ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ
ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ
ރައްޔިތުންގެ މަޖިލީހަށް ކުރިން ހުށަހަޅާފައިވާ ޕެޓިޝަނަކާ ދެކޮޅަށް ވެސް ޕެޓިޝަން ހުށަހެޅޭ ގޮތަށް މަޖިލީހުގެ ގަވާއިދަށް ގެނައި ބަދަލަކީ އާންމުންނަށް ވީހާވެސް ގިނަ ފުރުސަތުތަކެއް ދިނުމުގެ މަގުސަދުގައި ގެނެވުނު ބަދަލެއް ކަމަށް ވިދާޅުވެ، އެ ނިންމެވުން މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުالله ދިފާއުކުރައްވައިފިއެވެ.

ކައުންސިލްތަކުގެ ބެލުމުގެ ދަށުގައިވާ ބިންތައް ސަރުކާރަށް ނެގުމުގެ ބާރު ލިބޭ ބިލު އަނބުރާ ގެންދިއުމަށް އެދި ހުށަހެޅި ޕެޓިޝަނާ ގުޅޭގޮތުން ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަޙްމަދު ނަސީމް ބަހުސްކުރައްވައި ނިންމެވުމުން، މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ވިދާޅުވީ، ގަވާއިދަށް ގެނެވުނު މި ބަދަލުގެ ސަބަބުން އެއް ކަމެއްގައި އެކި ހިޔާލުތައް ހުރި ގިނަ މީހުންނަށް ޕެޓިޝަން ހުށަހެޅުމުގެ ފުރުސަތު ފުޅާވެގެންދާނެ ކަމަށެވެ.

އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި މަޖިލީހުގެ އަބަދުވެސް އަމާޒަކީ ރައްޔިތުންނަށް ދެވޭ ފުރުސަތުތައް އިތުރުކޮށް، ވީހާވެސް ބޮޑަށް އާންމުންގެ ބައިވެރިވުން ހޯދުމެވެ.

މަޖިލީހުގެ ގަވާއިދަށް މި ބަދަލު ގެނައީ ފުނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މުޙައްމަދު މަމްދޫޙް ޔޫނުސް ހުށަހެޅުއްވި އިސްލާހަކާ ގުޅިގެންނެވެ.

ކުރިން އޮތް ގަވާއިދުގައި، ކުރިން ހުށަހެޅިފައިވާ ޕެޓިޝަނެއްގައިވާ ކަމަކާ ދެކޮޅަށް ނުވަތަ އެފަދަ ފިޔަވަޅެއް އަލުން އެޅުމަށް އެދި ޕެޓިޝަން ހުށަހެޅުން މަނާކޮށްފައި އޮތް އޮތުން އުވާލުމަށް ފާސްވީ ވޯޓުގައި ބައިވެރިވި 56 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

މި އިސްލާހާ ދެކޮޅަށް 9 މެންބަރަކު ވޯޓު ދެއްވިއެވެ.

މި ބަދަލު ގެނެސްފައިވަނީ ކައުންސިލްތަކުގެ ބިންތައް ސަރުކާރަށް ނެގޭ ގޮތަށް ހުށަހެޅި ބިލު އަނބުރާ ގެންދިއުމަށް އެދި ހުށަހެޅި ޕެޓިޝަނުގައި ސޮއި ހަމަކޮށް، އެ މައްސަލަ ތަޅުމަށް އެޖެންޑާކުރުމަށް ކޮމިޓީން ނިންމާފައި ވަނިކޮށެވެ.

ނަމަވެސް، އެ ބިލު ފާސްކުރުމަށް ތާއީދުކޮށް ސަރުކާރު ހިންގާ ޕީއެންސީގެ ސަޕޯޓަރުން ވަނީ އެއާ ދެކޮޅަށް އެ ބިލަށް ތާއީދުކުރާ ޕެޓިޝަނެއް މަޖިލީހަށް ހުށަހަޅާފައެވެ. މިއަދުގެ ޖަލްސާގައި މި ދެ ޕެޓިޝަނަށްވެސް ބަހުސްކޮށް ވޯޓަށް އަހާނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް