ހއ. ދިއްދޫގައި ތަރައްގީކުރި ރޯ ހައުސް
ހއ. ދިއްދޫގައި ތަރައްގީކުރި ރޯ ހައުސް
ނިމިދިޔަ އެމްޑީޕީ ސަރުކާރުން ހއ. ދިއްދޫގައި ތަރައްގީ ކުރަން ފެށި 75 ރޯހައުސްގެ މަސައްކަތް އެއްކޮށް ނިންމާލައިފި ކަމަށް އެ މަޝްރޫއުގެ ކޮންޓްރެކްޓަރު އެސްޖޭ ކޮންސްޓްރަކްޝަނުން ބުނެފިއެވެ.

އެ ކުންފުނިން މަޢުލޫމާތު ދޭ ގޮތުގައި އިމާރާތްތަކުގެ ހުރިހާ މަސައްކަތެއް މިހާރު ވަނީ ނިމިފައެވެ. އަދި މިހާރު ކުރިއަށް ދަނީ އެ ރޯހައުސްތައް ހައުސިން މިނިސްޓްރީއާ ރަސްމީކޮށް ހަވާލުކުރުމުގެ އެންމެ ފަހުގެ މަރުހަލާގެ މަސައްކަތްތަކެވެ.

ޖުމްލަ 120 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ އަމަލީ މަސައްކަތް އެސްޖޭ ކޮންސްޓްރަކްޝަނުން ފަށާފައިވަނީ 2022 ވަނަ އަހަރުގެ ތެރޭގައެވެ.

ދެ ބުރިއަށް އިމާރާތްކޮށްފައިވާ މި ރޯހައުސްތަކުގެ ތެރެއިން ކޮންމެ ޔުނިޓެއްގައި ތިން ކޮޓަރިއާއި، ތިން ފާހަނައާއި، ބަދިގޭގެ އިތުރުން ލިވިންގް ރޫމެއް ހިމެނޭކަމަށް ހައުސިން މިނިސްޓްރީން މީގެ ކުރިން ވަނީ ހާމަކޮށްފައެވެ. މީގެ އިތުރުން، މުޅި ސަރަހައްދުގެ ވަށައިގެންވާ މަގުތަކުގައި ބޮކި ހަރުކުރުމާއި، މަގުތައް ހެދުމުގެ އިތުރުން ޕާކިން އޭރިއާއެއް ގާއިމުކުރުންވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.

މި ރޯހައުސްތަކަށް ކުރިމަތިލުމުގެ ފުރުސަތު 2023 ވަނަ އަހަރު ދިއްދޫގެ ރައްޔިތުންނަށް ހުޅުވާލި ކަމުގައިވީ ނަމަވެސް، އެ ތަންތަން ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު ހައުސިން މިނިސްޓްރީން މިހާތަނަށް އާންމުކޮށްފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު