތަޙުޤީޤު ނިންމައި ދިވެހި ފުލުހުންގެ ޚިދުމަތުން 5 މޭ 2026 ގައި އެ އޮފީހަށް މައްސަލަ ހުށަހެޅުމުން، ލިޔުންތައް ދިރާސާކުރުމަށްފަހު ދަޢުވާކުރެވޭ މިންވަރަށް ހެކި ޤަރީނާ ނެތުމުން ފުރަތަމަ ނިންމީ ދަޢުވާ ނުކުރުމަށް ކަމަށެވެ. ނަމަވެސް، އެ ނިންމުން މުރާޖަޢާކޮށްދިނުމަށް ފުލުހުން އެދުމާ ގުޅިގެން، ޤާނޫނުގައި ދަޢުވާކުރުމަށް ކަނޑައެޅިފައިވާ މުއްދަތު ހަމަވާތީއާއި ފަހުން ދަޢުވާކުރުމުގެ ފުރުޞަތު ބަންދުވެދާނެތީ، 19 މޭ 2026 ގައި އޭނާގެ މައްޗަށް ދެ ދަޢުވާއެއް ކޯޓަށް ހުށަހެޅިއެވެ.

އެގޮތުން އޭނާގެ މައްޗަށް ހުށަހެޅީ ޤާނޫނުލްޢުޤޫބާތުގެ 246 ވަނަ މާއްދާގެ ދަށުން، އެނގިހުރެ ކޮމްޕިއުޓަރ ސިސްޓަމެއްގައި ކުޑަކުދިންގެ އޮރިޔާން ކާޑު ބެހެއްޓުމުގެ ދަޢުވާއާއި، ޤާނޫނުލްޢުޤޫބާތުގެ 622 ވަނަ މާއްދާގެ ދަށުން އޮރިޔާން ކާޑު ގެންގުޅުމުގެ ދަޢުވާއެވެ.

ނަމަވެސް، ކޯޓަށް ހުށަހެޅުމަށްފަހު މައްސަލަ އަލުން މުރާޖަޢާކުރުމަށްފަހު އެ ދަޢުވާތައް އަނބުރާ ގެންނަން ނިންމި ސަބަބުތައް ޕީޖީ އޮފީހުން ވަނީ ތަފްޞީލުކޮށްދީފައެވެ.

އެގޮތުން އާދަމް ޢަދްލާން ލަޠީފްގެ މައްޗަށް ކުރެވުނު މައިގަނޑު ތުހުމަތަކީ ކުޑަކުދިންގެ އޮރިޔާން ކާޑު ވިއްކުން ކަމަށްވީ ނަމަވެސް، އޭނާ އެފަދަ އެއްޗެއް ވިއްކައި ވިޔަފާރިކުރިކަން، ނުވަތަ އެހެން މީހަކަށް ފޮނުވިކަން، ނުވަތަ އެފަދަ ނެޓްވޯކަކާ ގުޅުމެއް އޮތްކަން ސާބިތުވާނެ އެއްވެސް ހެއްކެއް ފެނިފައި ނުވާކަމަށް ބަޔާނުގައިވެއެވެ.

ހަމައެއާއެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ގިނަ ޑިޖިޓަލް ޑިވައިސްތަކަށް އޭނާ ޒިންމާ ކުރުވޭ މިންވަރަށް ހެކި ލިބިފައި ނެތް ކަމަށާއި، އޭނާއާ ގުޅުވައިލެވޭ ޑިވައިސްތަކުން އޮރިޔާންކާޑު ފެނުނު ނަމަވެސް، އެއީ ކުޑަކުދިންގެ އޮރިޔާންކާޑުކަން ސާބިތުކޮށްދެވޭ މިންވަރަށް ހެކި ހޯދިފައި ނެތުމުން، ކުޑަކުދިންގެ އޮރިޔާން ކާޑު ބެހެއްޓުމުގެ ދަޢުވާ ކުރިއަށް ގެންދެވެން ނެތް ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.

އޭގެ އިތުރުން އޭނާގެ މައްޗަށް ސާބިތުވާން އޮތް ހަމައެކަނި ކުށަކީ އާދައިގެ އޮރިޔާންކާޑު ގެންގުޅުމުގެ ކުށް ކަމަށްވާއިރު، އެ ކުށުގެ އަސާސީ އަދަބަކީ 1 މަހާއި 6 ދުވަހުގެ ޖަލު ޙުކުމެއް އަދި އެންމެ ކުޑަ އަދަބަކީ 9 ދުވަހުގެ ޖަލު ޙުކުމެއް ކަމަށްވުމާއެކު، އޭނާ ތަޙުޤީޤު ބަންދުގައި 28 ދުވަސް ހޭދަކޮށްފައިވާތީ، ދަޢުވާ ސާބިތުވި ނަމަވެސް އިތުރަށް ތަންފީޛުކުރާނެ އަދަބެއް ނެތުމުން އެ ދަޢުވާ ކުރިއަށްގެންދިއުމުގެ މަޞްލަޙަތެއް ނެތް ކަމަށް ޕީޖީން މަޢުލޫމާތު ދީފައިވެއެވެ.

ޕީޖީ އޮފީހުން ބުނީ، މި ސަބަބުތަކަށްޓަކައި، ކްރިމިނަލް ކޯޓަށް ހުށަހެޅި މި މައްސަލައިގެ ދަޢުވާތައް އިތުރަށް ކުރިއަށް ނުގެންގޮސް އަނބުރާ ގެނެސްފައިވާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް